ޓްރެންޑިންގLoading...
Logo
ޓްރާންސްޕޯޓް އޮތޯރިޓީން ދޭ ހުރިހާ ޚިދުމަތެއް ފުވައްމުލަކު އަތޮޅު ކައުންސިލުންވެސް ދޭން ފަށަނީ
ޚަބަރު

ޓްރާންސްޕޯޓް އޮތޯރިޓީން ދޭ ހުރިހާ ޚިދުމަތެއް ފުވައްމުލަކު އަތޮޅު ކައުންސިލުންވެސް ދޭން ފަށަނީ

October 19, 2011ތާރިގް

ޓްރާންސްޕޯޓް އޮތޯރިޓީން ދެމުންގެންދާ ހުރިހާ ޚިދުމަތެއް މިމަހުގެ 27 ން ފެށިގެން ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާއިންވެސް ފޯރުކޮށްދިނުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާއިން މައުލޫމާތު ދެއްވައިފިއެވެ.

ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި އަތޮޅު ކައުންސިލުން ހަތަރު ލައްކައެއްހާ ރުފިޔާ އިންވެސްޓް ކޮށްގެން ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަޞީލަތްތައް އަތޮޅު ކައުންސިލްގެ އިދާރާގައި ގާއިމްކޮށް، ޚިދުމަތް ފޯރުކޮށްދޭނެ ފަންނީ މުވައްޒަފުން މިހާރު ތަމުރީނު ކުރެވިފައިވާކަމަށް އަތޮޅު ކައުންސިލް އިދާރައިގެ ޑެޕިއުޓީ ޑިރެކްޓަރ އަޙުމަދު މުޙައްމަދު ކައްޓެޅިއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ. ޚިދުމަތް ފެށޭއިރު ޓްރާންސްޕޯޓް އޮތޯރިޓީން ޚިދުމަތް ފޯރުކޮށްދޭ ފެންވަރުގައި އެއަށްވުރެ ހަލުވިކޮށް ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ އުއްމީދު އޭނާ ފާޅުކުރެއްވިއެވެ.  

ޓްރާންސްޕޮޓް އޮތޯރިޓީން ފޯރުކޮށްދޭ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީކޮށްދިނުމާއި، އެއްގަމާއި ގަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދިނުމަށް ބޭނުންވާ އިމްތިހާނު ބޭއްވުމާއި، ލައިސަންސް ކާޑު ހަދައިދިނުން ހިމެނެއެވެ. މީގެ އިތުރުން ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް ހަދައި ދިނުމާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ބަރުމަރުކާ ރަޖިސްޓްރީކޮށްދިނުމާއި، އޮޑީ ނަންބަރ ދިނުނުމާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ރޯޑްވާދިނަސް ހަދައިދުނުމާއި ޓްރާންސްޕޯޓްގެ ޚިދުމަތްތަކާގުޅޭގޮތުން ދައްކަންޖެހޭ ހުރިހާ ފީތަކެއް ބަލައިގަތުމާއި ދޫކުރަންޖެހޭ ސްޓިކާ ދޫކުރުންވެސް ހިމެނެއެވެ.

ލޯކަލް ކައުންސިލްގެ ޤާނޫނުގެ ދަށުން ފުވައްމުލަކު އަތޮޅު ކައުންސިލުން މިޚިދްމަތްތައް ފުވައްމުލަކުން ލިބިދިނުމަށްޓަކައި ޓްރާންސް ޕޯޓް އޮތޯރިޓީއާއެކު ފުވައްމުލަކު އަތޮޅު ކައުންސިލުންވަނީ މިމަހުގެ 16 ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. 

ގިނަ ބަޔަކު އެ ޚިދުމަތަކަށް ބޭނުންވެފައިވާ އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑު ހަދައިދިނުންވެސް މިމަހުގެ 27 ން ކުރިޔަށް ދާނެކަމަށް އަޙުމަދު މުޙައްމަދު ވިދާޅުވިއެވެ.

"ލައިސަންސް ކާޑު ހަދައިދިނުމަށް ބޭނުންވާ ހުރިހާ ތައްޔާރީއެއްހެން މިހާރުމިވަނީ ނިމިފައި ސެޓަޕް ހެދުމަށް ބޭނުންކުރީ ސޮފްޓްވެއާގެ ޓްރަޔަލް ވާޝަނެއް، ރެޖިސްޓާރޑް ވާޝަނެއް މެލޭޝިއާއިން ގެނައުމަށްޓަކައި މިހާރުވަނީ ޑީއެޗްއެލް އަށް ލާފައި، އެލިބުމުން ހުރިހާ ކަމެއް ފުރިހަމަވާނެ" ޚިދްމަތް ފެށުމުން ލައިސަންސް ޓެސްޓް ހަދާތާ ތިން ދުވަހުގެ ތެރޭ ލައިސަންސް ކާޑު ހަދާދެވޭނެކަމަށްވެސް އަޙުމަދު ވިދާޅުވިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއް ޚިދުމަތްތައް ކުރިންވެސް ފުވައްމުލަކުގައި ދެމުން ގެންގޮސްފައި ވެއެވެ. ނަމަވެސް އެއްމެ އެދެވޭގޮތުގައި ޚިދުމަތް ފޯރުކޮށްދެމުން ނުދާކަން ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ