ޓްރެންޑިންގLoading...
Logo
އެއާޕޯޓުގެ ރަންވޭއަށް ހިލަ އެޅުމުގެ މަސައްކަތް ފަށައިފި
ޚަބަރު

އެއާޕޯޓުގެ ރަންވޭއަށް ހިލަ އެޅުމުގެ މަސައްކަތް ފަށައިފި

September 9, 2011ތާރިގް

ފުވައްމުލަކު އެއާޕޯޓްގެ ރަންވޭ ލެވެލް ކުރުމުގެ މަސައްކަތް ނިއްމުމަށްފަހު، ރަންވޭ ހެދުމަށްޓަކައި އަޅާ ހިލަ ފަށަލަ އެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

     ފުވައްމުލަކު އެއާޕޯޓް ހެދުމުގެ އަމަލީ މަސައްކަތް ކުރަމުން ގެންދާ އަމީން ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަރ ސައުދުﷲ އަޙުމަދު ކައްޓެޅިއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހިލަ ފަށަލަ އެޅުމުގެ މަސައްކަތް އައްނަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ނިއްމައިލެވޭވަރު ވާނެ ކަމުގައެވެ. ހިލަ ފަށަލަ އެޅުމަށް ހަމަޖެހިފައިވަނީ 150 މިލިމީޓަރުގެ ބޯމިނުގައެވެ. 1200 މީޓަރުގެ ރަންވޭގެ ފައިނަލް މަސައްކަތްކަމުގައިވާ ތާރު އެޅުމުގެ މަސައްކަތް ހިލަ އެޅުމުގެ މަސައްކަތް ނިމުމުން ފެށޭނެކަމަށް ސައުދުﷲ ވިދާޅުވިއެވެ. އަދި ރަންވޭގެ މަސައްކަތް ނުހުއްޓި ކުރިޔަށްދާވަރަށް ފުވައްމުލަކަށް ހިލަ ގެނައުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާކަންވެސް އޭނާ ފާހަކަކުރެއްވި އެވެ.

     ސައުދުﷲ މިއަދު ވިދާޅުވީ އެއާޕޯޓްގެ ކޮންޓްރޯލް ޓަވަރާއި، ޓާމިނަލްފަދަ އިމާރާތްތައް ހެދުމުގެ މަސައްކަތް މިހާރު އެކިފަރާތްތަކާ ހަވާލުކުރެވި، އެ މަސައްކަތްވެސް ކުރިޔަށް ދާކަމުގައެވެ. އަމީން ކޮންސްޓްރަކްޝަނުން މަސައްކަތް ކުރަމުން ގެންދަނީ އެއާޕޯޓްގެ މަސައްކަތް އައްނަ މަހުގެ ތެރޭގައި މުޅިން ނިއްމައިލުމަށެވެ.

     ފުވައްމުލަކު އެއާޕޯޓްގެ ބިޑް ކާމިޔާބުކުރި ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގ އިން އެއާޕޯޓް ތަރައްގީ ކުރުމަށް އުފެއްދި ޖޮއިންޓްވެންޗަރ ކުންފުނިކަމަށްވާ ޕްލެޓިނަމް އިންވެސްޓްމަންޓް އެސްޓީއޯއިން ގަތުމާ ގުޅިގެން އެއާޕޯޓުގެ މަސައްކަތް މިހާރު ކުރިޔަށް ގެންދަނީ އެސްޓީއޯއިންނެވެ.    އެސްޓީއޯގެ މެނޭޖިންގޑައިރެކްޓަރ ޝާހިދު އަލީ މީޑިޔާއަށް މައުލޫމާތު ދެއްވަމުން ކުރިން ވިދާޅުވެފައިވަނީ މެޓީރިއަލްސް ލިބުމުގެ ދަތިކަމެއްނެތި މަސައްކަތް ކުރިޔަށްދާނަމަ އައްނަ އޮކްޓޯބަރ މަހުގެ 15 ގެ ކުރިން އެއާޕޯޓުގެ މަސައްކަތް ނިއްމައިލެވޭނެކަމުގައެވެ.

     މިމަހުގެ ދެވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައިވަނީ ފުވައްމުލަކު އެއާޕޯޓާއި، 12 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ނިއްމުމަށްފަހު އައްނަ ނޮވެންބަރ މަހުގެ 10 ވަނަ ދުވަހު ފުވައްމުލަކު ރައްޔިތުންނާ ހަވާލުކުރައްވާނެ ކަމުގައެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ