ޓްރެންޑިންގLoading...
Logo
ރަންވޭގެ ހިލަ ފަށަލަ އެޅުމުގެ މަސައްކަތް ކުރިޔަށް އޮތް ތިން ދުވަސް ތެރޭ ނިއްމާލެވޭނެކެމަށް ލަފާ ކުރެވޭ  -  ޝާހިދު
ޚަބަރު

ރަންވޭގެ ހިލަ ފަށަލަ އެޅުމުގެ މަސައްކަތް ކުރިޔަށް އޮތް ތިން ދުވަސް ތެރޭ ނިއްމާލެވޭނެކެމަށް ލަފާ ކުރެވޭ - ޝާހިދު

September 9, 2011ތާރިގް

ފުވައްމުލަކު އެއާޕޯޓުގެ ރަންވޭގައި އަޅަމުންގެންދާ ހިލަ ފަށަލަ އެޅުމުގެ މަސައްކަތް ކުރިޔަށް އޮތް ތިން ދުވަހުގެ ތެރޭގައި ނިއްމައިލެވޭނެ  ކަމަށް ލަފާކުރެވޭކަމުގައި، އެއާޕޯޓް ޕްރޮޖެކްޓް މިހާރު ކުރިޔަށް ގެންދާ އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ. 

ކައްޓެޅިއަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ ހިލަ ފަށަލަ އެޅުމުގެ މަސައްކަތުގެ 70 އިންސައްތަ އަށްވުރެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމުގައެވެ. 1200 މީޓަރުގެ ދިގު ރަންވޭގައި ހިލަ ފަށަލަ އަޅަނީ 150 މިލިމީޓަރުގެ ބޯމިނުގައެވެ. ހިލަ ފަށަ އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އެސްޓީއޯއިން ކުރިޔަށް ގެންދާ މި މަސައްކަތުގައި، ހިލަ ފަށަލަ އަޅައި ނިމުމުން ދެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހިލަ ފަށަލައިގެ މައްޗަށް ތާރު އެޅުމެވެ.

ރަންވޭއަށް ތާރު އެޅުމަށްޓަކައި ބޭނުންވާ ހިލައާއި ބައެއް އިތުރު ސާމާނު އައްޑޫ ސިޓީގެ ހިތަދޫ ބަނދަރާ ހަމައަށް މިހާރު ގެނެވިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އިތުރަށް ބޭނުންވާ ބައެއް ތަކެތި ގެނައުމަށް ޝެޑިއުލް ކުރެވިފައިވާގޮތަށް ކުރިޔަށް ދާކަމަށްވެސް ޝާހިދު މައުލޫމާތު ދެއްވިއެވެ.

"މިމަސައްކަތް މޫސުމަށް ވަރަށް ބޮޑަށް އެބަ ޑިޕެންޑްވޭ، ހިތަދޫ ޕޯޓުން ފުވައްމުލަކަށް މުދާގެންދިއުމުގަވެސް އެބަ ދަތިވޭ މޫސުން ގޯސްވުމުން، މިދިޔަ ދެދުވަހުވެސް ތަންކޮޅެއް ދަތިކޮށް މިދިޔައީ، އަދި ވާރޭ ވެހޭ ދުވަހެއްގާ ތާރެއްނޭޅޭނެ، ތާރު އެޅޭނީ މުސުން ވަރަށް ރީތިކޮށް އަވިދީފަ އޮވެގެން، މިހުރިހާ ކަމެއް ރަނގަޅަށް ދިމާވެއްޖެއްޔާ އަންނަމަހު 25 އަށް ތާރުއަޅާ ނިންމާލެވޭނެކަމަށް މިބަލަނީ" ޝާހިދު ވިދާޅުވިއެވެ. 

ސާކް ސަމިޓަށް އެއާޕޯޓް ނިއްމުމަށްޓަކައި ވަރަށް ބޮޑަށް ދަނީ މަސައްކަތް ކުރަމުންނެވެ. ރަންވޭގައި ހިލަ ފަށަލަ އެޅުމުގެ މަސައްކަތް ކުރިޔަށް ދާއިރު، ޓާމިނަލް ބިލްޑިންގއާއި، ފަޔަރ ހައުސްއާއި، ކޮންޓްރޯލް ޓަވަރު ހެދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ފަޔާބިލްޑިންގްގެ ސްޓްރަކްޗާރ ރޭނުމުގެ މަސައްކަތުގެ ބޮޑުބައި މިހާރުވަނީ ނިމިފައެވެ. އަދި ޓާމިނަލް ބިލްޑިންގުވެސް ފައުންޑޭޝަން އަޅާނިމި ރޭނުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.

އެއާޕޯޓްގެ މަސައްކަތް ނިމުމަކަށް ދާން ކައިރިވެފައިވާއިރު، އެއާޕޯޓުގެ ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމުގައިވެސް ޝާހިދު ކައްޓެޅިއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. މިގޮތުން ފަޔަރ ސަރވިސްއަށް ބޭނުންވާ ފަޔަރ ލޮރީފަދަ ތަކެއްޗަކީ އޯޑަރ ދިނުމުން، އެތަކެތި ލިބުމަށް ހައެއްކަ މަސް ނަގައި ތަކެތިކަމަށް ވާތީ ގަން އެއާޕޯޓާ، ޖީއެމްއާރާ ވާހަކަ ދައްކައިގެން ވަގުތީ ސެޓަޕެއް ގާއިމު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޝާހިދު ވިދާޅުވިއެވެ.  ކޮންޓްރޯލް ޓަވަރައް ބޭނުންވާ އިކްއިޕްމަންޓްސް އެޕްރޫވް ކުރެވި، ފްރިކްއެންސީ އެޕްރޫވަލްގެ މަސައްކަތް ވެސް މިހާރު ކުރިޔަށް ދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ފުވައްމުލަކު އެއާޕޯޓުގައި މަސައްކަތް ކުރުމަށް ފަސް މުވައްޒަފަކު ހޯދުމަށް އެސްޓީއޯއިން އިއުލާނުކޮށް މުވައްޒަފުން ހޯދދުމުގެ މަސައްކަތްވެސް މިހާރުވަނީ ފަށައިފައެވެ. މި މުވައްޒަފުން އައްޑޫ އެއާޕޯޓަށް ފޮނުވައިގެން ތަމްރީނު ކުރުމަށް އެސްޓީއޯއިންވަނީ ހަމަޖައްސައިފައެވެ.

ފުވައްމުލަކު އެއާޕޯޓްގެ ގްރައުންޑް އަދި ޕެސެންޖަރ ހޭންޑްލިންގ އައިލެންޑް އޭވިއޭޝަނުން ބަލަހައްޓާގޮތަށް ހަމަޖައްސައިފައިވާކަމަށާއި، އެއާޕޯޓް ހުޅުވެންވާއިރަށް އަލިފާން ނިއްވާ ސާމާނު ނުލިބޭނެތީއާއެކު ވަގުތީ ގޮތުން ފަޔާސާވިސަސް ހިންގުން އެމްއެންޑީއެފާއި ގުޅިގެން މިކޮޅުގަތިބި ސިވިލް ފަޔަރ މަނުން ބޭނުންކޮށްގެން ކުރިއަށް ގެންދަން ވިސްނަމުންދާކަމުގައި ޝާހިދު މައުލޫމާތު ދެއްވިއެވެ. އަދި މި މީހުން ތަމްރީނު ކުރުމަށް އައްޑުއަށް ފޮނުވުމަށް ޚިޔާލު ކުރެވިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ