
ފަންނާނުންގެ ޚާއްޞަ ޝޯވްތަކެއް ސާކް ސަމިޓާ ގުޅުވައިގެން ބާއްވަނީ
އައްނަ ނޮވެންބަރު މަހު އައްޑޫ ސިޓީއާއި ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ 17 ވަނަ ސާކް ސަމިޓާ ގުޅުވައިގެން ފަންނާނުންގެ ހުނަރު ދައްކައިލުމުގެ ޝޯވތަކެއް ފުވައްމުލަކުގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
ސަމިޓުގެ ހަވާސާ ހަރަކާތެއްގެގޮތުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޝޯވްތަކުގައި ރާއްޖޭގެ މަޝްހޫރު ބައެއް ގްރޫޕްތައްކަމަށްވާ ޑިމްބާ، ހަރުބީ ބޮޑުބެރުގްރޫޕް އަދި އޮލިމްޕިއަންސްވެސް ބައިވެރިވާނެ ކަމަށް ޝޯވތައް އިންތިޒާމުކުރުމުގައި އިސްކޮށް މަސައްކަތް ކުރައްވާ އޮފިޝަލަކު ކައްޓެޅިއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. މަޝްހޫރު އެ ހަނދާނުގައި ރެޓްރޯ ޝޯވގެ ބައެއް ބައިވެރިންވެސް އޮލިންޕިއަންސް އާއެކު އަންނާނޭކަމުގެ ވަރަށްބޮޑު ޔަގީންކަމެއްލިބިފައިވާ ކަމަށް ޝޯވގެ ކަންތައް ކުރިއަށް ގެންދަވާ ޓާސްކް ފޯހުން މައުލޫމާތު ދެއްވައެވެ. މީގެ އިތުރުން ޗައިނާ. ސްރީލަންކާ، އިންޑިއާ، ބަނގުލަދޭޝް އަދި ޗައިނާގެ ފަންނާނުންވެސް މިޝޯވތަކުގައި ބައިވެރިވުމަށް ހަމަޖެހިފައި ވެއެވެ.
ސަރުކާރުގެ ބަޖެޓުން ޚަރަދު ނުކޮށް ސްޕޮންސަރުންގެ އެހީގައި ބޭއްވުމަށް އިންތިޒާމު ކުރެވެމުންދާ މި ޝޯވގައި އައިޓަމްތައް ހުށަހެޅުމުގެ ފުރުޞަތު ފުވައްމުލަކަށްވެސް ވަނީ އާންމުކޮށް ހުޅުވާލައިފައެވެ. މިކަމާބެހޭ މައުލޫމާތު ފުވައްމުލަކުގެ ސްކޫލް މަދަރުސާތަކާއި ކްލަބްޖަމްއިއްޔާތަކާއި ބައްދަލުކޮށް އެފަރާތްތަކަށް ދެވިފައިވާކަމަށް ޝޯވ އިންތިޒާމުކުރާ ޓާސްކް ފޯހުން މައުލޫމާތު ދެއްވައެވެ.
މި ޝޯވތަކާއި އެކު މަޑިއެއްލުން (ކައިޓް ފެސްޓިވަލެއް) ވެސް ފުވައްމުލަކުގައި ބާއްވާ ގޮތައްވަނީ ރޭވިފައެވެ. މިހަރާކަތުގައިވެސް ޗައިނާ، އިންޑިއާ އަދި ބަނގްލަދޭޝްގެ ފަންނާނުބައިވެރިވާނެއެވެ. ކައިޓް ފެސްޓިވަލް ފުވައްމުލަކުގައި ބާއްވާނެ ސަރަހައްދެއް އަދި ކަނޑައަޅައިފައެއް ނުވެއެވެ، ނަމަވެސް ފުވައްމުލަކު ސްޓޭޑިއަމް ސަރަހައްދާއި ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ޝޯވތައް ކުރިޔަށް ގެންދާ ގޮތަށްވަނީ ހަމަޖައްސަވައިފައެވެ.
ކައްޓެޅިއަށް މައުލޫމަތު ދެއްވަމުން ޝޯވތައް އިންތިޒާމުކުރާ ޓާސްކުފޯހުން ވިދާޅުވީ މިކަމާއި ގުޅުވައިގެން ފުވައްމުލަކު ރައްޔިތުންނަށް އިތުރު ފުރުސަތުތަކެއް ހޯދައި ދިނުމުގެ ގޮތުން ޝޯވތައް ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގައި ވިޔާފާރި ސްޓޯލްތަކެއް ހެދުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ފުވައްމުލަކު އަތޮޅުކައުންސިލާ ގުޅިގެން ބައެއް ސްޓޯލްތައް ހަދަން ހަމަޖެހިފައިވާކަމަށާއި މީގެ އިތުރުން ސްޓޯލް ހެދުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށްވެސް އޮއްނާނެ ކަމުގައެވެ. ސްޓޯލްތަކަށް ކުއްޔެއް ދައްކަން ނުޖެހޭގޮތަށް ސްޓޯލްތައް ހެދުމުގެ ފުރުޞަތު ހުޅުވައިލެވިފައިވާއިރު ސްޓޭޑިއަމް ސަރަހައްދުން ހުރިހާ ބާވަތެއްގެ ވިޔަފާރިތަކަށާއި ޚިދްމަތްތަކަށް ސްޓޯލް ހެދުމުގެ ފުރުސަތުދޭން ރާވާފައި ވެއެވެ. ބަނދަރު ސަރަހައްދުގެ ސްޓޯލްތައް ޚާއްސަކުރުމަށް ހަމަޖެހިފައިވަނީ ހޮޓާ ރެސްޓޯރެންޓްތަކަށް ކަމަށް ޓާސްކްފޯހުން މައުލޫމާތު ދެއްވައެވެ.
ފުވައްމުލަކުގެ އިތުރުން އައްޑޫގައިވެސް މި ޝޯވްތައް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. ސާކްސަމިޓުގެ ހަވާސާގައި މިފަދަ ޝޯވތަކެއް ބޭއްވުމުގެ ބޭނުމަކީ އައްޑުއާއި ފުވައްމުލަށް މުޅި ދުނިޔެއަށް އިޝްތިހާރު ކުރުންކަމުގައި ޓާސްކްފޯހުން ވިދާޅުވެއެވެ. އެގޮތުން ރާއްޖޭގެ ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ޖަމްއިއްޔާ މަޓާޓޯ އާއި ގުޅިގެން ޓޫރިސްޓުނަށް މިއިވެންޓް އިޝްތިހާރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށްވެސް ޓާސްކްފޯހުން މައުލޫމާތު ދެއްވައެވެ.
ކޮމެންޓް
ލޯޑިންގ...
