
ފުވައްމުލަކުގެ ކަސްޓަމަރުން އޮކްޓޯބަރު މަހު ބޭނުންކުރި ފެނަށް ބިލެއް ނުކުރާނެ-އެމްޑަބްލިއުއެސްސީ
ދާދިފަހުން މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔޫއެސްސީ) އިން ފެނާ ނަރުދަމާގެ ޚިދުމަތް ދިނުމާ ހަވާލުވި ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކުގެ ކަސްޓަމަރުންގެ އަތުން އޮކްޓޯބަރު މަހުގެ ފެނުގެ ޚިދުމަތަށް ފައިސާ ނުނަގާނެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް އެ ކުންފުނިން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އައްޑޫ ސިޓީގެ ހުރިހާ ރަށަކާއި ފުވައްމުލައް ސިޓީގައި މިހާރު ނަގަމުންދާ މީޓަރު ރީޑިންގްތަކަކީ ބިލްކުރުމުގެ އައު މަރުހަލާއެއް ފެށުމުގެ ގޮތުން ބަލާ މީޓަރު ރީޑިންގްތަކެއް ކަމަށެވެ. އަދި ފުރަތަމަ ނެގޭ މި ރީޑިންގްތަކަށްފަހު ބޭނުންކުރެވޭ ފެނުގެ މިންވަރަށް ބިނާކޮށް، އެމްޑަބްލިޔޫއެސްސީގެ ފުރަތަމަ ބިލްތައް ކަސްޓަމަރުންނަށް ލިބިގެންދާނީ ނޮވެމްބަރު 2026 ގެ ބިލިންގ ސައިކަލްގައި ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މީގެއިތުރުން، ފުރަތަމަ ނެގޭ ރީޑިންގްތައް ނަގައި ނިމުނުހާ އަވަހަކަށް އެސްއެމްއެސް މެދުވެރިކޮށް ހުރިހާ ކަސްޓަމަރުންނާވެސް އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް އެމްޑަބްލިޔޫއެސްސީން މައުލޫމާތުދެއެވެ. މި މައުލޫމާތު އިތުރަށް ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެމްޑަބްލިޔޫއެސްސީގެ ކަސްޓަމަރ ސާވިސް ނަންބަރު 1575 އަށް ގުޅުމުން މައުލޫމާތު ލިބޭނެއެވެ.
ބިލްކުރުމުގެ އައު މަރުހަލާ ފެށުމަށް ކުރަމުންދާ މަސައްކަތުގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެމްޑަބްލިޔޫއެސްސީ އިން ވަނީ ހުރިހާ ކަސްޓަމަރުންނަށް ޝުކުރު އަދާކޮށްފައެވެ.
ކުރިން ފެނަކަ ކޯޕަރޭޝަނުން ދެމުން އައި ފެނާއި ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔޫއެސްސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެމްޑަބްލިޔޫއެސްސީން ޚިދުމަތާ ހަވާލުވުމަށްފަހު، ކުރު މުއްދަތެއްގެ ތެރޭގައި އެ ކުންފުނިން ވަނީ ދުވާލަކު 350 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ފުވައްމުލަކަށް ގެންގޮސް އިންސްޓޯލްކޮށް، އެ ޕްލާންޓް ބޭނުންކޮށްގެން ޚިދުމަތް ދޭން ފަށާފައެވެ.
ކޮމެންޓް
ލޯޑިންގ...
