ޓްރެންޑިންގLoading...
Logo
އެއާޕޯޓް އަންނަ މަހު 25 ގައި ހުޅުވަނީ
ޚަބަރު

އެއާޕޯޓް އަންނަ މަހު 25 ގައި ހުޅުވަނީ

September 27, 2011ތާރިގް

ފުވައްމުލަކުގައި ހަދަމުން ގެންދާ ޑޮމެސްޓިކް އެއާޕޯޓްގެ މަސައްކަތްތައް  އޮކްޓޯބަރ މަހުގެ ފަހުކޮޅު ނިމި،  އޮކްޓޯބަރ މަހުގެ 25 ގައި އެއާޕޯޓް ހުޅުވޭނެކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯއިން ފުވައްމުލަކުގައި ހަދަމުންގެންދާ އެއާޕޯޓާބެހޭގޮތުން އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ޝާހިދު އަލީ ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ  އެއާޕޯޓުގެ 80 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާކަމަށާއި ހުރިހާ މަސައްކަތެއް ނިއްމުމަށްފަހު އޮކްޓޯބަރ 25 ގައި އެއާޕޯޓް އޮޕަރޭޓް ކުރަން ފެށޭނެ ކަމުގައެވެ.

"އަޅުގަނޑުމެންގެ މަގުޞަދަކީ ސާކްސަމިޓަށް ވަޑައިގަންނަވާ ބޭފުޅުންގެ ކުރިން އެއާޕޯޓަށް ފުލައިޓްތައް އޮޕަރޭޓް ކުރެވޭ ގޮތް ހެދުން.އެގޮތުން 25 ގައި ފުލައިޓްތައް އޮޕަރޭޓް ކުރެވޭވަރުވާނެ" ޝާހިދާ ހަވާލާދީ ސަންގައި ބުނެފައި ވެއެވެ.

އެއާޕޯޓްގައި މިހާރު ކުރަމުން ގެންދަނީ ރަންވޭގެ ހިލަ ފަށަލަ އެޅުމުގެ މަސައްކަތާއި ޓާމިނަލް ބިލްޑިންގއާއި، ފަޔަރ ހައުސްއާއި، ކޮންޓްރޯލް ޓަވަރު ހެދުމުގެ މަސައްކަތެވެ.  ފަޔާބިލްޑިންގްގެ ސްޓްރަކްޗާރ ރޭނުމުގެ މަސައްކަތުގެ ބޮޑުބައި މިހާރުވަނީ ނިމިފައެވެ. އަދި ޓާމިނަލް ބިލްޑިންގުވެސް ފައުންޑޭޝަން އަޅާނިމި ރޭނުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. ރަންވޭއަށް ތާރު އެޅުމުގެ މަސައްކަތް މި ފެށޭ ހަފުތާގައި ފެށޭނެކަމަށްވެސް ޝާހިދު ކައްޓެޅިއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވެއެވެ.

އެއާޕޯޓްގެ މަސައްކަތް މި ފެށޭ އޮކްޓޯބަރ މަހުގެ 25 މުޅިން ނިއްމާލެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް މި ހަފްތާތެރޭ ކައްޓެޅިއަށް ދެއްވި އިންޓަވިއުގައި ޝާހިދު ވިދާޅުވެފައި ވެއެވެ. އަދި އެއާޕޯޓްގެ ޚިދުމަތް ފަށައިގަތުމަށް ޓަކައި އެއާޕޯޓްގައި ގާއިމްކުރަންޖެހޭ ވަޞީލަތްތައް ހޯދުމުގެ މަސައްކަތާއި މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދަވާކަމަސްވެސް ވިދާޅުވެފައި ވެއެވެ.

ފުވައްމުލަކު ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ފުވައްމުލަކު އެއާޕޯޓް މިއަހަރުގެ ނޮންބަރ 11 އަށް ހުޅުވޭނެކެމަށް، މިމަހު ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި ފުވައްމުލަކު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވެއެވެ. އަދި ފުވައްމުލަކާއި މާލެއާ ދެމެދު ހަފްތާއަކު ދަތުރުކުރާ ތިރީހެއްހާ މީހުންގެ ދަތުރުން ލިބޭ ފައިސާއިން އެއާޕޯޓް ހިންގުމުގެ ޚަރަދު ދެކޮޅު ނުޖެއްސޭނެކަމަށް ވިދާޅުވެ، ޚަރަދުތައް ދެކޮޅުޖެއްސުމަށްޓަކައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ގަސްތުކޮށްފައިވާ ވިދާޅުވެދެއްވިއެވެ.

"އެއަރޕޯޓްގެ ދެކޮޅު ޖެއްސުމަށްޓަކައި ސަރުކާރުން މިހާރު ވިސްނާފައިވަނީ، މިރަށުގައި ސަރުކާރުން ހޮޓަލެއް އަޅާން. ޓުއަރިސްޓް ހޮޓަލެއް މިރަށުގައި އަޅައި، އެ ހޮޓާ ހިންގުން ބަޔަކާ ޙަވާލުކޮށްގެން، މިތަނަށް ޓުއަރިސްޓުން ގެނައުމުގެ މަސައްކަތް، މިހާރަށްވުރެ ބޮޑަށް ސަރުކާރުން ސީދާ ބައިވެރިވެގެން އެކަން ކުރާން. ސަރުކާރުގެ ވިސްނުމަކީ، އެއަރޕޯޓާއި، މިދެންނެވި ހޮޓާ، އިރާދަކުރެއްވިއްޔާ، ނޮވެމްބަރ 10 ވަނަ ދުވަހު ތިޔަބޭފުޅުންނާ ޙަވާލުކުރުން. ސަރުކާރުގެ އަމާޒަކީ، މިދެންނެވި އެއަރޕޯޓްވެސް އަދި މިދެންނެވި ހޮޓާވެސް ރަށުގެ ކައުންސިލާ ޙަވާލުކުރުން. މާލޭގައި ތިބެގެން އަޅުގަނޑުމެން އެއަށް އަތްލައި، އެއަށް ގޮތް ކިޔައި، އެއިން ފައިދާ ހޯދާކަށް ބޭނުމެއް ނޫން. ތިޔަބޭފުޅުންގެ ތަރައްޤީއަށްޓަކައި އެކަންކަން ބޭނުން ކުރެވުނީމާ، މުޅި ރާއްޖޭގެ ރައްޔިތުންނަށްވެސް ފައިދާވާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއާޕޯޓް ރަށުގެ ކައުންސިލާ ހަވާލުކުރައްވާނެކަމުގެ އިސާރާތެއް ރައީސްގެ ވާހަކަފުޅުގައި ދެއްވާފައިވިޔަސް އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ޝާހިދު އަލީ ވިދާޅުވިކަމަށް ސަންގައި ބުނެފައިވަނީ އެއާޕޯޓް ހިންގާނީ އެސްޓީއޯ އިންކަމުގައެވެ.

"އެއާޕޯޓް ހިންގާނީވެސް އަޅުގަނޑުމެން" ޝާހިދު ވިދާޅުވިކަމަށް ސަންގައި ވެއެވެ.

މަސައްކަތް ނިއްމުމަށްފަހު ނޮވެންބަރ 10 ގައި ހަވާލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ހޮޓަލުގެ މަސައްކަތް އަދި ފެށައިފައެއް ނުވެއެވެ.

ފުވައްމުލަކު އެއާޕޯޓްގެ ބިޑް ކާމިޔާބުކުރި ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގ އިން އެއާޕޯޓް ތަރައްގީ ކުރުމަށް އުފެއްދި ޖޮއިންޓްވެންޗަރ ކުންފުނިކަމަށްވާ ޕްލެޓިނަމް އިންވެސްޓްމަންޓް އެސްޓީއޯއިން ގަތުމާ ގުޅިގެން އެއާޕޯޓުގެ މަސައްކަތް މިހާރު ކުރިޔަށް ގެންދަނީ އެސްޓީއޯއިންނެވެ. 1200 މީޓަރުގެ ދިގު ރަންވޭއަކާއެކު ފުވައްމުލަކުގައި ތަރައްގީކުރަމުންދާ އެއާޕޯޓްގެ މަސައްކަތަށް 7.5 މިލޔަން ޑޮލަރު (115 މިލިޔަން ރުފިޔާ) ޚަރަދުވާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

  

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ