
އަތޮޅުތެރޭ ބާއްވާ މަތީތައުލީމުގެ އެންމެ ބޮޑު އިޙުތިފާލު: ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދަސްވެނިވުން ބޭއްވުމަށް ތައްޔާރުވަނީ
މާލެއިން ބޭރުގައި މަރުކަޒުވެފައިވާ ރާއްޖޭގެ ހަމައެކަނި ކޮލެޖް ކަމަށްވާ ފުވައްމުލަކަށް ނިސްބަތްވާ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ. މި ދަސްވެނިވުން އޮންނާނީ މި ހަފުތާގެ ހޮނިހިރު ދުވަހުގެ ރެއާއި އާދީއްތަ ދުވަހުގެ ރޭ، ފުވައްމުލަކު ސްކޫލު ހޯލުގައެވެ. 30 އޮކްޓޯބަރު 2026 ވާ ހުކުރު ދުވަހުގެ ރޭ އޮންނާނީ ޑިގްރީއާ ހަމައަށް އެކި ޕްރޮގްރާމްތަކުން ދަސްވެނިވާ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތެވެ. އަދި 01 ނޮވެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ ރޭ އޮންނާނީ އެކި ދާއިރާތަކުން މާސްޓާސް ޑިގްރީ ނިންމާ ކުދިންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ކަމަށް މައުލޫމާތު ލިބެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުން މި ރަސްމިއްޔާތުގައި ބައިވެރިވާ ދަރިވަރުން މިހިނގާ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކަށް އަންނަން ފަށާފައިވާއިރު، މިފަހަރު ޑިގްރީއާ ހަމައަށް ކިޔެވުން ނިންމައި 181 (ސަތޭކަ އަށްޑިހަ އެއް) ދަރިވަރަކު އެގިންތީން ދަސްވެނިވާނޭ ކަމަށް ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން މައުލޫމާތުދެއެވެ. މީގެ އިތުރުން މާސްޓާސް ޕްރޮގްރާމްތައް ނިންމި 113 (ސަތޭކަ ތޭރަ) ދަރިވަރުންވެސް ދަސްވެނިވާނެއެވެ.
ދަސްވެނިވާ ދަރިވަރުންނާއި ބެލެނިވެރިން ހިމެނޭހެން 700 (ހަތްސަތޭކަ) އަށްވުރެ ގިނަ މީހުން މި ރަސްމިއްޔާތަށްޓަކައި ފުވައްމުލަކަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން މި ދަސްވެނިވުމަކީ ފުވައްމުލަކުގެ ގެސްޓްހައުސްތަކާއި ރެސްޓޯރެންޓް ވިޔަފާރިކުރާ ފަރާތްތަކަށްވެސް މުހިންމު އިޙްތިފާލަކަށް ވެގެންދާނެއެވެ.
2014 ވަނަ އަހަރު އިންސްޓިޓިއުޓެއްގެ ގޮތުގައި ރެޖިސްޓްރީވެ، ކޮލެޖެއްގެ ދަރަޖަ ހޯދައި، ރާއްޖޭގެ މަތީ ތައުލީމު ހޯދާ ދަރިވަރުންގެ އިތުބާރު ހޯދާފައިވާ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖަކީ އުމުރުގެ ގޮތުން އެންމެ 11 އަހަރުވީ މުއައްސަސާއެކެވެ. ނަމަވެސް މިކުރު މުއްދަތެއްގެ ތެރޭގައި އެ ކޮލެޖުން ވަނީ 8،000 (އަށް ހާހަށް) ވުރެ ގިނަ ދަރިވަރުން ތަފާތު ރޮނގުތަކުންނާއި ތަފާތު ލެވެލްތަކުގެ ޕްރޮގްރާމްތަކުން ދަސްވެނިކޮށްދީފައެވެ. މިކަމުންވެސް ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ މައިދާނުގައި ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ މަގާމާއި ހޯދާފައިވާ ކާމިޔާބީ ހާމަވެގެންދެއެވެ.
ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް ފުވައްމުލަކަށް ޚާއްސަވަނީ މީހުން ބިނާކުރުމުގެ ރޮނގުންނާއި އަތޮޅުތެރޭގައި މަރުކަޒުވެފައިވާ ހަމައެކަނި ކޮލެޖުގެ ގޮތުން އެކަންޏެއް ނޫނެވެ. އެ ކޮލެޖަކީ ފުވައްމުލަކުގެ އިޤްތިޞާދުގައިވެސް އެންމެ މުހިންމު އެއް ބައިވެރިޔާއެވެ. ފުވައްމުލަކުގައި ހުރި އެންމެ ބޮޑު ޕްރައިވެޓް މުއައްސަސާގެ ހައިސިއްޔަތުން 150 އަށްވުރެ ގިނަ ފުލްޓައިމް މުވައްޒަފުން ތިބެއެވެ. އަދި ޕާޓްޓައިމް މުވައްޒަފުންގެ ގޮތުގައި ފުވައްމުލަކުގައި ދިރިއުޅޭ 40 އަށްވުރެ ގިނަ މުވައްޒަފުންވެސް މިވަގުތު ޒިކުރާ އިންޓަނޭޝަނަލް ކޮލެޖްގެ ވަޒީފާތަކުގައި އެބަ ތިއްބެވެ.
ކޮމެންޓް
ލޯޑިންގ...
