
ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ވިއްސާރައިގެ ސަބަބުން ކުރިން ލަފާކުރި މުއްދަތަށް ނިއްމައެއްނުލެވޭނެ: ޝާހިދު
ވިއްސާރަވެ ވާރޭ ވެހެމުންދާތީ ފުވައްމުލަކު އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ކުރިން ލަފާކޮށްފައިވާ ގޮތަށް މިމަހުގެ 27 އަށް ނިންމާ ނުލެވޭނޭ ކަމަށް އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.
ކައްޓެޅިއަށް މައުލޫމާތު ދެއްވަމުން ޝާހިދު މިއަދު ވިދާޅުވީ ވިއްސާރައިގެ ސަބަބުން ވޭތުވެދިޔަ ފަސްދުވަހުވެސް ރަނގަޅަށް މަސައްކަތް ކުރެވިފައި ނުވާކަމުގައެވެ.
"ވޭތުވެދިޔަ ފަސް ދުވަހުވެސް އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރެވި މިދިޔައީ ވިއްސާރައިގެ ސަބަބުން، ވާރޭ ވެހޭތީ މައްސަލަޔަކީ، ވާރޭ ހުއްޓާލާތާ ދޮޅުގަޑިހެއްހާއިރު އެބަނަގާ ރަންވޭމަތި ހިކެން، ހަމަ ކިރިޔާވެސް ފުރުސަތެއް ލިބިއްޖެއްޔާ މިދަނީ މަސައްކަތް ކުރަމުން. އިއްޔެ މެންދުރު ފަހުން ވާރޭ ނުވެހި ދިޔައީ އެހެންވެ ރޭ ގާތްގަނޑަކަށް ފަތިހު ހަތަރެއްޖަހަންދެން މަސައްކަތް ކުރިއަށް ގެދިޔަ" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރަންވޭގެ ބޭނުން އެންމެ ފުރަތަމަޖެހޭނީ 31 ވަނަދުވަހުކަމަށެވެ. އެއީ ކްރިކެޓް މުބާރާތަށް އަންނަ ކުޅުންތެރިން ފުވައްމުކަލަށް ގެނައުމަށްޓަކައެވެ. އެހެންކަމުން އެސްޓީއޯގެ މިހާރުގެ ޓާގެޓަކީ 31 ވަނަ ދުވަހު ފުވައްމުލަކު އެއަރޕޯޓްގައި ފުލައިޓް ޖެއްސޭވަރަށް ރަންވޭ ނިއްމުމެވެ.
މޫސުން ކިރިޔާ ތަންދިނަސް މަސައްކަތް ކުރިޔަށް ގެންދެވޭގޮތަށް މީހުންނާއި، މަސައްކަތަށް ބޭނުންވާ ތަކެތި ތައްޔާރަށް ހުރިކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ މަސައްކަތުގެ ސްޕީޑަށްބަލާއިރު ތާރުއެޅުމުގެ މަސައްކަތް ނިންމައިލުމަށް ދެން އިތުރަށް ބޭނުންވަނީ 96 ގަޑިއިރުގެ މަސައްކަތްކަމުގައެވެ.
ވިއްސާރައިގެ ސަބަބުން ރަންވޭއަށް ތާރު އެޅުމުގެ މަސައްކަތް މަޑުޖެހިފައިވިޔަސް ޓާމިނަލް ބިލްޑިންގާއި، ކޮންޓްރޯލް ޓަވަރުގެ މަސައްކަތް ނުހުއްޓި ކުރިޔަށްދާކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ. ޓާމިނަލް ބިލްޑިންގގައި މިހާރު ކުރިޔަށްދަނީ ފިނިޝިންގެ މަސައްކަތްތަކެވެ.
ފުވައްމުލަކު އެއަރޕޯޓް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ނޮވެންބަރ ތިނެއްގައި ބޭއްވުމަށް ކުރިން ޕްލޭންކޮށްފައިވާގޮތަށް އަދިވެސް މަސައްކަތް ކުރެވެމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ.
ކޮމެންޓް
ލޯޑިންގ...
