ޓްރެންޑިންގLoading...
Logo
ފުލުހުންގެ ބައެއް އިސް ވެރިން ސާކްސަމިޓް އިންޓަރނަލް ސެކިއުރިޓީގެ ކަންތައްތަކުގައި ފުވައްމުލަކުގައި ހަރަކާތްތެރިވާ ފުލުހުންނާ ބައްދަލުކުރައްވައިފި
ޚަބަރު

ފުލުހުންގެ ބައެއް އިސް ވެރިން ސާކްސަމިޓް އިންޓަރނަލް ސެކިއުރިޓީގެ ކަންތައްތަކުގައި ފުވައްމުލަކުގައި ހަރަކާތްތެރިވާ ފުލުހުންނާ ބައްދަލުކުރައްވައިފި

October 20, 2011ތާރިގް

ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުނީރުއާއި ސާކް ސަމިޓް އިންޓާނަލް ސެކިއުރިޓީ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބުދުﷲ ފައިރޫޝް 17 ވަނަ ސާކް ސަމިޓުގެ އިންޓާނަލް ސެކިއުރިޓީގެ ކަންތަކުގައި ފުވައްމުލަކުގައި ހަރަކާތްތެރިވާ ފުލުހުންނާ ބައްދަލުކުރައްވައިފިއެވެ.

ފުވައްމުލަކުގައި ބޭއްވި މިބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުނީރު ދެއްކެވި ވާހަކަ ފުޅުގައި މިވަގުތު މުޅި ފުލުހުންގެ މުއައްސަސާގެ އެންމެ ބޮޑު އަމާޒަކީ 17 ވަނަ ސާކު ސަމިޓު ކާމިޔާބު ސަމިޓަކަށް ހެދުމުގައި ފުލުހުންގެ ޚިދުމަތުގެ އެންމެ މަތީ ފެންވަރު މުޅި ޤައުމަށް ދައްކައި، ރައްޔިތުން ބަލައިގަންނަފަދަ މަސައްކަތްތަކެއް ކޮށްދިނުން ކަމުގައި ވިދާޅުވިއެވެ. މިމަސައްކަތް ކުރިޔަށް ގެންދިއުމުގައި ގޮންޖެހުންތައް ހުރިނަމަވެސް ހުރިހާ ފުލުހުން ގުޅިގެން މިކުރާ މަސައްކަތުން ކާމިޔާބު ކަމާއެކު ސާކު ސަމިޓުގެ އިންޓާނަލް ސެކިއުރިޓީގެ ކަންތައް ނިންމާލާއިރު ފުލުހުންނަށް ޙަވާލު ކޮށްފައިވާ ދައުރު ޤައުމީ ޚިދުމަތުން ފަވައިލެވޭ ފަދަ ގޮތަކަށް ގެންދިއުމަކީ ހުރިހާ ފުލުހުންގެ ޢަޒުމަކަށް ހަދައި ދިނުމަށް ޑެޕިއުޓީ ކޮމިޝަނަރ އަޙްމަދު މުނީރު އެދިވަޑައިގަތެވެ.

ސާކް ސަމިޓުގެ އިންޓަރނަލް ސެކިއުރިޓީ ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް މި ބައްދަލުވުމުގައި  ދެއްކެވި ވާހަކަ ފުޅުގައި އައްޑޫ ސިޓީ އާއި ފުވައްމުލަކު ގައި އަޅުގަނޑުމެން ކުރަމުން މިދަނީ ވަރަށް ތާރީޚީ މަސައްކަތެއް ކަމަށާއި މިކުރާ މަސައްކަތުގެ ކާމިޔާބީ އަކީ މުޅި ދިވެހި ޤައުމުގެ ފަޚުރާއި ގުޅިފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ. މިހެންކަމުން މިކަމާއި ގުޅިގެން ކުރެވޭ ކޮންމެ މަސައްކަތަކީ އެމީހެއްގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ ދަރަޖައަށް ކޮށް ނިންމަން ޖެހޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. ކަންމިހެން ހުރުމާއެކު ފުލުހުންނާއި ޙަވާލުކޮށްފައިވާ ޤައުމީ ވާޖިބު އަދާކުރުންމަތީ ދެމިތިބުމަށާއި، ފުލުހުން ކުރަމުން މިދާ މަސައްކަތުގެ ފޮނިކަމާއި މީރުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގެން ދިއުމަކީ ކޮންމެ ފުލުހެއްގެ ވެސް އެންމެ ބޮޑު އަމާޒުކަމުގައި ހަދަން ޖެހޭކަމުގައި ވިދާޅުވިއެވެ.

ސާކް ސަމިޓު ހިނގަމުން ދާއިރު ދުނިޔޭގެ ލީޑަރުންގެ ތެރެއިން އެބައެއްގެ ސަލާމަތަށް އެންމެބޮޑަށް ބަލަންޖެހޭ ބައެއް ވެރިންނާއި އެބޭފުޅުންގެ އަނބި އަނބި ކަނބަލުންނާއި ފިރި ފިރި ކަލުންވެސް ވަޑައިގަތުން އެކަށީގެންވާ ކަމަށާއި، ވެރިންނަށް އޮންނަ ނުރައްކާ އެބޭފުޅުންގެ ޢާއިލާއަށްވެސް އޮންނާނެ ކަމަށާއި، އެހުރިހާ ފަރާތްތަކަށް ދޭންވާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އަޅުގަނޑުމެންގެ އެދުވަހުގެ މަސްއޫލިއްޔަތު ކަމަށް މިބައްދަލުވުމުގައި ބައިވެރިވެލެއްވި ފުލުހުންނާއި މުޚާޠަބު ކުރައްވައި ކޮމާންޑަރު ވިދާޅުވިއެވެ.

ސާކު ސަމިޓާއި ގުޅިގެން ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ، ބައިނަލް އަޤުވާމީ ކުރިކެޓް މުބާރާތަކީވެސް އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއް ދީގެން އެ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ މެމްބަރުންނަށާއި ކުޅިބަލަން ދާނެ މީހުންނަށް ހިތްހަމަޖެހުމާއެކު ކުޅިވަރު ކުޅުމާއި ކުޅިވަރުތައް ބަލަން ތިބެވޭނެ އަމާން މާޙައުލެއް ޤާއިމް ކޮށްދޭންޖެހޭ ވަރަށް މުހިއްމު ޙަރަކާތެއް ކަމަށާއި ކުރިކެޓު މުބާރާތުގެ އިތުރުން 1 ނޮވެމްބަރުން ފެށިގެން ފުވައްމުލަކުގައި ކުރިޔަށްދާ މިއުޒިކު ޝޯވފަދަ މުނި ފޫހި ފިލުވުމުގެ ޙަރަކާތްތަކުގައި އެކި ސިފަސިފައިގައި ބައިވެރިވާ މީހުންނަށް ސަލާމަތްތެރި މާހައުލެއް ޤާއިމްކޮށްދޭން ޖެހޭ ކަމަށްވެސް ކޮމާންޑަރު ޢަބްދުﷲ ފައިރޫޝް ވިދާޅުވިއެވެ.

ސާކު ސަމިޓުގެ އިންޓާރނަލް ސެކިއުރިޓީގެ ކަންތައް ކުރިޔަށް ގެންދިއުމުގައި ވާންޖެހޭ ތައްޔާރީތައް ގިނަގުނަކަން ފާހަގަ ކުރައްވައި މިހަފްތާ ބޮޑަށް އަމާޒުކޮށްފައި ވަނީ ބޭނުންވާ ތަމްރީނުތައް ކުރިޔަށް ގެންދިއުމަށާއި ތަމްރީނުތަކުގެ އިތުރުން ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތް ރިހާސް ކޮށް، ދިމާވެދާނެ ޙާލަތްތަކުގެ މައްޗަށް އިތުރު ތަމްރީނުތަކާއި ފަރިތަކުރުންތައް ގެންދިއުމަށް ކަމަށް ވިދާޅުވެ މިކަންކަމުގައި ހުރިހާ ފުލުހުންގެ ބައިވެރިވުން އެންމެ ފުރިހަމައަށް ދެއްވުމަށް ކޮމާންޑަރު ޢަބްދުﷲ ފައިރޫޝް އެދިވަޑައިގަތެވެ.

ކޮމާންޑަރުގެ ވާހަކަ ފުޅު ނިންމަވައި ލެއްވުމުގެ ކުރިން، ޤާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށާއި، ފުލުހުންގެ މުއައްސަސާގެ ނަމާއި ޝަރަފެއް އުނިކަމެއް އަތުވެދާނެފަދަ އެއްވެސް ޢަމަލެއް ނުކުރުމަށް ނަޞޭހަތްތެރިވެ، އެފަދަ އެއްވެސް ޢަމަލެއް އެއްވެސް މިންވަރަކަށް ތަހައްމަލު ނުކުރާނެކަން އަންގާ، ސާކް ސަމިޓު އިންޓާނަލް ސެކިއުރިޓީގެ ކަންތައްތަކުގައި އިސްކޮށް ޙަރަކާތްތެރިވާ ކޮމާންޑަރުންނާއި ކޯޑިނޭޓަރުން ތަޢާރަފްކޮށް އެރުވިއެވެ.

ބުދަ ދުވަހު ފުވައްމުލަކުގައި ބޭއްވި މިބައްދަލު ކުރެއްވުމުގައި ޑެޕިއުޓީ ކޮމާންޑަރު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނު އާއި، ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫނުސް ޞަބާޙު އާއި، ފުވައްމުލަކުގެ ފީލްޑް ކޮމާންޑަރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޙަސަން ޝިފާޢު، އާއި އެހެނިހެން ކޮމާންޑަރުންނާއި ފުވައްމުލަކުގެ އޭރިޔާ ކޮމާންޑަރުންނާއި ފުވައްމުލަކުގައި ތިއްބެވި ފުލުހުން ބައިވެރިވިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން މީޑިއާއާ ހިއްޞާކޮށްފައިވާ މައުލޫމާތުގައި ބުނެފައި ވެއެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ