
ވެސްޓްރޭޑް ބޮޑުބެޗެލެންޖް 2026 ގެ ސެމީފައިނަލްގެ ޖާގަތައް ކަށަވަރު ވެއްޖެ
އަށް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުޅެވެމުންދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ހޯދަޑު އެކަޑަމީއާއި ދަށިކިޅި ކްލަބް ބައްދަލުކޮށް ނުވަ ލަނޑު ސުން ލަނޑުން މެޗު ކާމިއާބު ކުރީ ދަށިކިޅި ކްލަބުންނެވެ. ދަށިކިޅި ކްލަބް ގެ ލަނޑުތައް ކާމިއާބުކޮށްފައިވަނީ އެ ޓީމުގެ އަހްމަދު ޖަވާދު(ޖ11)، އަލީ މައުލޫފް އިބްރާހިމް (ޖ17)، ނިހާން އަމް(ޖ27)، މާން އަހްމަދު (ޖ 14)، ހަމަދު ހުސެއިން އަލީ (ޖ 18) ، ޔޫސުފް ޝަރަފުއްދީން (ޖ 9)، އަދި މުހައްމަދު ޝަޔާން މޫސާ (ޖ7)އެވެ ޝަޔާން ވަނީ ތިންލަނޑު ކާމިޔާބުކޮށްދީފައެވެ. އެއާއެކު މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ޝަޔާންއެވެ.
ދެވަނަމެޗުގައި ޑީ.އެސް.އާރު.ސީ ޖޫނިއާސް އާއި ޔުނައިޓެޑް ދިގުވާނޑު ބައްދަލުކުރިއިރު މި މެޗު ކާމިއާބުކޮށްފައި ވަނީ ފަހެއް ދޭއްގެ ނަތީޖާއަކުން ޔުނައިޓެޑް ދިގުވާނޑު އިންނެވެ. މިމެޗުގައި ޔުނައިޓެޑް ދިގުވާނޑު ލަނޑުތައް އަހްމަދު ބައްސާމް މުހައްމަދު(ޖ11) މުހައްމަދު ވިޝާހް އިބްރާހިމް އަދި އލީ ހައިސަމް ކާމިޔާބުކޮށްދިން އިރު ބައްސާމް ވަނީ ދެ ގޯލް ކާމިޔާބުކޮށްދީފައެވެ. އަދި އަނެއް ގޯލަކީ ޑީ.އެސް.އާރު.ސީ ޖޫނިއާސް ގެ ލިބާން އާގިސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގައި ޑީއެސްއާރުސީ ގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ އަލީ ރަޔާން މުހައްމަދު(ޖ11) އަދި މުޙައްމަދު ލޫތު އާގިސް(ޖ9) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔުނައިޓެޑް ދިގުވާނޑަށް ދެލަނޑު ކާމިޔާބުކޮށްދިން އެޓީމުގެ އަހްމަދު ބައްސާމް މުހައްމަދު (ޖ11 )އެވެ.
މުބާރާތުގެ ތިންވަނަ މެޗުގައި ގަލޯނާ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ދިގުވާނޑު ސްޓްރައިކާސްގެ މައްޗަށް ކުރި ހޯދާފައިވަނީ ތިންލަނޑު ދެލަނޑުންނެވެ. މި މެޗުގައި ގަލޯނާ ސްޕޯޓްސް ކްލަބްގެ ލަނޑުތައް އެ ޓީމްގެ އަހްމަދު ސިނާހް(ޖ20) އަދި އިސްމާއިލް މާދިހް ކާމިޔާބުކޮށްދިން އިރު ޔުނައިޓެޑް ދިގުވާނޑު ސްޓްރައިކާރސް ގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ އަލީ ޝިނާޒް ހުސެއިން(ޖ7) އަދި އިބްރާހިމް ޝުޖާއު (ޖ9)އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގަލޯނާ ސްޕޯޓްސް ކްލަބަށް ދެ ގޯލް ކާމިޔާބުކޮށްދިން އެ ޓީމުގެ އަހްމަދު ސިނާހް އެވެ.
މުބާރާތުގެ ހަތަރުވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ އައްޔަނި އެސް.ސީ އާއި ހޯދަޑު އެކަޑަމީ އެވެ. މިމެޗު 21 ލަނޑު އެއް ލަނޑުގެ ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބުކޮށްފައިވަނީ އައްޔަނި އެސް.ސީ އިންނެވެ. މިމެޗުގައި އެ ޓީމުގެ އަލީ ޝަމާލް އަބްދުﷲ(ޖ17) ނުވަ ލަނޑު ޖެހި އިރު ހުސެއިން ޝަރީފް (އޮންލީ)،(ޖ6) އަދި އިސމާއިލް އަލީފް އަހްމަދު(ޖ34) ވަނީ ކޮންމެ ކުޅުންތެރިއަކު ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. މީގެއިތުރުން މުޙައްމަދު ނާޒިހް ނަޖްމީ (ޖ11) އަދި މުޙައްމަދު މަޙްދޫމް އަހްމަދު(ޖ19) މީގެތެރެއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެގޯލް ކާމިޔާބުކޮށްފައެވެ. އެޓީމުގެ އަނެއް ލަނޑު ޖަހާފައިވަނީ އަބްދުﷲ ރަޝީދު (ޖ5)އެވެ. ހޯދަޑު އެކަޑަމީގެ ހަމައެކަނި ލަނޑު އެޓީމުގެ ޔޫނުސް އަބްދުﷲ މުފީދު ކާމިޔާބުކުރި އިރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އައްޔަނި ސްޕޯޓްސް ކްލަބަށް ނުވަ ގޯލް ކާމޔާބުކޮށްދިން އަލީ ޝަމާލް އަބްދުﷲ (ޖ17) އެވެ.
ފަސްވަނަ މެޗުގައި ދަށިކިޅި ކްލަބް އާއި ހޯދަޑު ސްޕޯޓްސް ކްލަބް ބައްދަލުކުރި އިރު މި މެޗު ނުވަ ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްފައި ވަނީ ހޯދަށު ސްޕޯޓްސް އިންނެވެ. މިމެޗުގައި ހޯދަޑު ސްޕޯޓްސްގެ އަހްމަދު އަފްލާޒް(ޖ10) ހަތަރު ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ. އަދި އާރިފް އަހްމަދު (ޖ6) ދެލަނޑު ކާމިޔާބު ކޮށްދިން އިރު އަލީ ޝިޔާހް (ޖ17)، މުޙައްމަދު އާސިމް(ޖ30) އަދި އަހްމަދު ނާއިމް އިބްރާހިމް (ޖ7) ވަނީ ކޮންމެ ކުޅުންތެރިޔަކު އެއް ގޯލު ކާމިޔާބު ކޮށްދީފައެވެ. މެޗުގައި ދަށިކިޅި ކްލަބުން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަހްމަދު އަޖްޒަލް އަބްދުﷲ (ޖ5)އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހޯދަޑު ޓީމަށް ހަތަރު ލަނޑު ކާމިޔާބުކޮށްދިން އެ ޓީމުގެ އަހްމަދު އަފްލާޒް (ޖ4)އެވެ.
ޔުނައިޓެޑް ދިގުވާނޑާއި ގަލޯނާ ސްޕޯޓްސް ކްލަބް ބައްދަލުކުރި މުބާރާތުގެ ހަވަނަ މެޗު ދެލަނޑު އެއް ލަނޑުން ކާމިޔާބުކޮށްފައި ވަނީ ޔުނައިޓެޑް ދިގުވާނޑުންނެވެ. މެޗުގައި އެ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދީފައި ވަނީ އަހްމަދު ބައްސާމް މުޙައްމަދު(ޖ11) އަދި އަލީ ހައިސަމް (ޖ7)އެވެ. ގަލޯނާ ސްޕޯޓްސް ކްލަބް ގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައި ވަނީ އެ ޓީމްގެ ޒަޔާން ޝަރީފް (ޖ4)އެވެ. މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދީ ޔުނައިޓެޑް ދިގުވާނޑުގެ އަލީ ހައިސްމް (ޖ7)އެވެ.
މުބާރާތުގެ ހަތްވަނަ މެޗު ޔުނައިޓެޑް ދިގުވާނޑު ސްޓްރައިކާސް އާ ވާދަކޮށް ތިންލަނޑު އެއް ލަނޑުން ކާމިޔާބުކުރީ ޑީ.އެސް.އާރު.ސީ ޖޫނިއާސް އިންނެވެ. މެޗުގައި ޑީ.އެސް.އާރު.ސީ ގެ ލަނޑުތައް ކާމިޔާބުކޮށް ދީފައިވަނީ އެ ޓީމުގެ އައިމަން މުޙައްމަދު ޒާހިރު(ޖ10) އަދި އަހްމަދު ޔަޝަމް ފަރުހާދް (ޖ19)އެވެ. ޔުނައިޓެޑް ދިގުވާނޑު ސްޓްރައިކާސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައި ވަނީ އެ ޓީމުގެ އަހްމަދު މައުތޫފް އިބްރާހިމް (ޖ4 )އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޑީ.އެސް.އާރު.ސީ އަށް ދެ ގޯލް ކާމިޔާބުކޮށްދިން އަހްމަދު ޔަޝަމް ފަރުހާދެވެ.
ހޯދަޑު އެކަޑަމީ އާއި ހޯދަޑު ސްޕޯޓްސް ކްލަބް ބައްދަލުކުރި މުބާރާތުގެ އަށްވަނަ މެޗު 18 ލަނޑު އެއް ލަނޑުގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ހޯދަޑު ސްޕޯޓްސް އިންނެވެ. މެޗުގައި ހޯދަޑު ސްޕޯޓްސްގެ އަހްމަދު އަފްލާޒް (ޖ10) 12 ލަނޑު ކާމިޔާބުކޮށްދިން އިރު އަހްމަދު ނާއިމް(ޖ7) އަދި އަހްމަދު ހަމީދު (ޖ98) ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން އެޓީމުގެ މުހައްމަދު އިޔާޝް އަހްމަދު (ޖ9) އަދި އަހްމަދު މަނާލް(ޖ5)ވަނީ ކޮންމެ ކުޅުންތެރިޔަކު އެއް ގޯލް ކާމިޔާބު ކޮށްފައެވެ. މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދީ ހޯދަޑު ސްޕޯޓްސް ކްލަބަށް 12 ލަނޑު ކާމިޔާބުކޮށްދިން އެ ޓީމްގެ އަހްމަދު އަފްލާޒް އެވެ.
މުބާރާތުގެ ނުވަ ވަނަމެޗް ދަށިކިޅި ކްލަބްއާ ވާދަކޮށް އައްޔަނި އެސްސީއިން ކާމިޔާބުކޮށްފައިވަނީ ހަލަނޑު އެއް ލަނޑުންނެވެ. މި މެޗުގައި އައްޔަނި އެސް.ސީގެ ހުސެއިން ޝަރީފް (އޮންލީ)،(ޖ6) އަދި އަލީ ޝަމާލް އަބްދުﷲ (ޖ17) ވަނީ ކޮންމެ ކުޅުންތެރިއަކު ދެގޯލް ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން އެ ޓީމުގެ ޝަނާން ރަޝާދު (ޖ9) އަދި އަބްދުﷲ ރަޝީދު (ޖ5) ވަނީ ކޮންމެ ކުޅުންތެރިއަކު އެއް ލަނޑު ކަމިޔާބުކޮށްފައެވެ. ދަށިކިޅި ކްލަބްގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ އަހްމަދު ޖަވާދު(ޖ11)އެވެ. މި މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދީ އައްޔަނި އެފްސީއަށް ދެގޯލް ކާމިޔާބުކޮށްދިން ހުސެއިންޝަރީފް(އޮންލީ)އެވެ.
މުބާރާތުގެ 10 ވަނަ މެޗު ޑީއެސްއާރުސީ އާއި ބައްދަލުކޮށް ހަތަރު ލަނޑު އެއް ލަނޑުން ކާމިޔާބުކުރީ ގަލޯނާ ސްޕޯޓްސް އިންނެވެ. މެޗުގައި ޑީއެސްއާރުސީގެ ހަމައެކަނި ލަނޑު މުޙައްމަދު ލޫތު އާގިސް(ޖ9) ކާމިޔާބުކުރި އިރު ގަލޯނާ ސްޕޯޓްސް ކްލަބްގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ އަހްމަދު ސިނާހް (ޖ20)، ޒަޔާން ޝަރީފް(ޖ4) އެވެ. އަދި އަނެއް ލަނޑަކީ ޑީއެސްއާރުސީ ޖޫނިއާސްގެ އައިމަން މުހައްމަދު ޒާހިރު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަހްމަދު ސިނާހް ވަނީ މިމެޗުގައި ގަލޯނާ ސްޕޯޓްސް ކްލަބް އަށް ދެ ގޯލް ކާމިޔާބުކޮށްދީފައެވެ. މިއާއެކު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އޭނާއެވެ.
މުބާރާތުގެ 11ވަނަ މެޗުގައި ޔުނައިޓެޑް ދިގުވާނޑު އަދި ޔުނައިޓެޑް ދިގުވާނޑު ސްޓްރައިކާސް ބައްދަލުކުރި މެޗު 19 ލަނޑު ސުން ލަނޑުގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ޔުނައިޓެޑް ދިގުވާނޑުއިންނެވެ. މިމެޗުގައި އެ ޓީމުގެ އަހްމަދު ބައްސާމް(ޖ11) 14 ލަނޑު ކާމިޔާބުކޮށްދިން އިރު އަހްމަދު އިމްތިނާހް ވަނީ ދެ ގޯލް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެ ޓީމުގެ އަހްމަދު ވިޝާހް އިބްރާހިމް(ޖ10)، އަލީ ޒައިދާން ރަމީޒް(ޖ17) އަދި އިބްރާހިމް އައިހަމް ޝަރީފް ވަނީ ކޮންމެ ކުޅުންތެރިއަކު ގޯލެއް ކާމިޔާބުކޮށްދީފައެވެ. މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދީ މެޗުގައި ޔުނައިޓެޑް ދިގުވާނޑަށް 14 ގޯލު ކާމިޔާބުކޮށްދިން އެ ޓީމުގެ މުހައްމަދު ބައްސާމްއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހުމެޗުގައި ބައްދަލުކުރީ އައްޔަނި އެފްސީ އާއި ހޯދަޑު ސްޕޯޓްސްއެވެ. ރާޖޭގެ ފުޓްސެލްގައި އެންމެ ފުންނާބު އުސް ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މި ދެޓީމްގެ ކުރިމަތިލުން ވާދަވެރި ކުޅުމަކަށްފަހު އެއް ލަނޑު ސުން ލަނޑުން ކާމިޔާބުކުރީ އައްޔަނި އެސް.ސީ އިންނެވެ. މެޗުގެ ހަމައެކަނި ލަނޑު އައްޔަނި އެސްސީއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޝަނާން ރަޝާދު(ޖ9)އެވެ. އަދި މެޗުގެ މޮޅުކުޅުންތެރިޔަކީވެސް ޝަނާންއެވެ.
ގްރޫޕް ސްޓޭޖްގެ މެޗުތައް ނިމުނުއިރު ގްރޫޕް އޭގެ އެއްވަނާގައި އައްޔަނި އެސްސީ އޮތީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ ނުވަ ޕޮއިންޓާއެކުގައެވެ. ހޯދަޑު ސްޕޯޓްސް ކްލަބް ދެވަނާގައި އޮތީ ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ ހަ ޕޮއިންޓާޢެކުގައެވެ. ގްރޫޕް ބީ ގެ އެއްވަނަ ޔުނައިޓެޑް ދިގުވާނޑުން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ހަ ޕޮއިންޓާއެކުގައެވެ. ދެވަނާގައި އޮތް ގަލޯނާ ސްޕޯޓްސް ކްލަބް ދެ މެޗުން މޮޅުވެގެން ލިބިފައިވަނީ ހަ ޕޮއިންޓެވެ.
މިއާއެކު ދެ ގްރޫޕްގެ އެއްވަނަ އަދި ދެވަނަޔަށް އޮތް ޓީމް ކްރޮސްކޮށް ސެމީފައިނަލް ކުޅޭގޮތަށް ހަމަޖެހިގައިވާ މި މުބާރާތުގެ ފުރަތަމަ ސެމީފައިނަލްގައި މިރޭ ގްރޫޕް އޭ ގެ އެއްވަނަ ޓީމް އައްޔަނި އެސް.ސީ ވާދަ ކުރާނީ ގްރޫޕްބީގެ ދެވަނަ ޓީމް ގަލޯނާ ސްޕޯޓްސް ކްލަބްއާއެވެ މިމެޗު ފެށޭގަޑިއަކީ ( 22 އޯގަސްޓް 2026) މިރޭ 20:15 އެވެ. ސެމީފައިނަލް ދެވަނަ މެޗުގައި ގްރޫޕް އޭގެ ދެވަނަ ޓީމް ހޯދަޑު ސްޕޯޓްސް ކްލަބް ނުކުންނާނީ ގްރޫޕް ބީގެ އެއްވަނަ ޓީމް ޔުނައިޓެޑް ދިގުވާނޑު އާއި ދެކޮޅަށެވެ. މިމެޗު ފަށާގަޑިއަކީ މިރޭ 22:00 އެވެ.
ކޮމެންޓް
ލޯޑިންގ...
