
1.9 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށަނީ
ސަރުކާރުން ފުވައްމުލަކުގައި ކުރިޔަށް ގެންދިއުމަށް ހަމަޖައްސަވާފައިވާ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން މިއަހަރު ހެދުމަށް ހަމަޖެހިފައިވާ 1.9 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް އައްނަ ހޮނިހިރު ދުވަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް ފުވައްމުލަކު ގައުމީ އިދާރާއިން މައުލޫމާތު ދެއްވައިފިއެވެ.
ސަދަން ޔުޓިލިޓީސް އާ ސަރުކާރުން ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، މަގުގައި އެތުރުމަށް ބޭނުންވާ ގައު ފުވައްމުލަކަށް ގެނައުމުގެ މަސައްކަތް އިއްޔެއިން ފެށިގެން ކުރިޔަށްދާކަމަށާއި މަސައްކަތަށް ބޭނުންވާ މެޝިނަރީވެސް ހޮނިހިރުގެ ކުރިން ފުވައްމުލަކަށް ގެއްނާނެކަމަށް ފުވައްއްމުލަކު ގައުމީ އިދާރާގެ ސްޓޭޓް ސެކެއްޓްރީ އިބްރާހިމް ހުޒާމު ކައްޓެޅިއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
1.9 ކިލޯ މީޓަރުގެ ތެރެއިން އެއްމެ ފުރަތަމަ ހެދުމަށް ހަމަޖެހިފައިވަނީ ޣާޒީ މަގު (ހުރަސްމަގު) އެވެ. މިއީ ސާކް ސަމިޓްގެ ކުރިން ނިންމުމަށް ހަމަޖެހިފައިވާ މެގެވެ.
"އެންމެ ފުރަތަމަ ހަދަން ހަމަޖެހިފައިވަނީ ޣާޒީމަގު، އެމަގު މުޅިން ހަދާގޮތަށް ހަމަޖެހިފައިއޮތީ، ސާކްސަމިޓާއި ހަމަޔަށް އެމަގު ނިންމާލެވޭތޯ މަސައްކަތް މިކުރަނީ." ހުޒާމު ވިދާޅުވިއެވެ.
1.9 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަޝްރޫއުގައި ޣާޒީ މަގުގެ އިތުރުން ހެދުމަށް ހަމަޖެހިފައިވަނީ ނައިބު ތުއްތުމަގުން ފެށިގެން އެފްއެސް އާއި ހަމަޔަށާއި، ނައިބު ތުއްތު މަގުން ފެށިގެން ހާފިޒް އަހުމަދު ސްކޫލާއި ހަމަޔަށާއި އަދި ނައިބުތުއްތު މަގުންފެށިގެން ފީނދި ފަންނު މަގުން ގޮސް ތައުލީމީ މަރުކަޒާއި ރަސްމީ ބޯޅަދަނޑު ވަށައިގެން އަދި ނަރުގިސްމަގު އަތޮޅުގޭގެ އާއިމާރާތާ ހަމަޔަށެވެ.
އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަލީ ފަޒާދު ވިދާޅުވީ މިމަގުތަކަށް އިސްކަންދޭން ނިންމީ މިއީ އެންމެ ގިނަބަޔަކު ބޭނުންކުރާމަގުތަކަށްވެފައި އެންމެންނަށް އެއިގެ ފަސޭހަ ލިބިދިނުމަށްޓަކައި ކަމުގައެވެ.
ޣާޒީ މަގު ސާކް ސަމިޓުގެ ކުރިން ނިންމައިގޮތަށް ހަމަޖެހިފައިވިޔަސް މަގު ހެދުމުގެ މަޝްރޫއަކީ ސީދާ ސާކް ސަމިޓާ ގުޅުންހުރި މަޝްރޫއެއް ނޫންކަމަށް ހުޒާމު ވިދާޅުވިއެވެ. އެހެންކަމުން ސާކް ސަމިޓްގެ ކުރިން 1.9 ކިލޯ މީޓަރުގެ މަސައްކަތް ނިއްމައިނުލެވުނަސް ކަނޑައެޅިފައިވާ މިންވަރަށް މަގު ހެދުމުގެ މަސައްކަތް ނިއްމުމަށް ސާކް ސަމިޓްގެ ފަހުންވެސް މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށްވެސް ހުޒާމު ވިދާޅުވިއެވެ.
މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށްވާތީ އުއްމީދުކުރާވަރަށް މަސައްކަތް ކުރިޔަށް ނުގެންދެވޭކަން ހުޒާމު ފާހަގަކުރައްވައެވެ.
މަގުފާރުތަކާއި މުހިއްމު އިމާރާތްތަކުގައި ކުލަ ލުމުގެ މަސައްކަތްވެސް ވިއްސާރައިގެ ސަބަބުން މަޑުޖެހިފައި
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ފެށުމުގެ ކުރިން ރަށުގެ އާބާތުރަފިލުވާ ރީތި ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން މުހިއްމު މަގުތަކާއި އިމާރާތްތަކުގައި ކުލަ ލުމުގެ މަސައްކަތް ވިއްސާރައިގެ ސަބަބުން ނުފެށި ލަސްވަމުން ދާކަމަށް ރަށު ކައުންސިލްތަކުން މައުލޫމާތު ދެއްވައިފިއެވެ.
ބައެއް ރަށު ކައުންސިލްތަކުން ކައްޓެޅިއަށް މައުލޫމާތު ލިބިފައިވާގޮތުގައި މޫސުން ތަންދިންހާ އަވަހަކަށް ކުލަ ލުމުގެ މަސައްކަތް ފެށުމަށް ކައުންސިލްތަކުން ތިބީ ތައްޔާރުވެގެންނެވެ.
ފުވައްމުލައް ޒީނަތްތެރިކުރުމަށްޓަކައި ފުވައްމުލަކު އަތޮޅު ކައުންސިލާއި ރަށުކައުންސިލްތައް ގުޅިގެން ހިންގާ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން އަމީން ކޮންސްޓަރަކްޝަންގެ ޗެއާމަން އަބްދުﷲ މުހައްމަދު ހަތަރުލައްކަ ރުފިޔާގެ ކުލަ ވަނީ ހަދިޔާ ކުއްވައިފައެވެ.
ހަތަރު ލައްކަ ރުފިޔާގެ ކުލަ ފުވައްމުލަކަށް ގެނެސް ދިނުމަށް ހަވާލުކޮށްފައިވަނީ ފްރީ ގޭޓް ފިހާރަޔާއެވެ. ފުވައްމުލަކު އަތޮޅު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ އަޙުމަދު މުޙައްމަދު ވިދާޅުވީ ކުލަ ފުވައްމުލަކަށް ގެނެސް ނިމިފައިވާކަމުގައެވެ. އަދި ރަށު ކައުންސިލުތަކުން އިންތިޒާމުކުރާ ގޮތެއްގެމަތިން ކުލަ ލުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށްޓަކައި ރަށު ކައުންސިލްތަކާ ކުލަ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާކަމުގައެވެ.
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތައް މިމަހުގެ 31 ގައި ފެށޭނެ އެވެ.
ކޮމެންޓް
ލޯޑިންގ...
