
"ސާކް ޓްވެންޓީ–ޓްވެންޓީ ކަޕް 2011" ކްރިކެޓް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު 8.30ގައި
ސާކް ސަމިޓްގެ ސައިޑް އިވެންޓެއްގެގޮތުގައި ފުވައްމުލަކުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ "ސާކް ޓްވެންޓީ–ޓްވެންޓީ ކަޕް 2011" ކްރިކެޓް މުބާރާތް ޝެޑިއުލާ އެއްގޮތަށް މާދަމާ ފެށޭނެކަމަށާއި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު 8.30 ގައި އޮއްނާނެކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން މައުލޫމާތު ދެއްވައިފި އެވެ.
ކްރިކެޓް ބޯޑްގެ ޗެނެރަލް ސެކެއްޓްރީ މުޙައްމަދު ފައިސަލް ކައްޓެޅިއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދުގެ މެޗުގައި ބައްދަލުކުރާ ޓީމުގެ ކުޅުންތެރިން ގޮވައިގެން އަންނަ ފްލައިޓް މާދަމާ ވަރަށް ހެނދުނާ ފުވައްމުލަކުގައި ޖައްސާނެ ކަމުގައެވެ.
މި މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އައްނަ ނޮވެންބަރު މަހުގެ އެކަކުން ހަތަކަށެވެ. 20 އޯވަރުގެ މެޗުތަކެއް ކުޅުމަށް ރޭވިފައިވާ މި މުބާރާތުގައި ނޮވެންބަރު ފަސްވަނަ ދުވަހާއި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާ ނޮވެންބަރު ހަތްވަނަ ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ދެ މެޗު ކުޅުމަށް ހަމަޖެހިފައި ވެއެވެ. ހެނދުނުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 9.30 އެވެ. މެންދުރު ފަހުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 1.30 އެވެ.
މުބާރާތް ހުޅުވާ މެޗުގައި އައްނަ އަންގާރަ ދުވަހު 9.30 ގައި ބައްދަލުކުރާނީ ދިވެހިރާއްޖެއާއި ބޫޓާން އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ނޭޕާލާއި ސްރީލަންކާ އެވެ.
ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހު ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ އިންޑިއާ އާއި ޕާކިސްތާނެވެ. ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ރާއްޖެއާއި އަފްގާނިސްތާނެވެ.
ނޮވެންބަރު ތިނެއްގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާ ދެ ޓީމަކީ އިންޑީއާ އާއި ނޭޕާލެވެ. ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ޕާކިސްތާނާއި ސްރީލަންކާ އެވެ.
ހަތަރުވަނަ ދުވަހުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބޫޓާނާއި އަފްގާނިސްތާނެވެ. ދެ ވަނަ މެޗުގައި ބައްދަލުކުރާނީ އިންޑިއާ އާއި ސްރީލަންކާ އެވެ.
ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައި ވަނީ އެންމެ މެޗެކެވެ. އެމެޗުގައި ބައްދަލުކުރާނީ ޕާކިސްތާނާއި ނޭޕާލެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ދެމެޗު ނޮވެންބަރު މަހުގެ ހަވަނަ ދުވަހު ކުޅުމަށްފަހު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ޝެޑިއުލް ކޮށްފައިވަނީ ނޮވެންބަރު މަހުގެ ހަތްވަނަ ދުވަހަށެވެ.
ދެ ގްރޫޕަކަށް ބަހާލައިފައިވާ މި މުބާރާތުގެ ގްރޫޕް އެކެއްގައި ހިމެނެނީ ދިވެހިރާއްޖެ، ބޫޓާން އަދި އަފްގާނިސްތާނެވެ. މި ގްރޫޕުގައި ކުރިން އޮތް ބަނގްލަދޭޝްވަނީ މުބާރާތުން ވަކިވެފައެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ސްރީލަންކާ، އިންޑިޔާ، ޕާކިސްތާން އަދި ނޭޕާލެވެ.
މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމެއްވެސް ތިބެނީ ހެރެތެރެ ރިސޯޓްގައެވެ. ޕްރެކްޓިސް ކުރިޔަށް ދަނީވެސް އައްޑޫ ސިޓީގައެވެ. މުބާރާތް ކުރިޔަށްދާނީ ފުވައްމުލަކުގައި ހަދާފައިވާ "އަޙުމަދު އަލި ދީދީ ކްރިކެޓް ގްރައުންޑް" ގައެވެ.
ކޮމެންޓް
ލޯޑިންގ...
