ޓްރެންޑިންގLoading...
Logo
އެމްއާރުސީގެ "ރަން ފޯ ހިއުމެނިޓީ" ދުވުން ފުވައްމުލައް ސިޓީގައި ބާއްވައިފި
މިއަނދުގެ ދުވުމުގެ ތެރެއިން ފޮޓޯ: އެމްއާރުސީ
ޚަބަރު

އެމްއާރުސީގެ "ރަން ފޯ ހިއުމެނިޓީ" ދުވުން ފުވައްމުލައް ސިޓީގައި ބާއްވައިފި

October 29, 2026ކިފާހް

މޯލްޑިވިއަން ރެޑްކްރެސެންޓް (އެމްއާރުސީ) އިން އިންތިޒާމުކޮށްގެން ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެން ބޭއްވި މި ދުވުން ކުރިއަށްދިޔައީ ފުވައްމުލަކު ޖަމާލުއްދީން ނައިބު ތުއްތު މަގުގެ މާނޭރެ އަތިރިން ފެށިގެން އެމްޓީސީސީ ސައިޓާ ހަމައަށެވެ. މުޅިއެކު 106 ބައިވެރިންނާއެކު ކުރިއަށްދިޔަ މި އިވެންޓުގައި ދުވުންތެރިން ބައިވެރިވެފައިވަނީ 2 ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ ދެ ގިންތިއަކުންނެވެ.

އެމްއާރުސީން މައުލޫމާތު ދޭ ގޮތުގައި "ރަން ފޯ ހިއުމެނިޓީ" އަކީ އެ ޖަމިއްޔާގެ އެކްޓިވް ހުރިހާ ޔުނިޓެއްގައި އަހަރަކު އެއްފަހަރު ބާއްވާ ދުވުމެކެވެ. އަދި މިއީ ފުވައްމުލަކުގައި މި ދުވުން ބޭއްވުނު 3 ވަނަ ފަހަރެވެ.

މިފަދަ އިވެންޓެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމާއި، އެމްއާރުސީގެ ހަރަކާތްތަކަށް ރިސޯސް މޮބިލައިޒްކުރުމެވެ. މީގެއިތުރުން އިންސާނީ ޚިދުމަތާއި ދަރުމަވެރިކަން (ވޮލަންޓިއަރިޒަމް) ޕްރޮމޯޓްކުރުންވެސް ހިމެނެއެވެ.

"މިސާލަކަށް ޓީޝާޓު ފަދަ ތަކެތި ވިއްކައިގެން ލިބޭ ފައިސާއަކީ އެމްއާރުސީގެ ހިންގުމަށް އާންމުން ދޭ އެހީއެއް. އެހެންކަމުން މިފަދަ ކަންކަމުގެ ތެރެއިން މުޖުތަމައުގެ ހިއްސާ އެމްއާރުސީ ހިންގުމުގައި އޮތްކަމުގެ އިހުސާސް ކުރުވައިދެވޭ،" 'މާއިރި' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއާރުސީގެ ސައުތު ރީޖަނަލް މެނޭޖަރު ޝަފްނާ ވިދާޅުވިއެވެ.

މިއީ އާންމުކޮށް އެންމެންނަށް ހުޅުވާލައިގެން ބޭއްވުނު އިވެންޓަކަށްވުމުން، ދުވުންތެރިންގެ އިތުރުން ހިނގަން ބޭނުންވާ ފަރާތްތަކަށާއި، ގޮނޑީގައި ތިބޭ މީހުންނާއި އުމުރުން ދުވަސްވީ ފަރާތްތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފައެވެ. ވަނަތަކެއް ހޮވުމުގެ ބަދަލުގައި، ދުވުމުގެ ބައިވެރިންގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު 10 ފަރާތަކަށް ގިފްޓް ވައުޗަރު ދީފައިވެއެވެ. މި ވައުޗަރުތަކަކީ ފުވައްމުލަކަށް ނިސްބަތްވާ 12 ވިޔަފާރިއަކުން ހަދިޔާކޮށްފައިވާ ތަކެއްޗެވެ.

ޝަފްނާ އިތުރަށް ވިދާޅުވީ، އެމްއާރުސީން ފުވައްމުލަކުގައި ހިންގާ ހުރިހާ ހަރަކާތްތަކެއްގައިވެސް މި ސިޓީގެ މުއައްސަސާތަކުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ ކަމަށެވެ. ވަކިން ޚާއްސަކޮށް ފުވައްމުލައް ސިޓީ ކައުންސިލާއި، ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ އިތުރުން ރަށުގެ ވިޔަފާރިވެރިންގެ ފަރާތުން ލިބޭ އެހީތެރިކަމަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ