
ފުވައްމުލައް ސިޓީކައުންސިލް ކްރިކެޓް މުބާރާތް 2026 ފަށައިފި
ފުވައްމުލައް ސިޓީކައުންސިލާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އާއި ގުޅިގެން ބާއްވަމުންދާ ފުވައްމުލައް ސިޓީކައުންސިލް ކްރިކެޓް މުބާރާތް 2026 އިއްޔެ ހަވީރު ފަށައިފިއެވެ.
ހަމައެކަނި އަންހެނުންނަށް ކުޅެވޭގޮތަށް ރޭވިގެން ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 8 ޓީމު ބައިވެރިވެފައިވެއެވެ. މި މުބާރާތުގެ މެޗުތައް ކުޅެވެމުންދަނީ ފުވައްމުލަކު ކްރިކެޓް ގްރައުންޑްގައެވެ.
މިފަދަ މުބާރާތެއް އިންތިޒާމް ކުރުމުގެ މަގްސަދަކީ ފުވައްމުލަކުގައި ކްރިކެޓްގެ ރޫޙް އާލާކުރުމާއި އަންހެނުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމުގެ އިތުރުން އިޖުތިމާއީ އެއްބައިވަންތަކަން އިތުރުކުރުން ކަމަށް ފުވައްމުލައް ސިޓީކައުންސިލުން މައުލޫމާތުދެއެވެ. މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ޓީމުތައް 2 ގްރޫޕަކަށް ބަހާލައިގެން ކުޅެ، ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ކްރޮސްކޮށް ސެމީފައިނަލް ކުޅެ، ސެމީއިން މޮޅުވާ ބަޔަކު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
މުބާރާތުގެ ގްރޫޕްތައް ބަހާލެވިފައިވާ ގޮތަށް ބަލާއިރު ގްރޫޕް 1 ގައި ހިމެނެނީ އޮމަލާސް، ޑީއެސްއާރުސީ ގޮމަ، ޔުނައިޓެޑް ދިގުވާނޑު އަދި ޑީއެސްއާރުސީ ރަނިންއެވެ. ގްރޫޕް 2 ގައި ހިމެނެނީ ހޯދަޑު، މާލެގަން ކަނބަލުން، މިސްކިތްމަގު އެންމެންގެ ގުޅުން އަދި އެކުވެރި ފުނާޑުއެވެ. މުބާރާތުގެ ފައިނަލް ކުޅުމަށް ތާވަލްކުރެވިފައިވަނީ މި މަހުގެ 31 ވާ ހޮނިހިރު ދުވަހުއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 16:00 ގައި ބައްދަލުކުރީ އޮމަލާސް އަދި ޑީއެސްއާރުސީ ގޮމައެވެ. މި މެޗުގައި 8 އޯވަރުގެ ތެރޭގައި އޮމަލާސްއިން 104 ލަނޑު ހަދާފައިވެއެވެ. ނަމަވެސް ޑީއެސްއާރުސީ ގޮމައަށް 8 އޯވަރު ތެރޭގައި ހެދިފައިވަނީ 93 ލަނޑެވެ. އެހެންކަމުން މެޗުން 11 ލަނޑުގެ ތަފާތަކުން މޮޅުވީ އޮމަލާސްއެވެ. މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދީ އޮމަލާސްގެ އުލާ އަލީ ޝުކުރީއެވެ.
މުބާރާތުގެ ދެވަނަ މެޗުގައި މިއަދު ހަވީރު 17:00 ގައި ބައްދަލުކޮށްފައިވަނީ މާލެގަން ކަނބަލުން އަދި ހޯދަޑުއެވެ. މިމެޗުގައި ހޯދަޑަށް 8 އޯވަރުގެ ތެރޭގައި ހެދިފައިވަނީ 102 ލަނޑެވެ. މާލެގަން ޓީމުން 8 އޯވަރުގެ ތެރޭގައި ވަނީ 117 ލަނޑު ހަދާފައެވެ. މިއާއެކު 15 ލަނޑުން މެޗު ކާމިޔާބުކުރީ މާލެގަން ޓީމުންނެވެ. މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދީ މާލެގަން ކަނބަލުން ޓީމުގެ މަރިޔަމް ޝާކިރާއެވެ.
މިއަދު ހަވީރުވެސް މުބާރާތުގެ 2 މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ހަވީރު 16:00 ގައި ބައްދަލުކުރާނީ ޔުނައިޓެޑް ދިގުވާނޑާއި ޑީއެސްއާރުސީ ރަނިންއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުން އަދި އެކުވެރި ފުނާޑުއެވެ. މިމެޗު ފަށާގަޑިއަކީ 17:00 އެވެ.
ކޮމެންޓް
ލޯޑިންގ...
