
މޫސުން ތަންދޭނަމަ ޑޯނިއާ ފްލައިޓް ޖެއްސޭވަރަށް ރަންވޭގެ މަސައްކަތް މިއަދު ހަވީރަށް ނިމޭނެ: ޝާހިދު
މޫސުން ތަންދޭނަމަ ޑޯނިއާ ފްލައިޓް ނުވަތަ އެ ސައިޒުގެ ފްލައިޓް ޖެއްސޭވަރަށް ރަންވޭގެ މަސައްކަތް މިއަދު ހަވީރަށް ނިންމައިލެވޭ ނޭކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝާހިދުއަލީ ވިދާޅޫވެއްޖެއެވެ.
ކައްޓެޅިއަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ 24 މީޓަރު ފުޅާމިނުގައި އެއާޕޯޓުގެ ދިގުމިނަށް (1200 މީޓަރަށް) ތާރު އަޅައި ނިމުމުން ޑޯނިއާ ފްލައިޓް ތަކަށް ޖެއްސޭނޭ ކަމުގައެވެ. ޑޯނިޔާއަކީ 16 މީހުންގެ ޖާގައިގެ ކުޑަ ފުލައިޓެކެވެ. މި ސައިޒުގެ ފުލައިޓް ޖެއްސުމުގެ ހުއްދަ ހޯދުމަށް ސިވިލް އޭވިއޭޝަންގައި އެސްޓީއޯއިން މިހާރުވަނީ އެދިފައެވެ. މިރޭ ނުވަތަ މާދަމާ ސިވިލް އޭވިއޭޝަންގެ ޖަވާބެއް ލިބޭނޭކަމަށް ޝާހިދު ވިދާޅުވިއެވެ.
ފުވައްމުލަކުގައި އައްނަ އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކްރިކެޓް މުބާރާތުގައި ވާދަކުރާ ޓީމްތައް އައްޑޫ ސިޓީން ފުވައްމުލަކަށް ގެނައުމަށް ސަރުކާރުގެ ވިސްނުން އެންމެބޮޑަށް ހުރީ ފުވައްމުލަކު އެއާޕޯޓް ބޭނުން ކޮށްގެންނެވެ. އެހެންކަމުން އެވަގުތު ޖެހެންވާއިރަށް ފުވައްމުލަކު އެއާޕޯޓުގައި ފްލައިޓް ޖެއްސޭވަރުކުރުމަކީ މިވަގުތު އެންމެބޮޑު އެއް އަމާޒުކަމުގައި ޝާހިދު ވިދާޅުވިއެވެ.
ފުވައްމުލަކު އެއާޕޯޓުގައި ހެދުމަށް ހަމަޖެހިފައިވަނީ 30 މީޓަރު ފުޅާ 1200 މީޓަރު ދިގުމިނުގެ ރަންވޭ އެކެވެ. މި ސައިޒަށް ރަންވޭ ހަދާ ނިމުމުން ޑޮމިސްޓިކް ދަތުރުތަކަށް ރާއްޖޭގައި މިހާރު ބޭނުންކުރާ އެންމެ ބޮޑު ސައިޒުގެ ފުލައިޓްތަކަށްވެސް ޖެއްސޭނެކަމަށް ވެއެވެ. ޝާހިދުވިދާޅުވީ ރަންވޭގެ ހުރިހާ މަސައްކަތެއް ރޭވިފައިވާގޮތަށް ނޮވެމްބަރު ތިނަކަށް ނިންމާލެވޭނޭކަމަށް އުންމީދުކުރައްވާކަމުގައެވެ. އެއާޕޯޓު ނޮވެމްބަރު ތިނެއްގައި ރަސްމީކޮށް ހުޅުވަން ނިންމާފައިވާ ނިންމުމަށް އަދި އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެއާޕޯޓުގެ ކޮންޓްރޯލް ޓަވަރާއި ފަޔަރ ބިލްޑިންގްގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. ކޮންޓްރޯލް ޓަވަރުގައި ގާއިމްކުރަންޖެހޭ ނިޔަމިކަމާގުޅޭ އާލާތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް މައުލޫމާތު ލިބިފައި ވެއެވެ. ޓާމިނަލް ބިލްޑިންގުގެ މަސައްކަތް ވެސް އެއަރޕޯޓް ހުޅުވަންވާއިރަށް ނިއްމައިލެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށް ޝާހިދު ވިދާޅުވިއެވެ.
ކޮމެންޓް
ލޯޑިންގ...
