ޓްރެންޑިންގLoading...
Logo
އަރުއްފަންނު ސަރަހައްދުގައި ހަދަމުންދާ ކްރިކެޓް ސްޓޭޑިއަމް އަކީ ސީދާ ފޮރިން މިނިސްޓްރީން ޚަރަދުކޮށްގެން ހަދާތަނެއް- އިމާދު
ޚަބަރު

އަރުއްފަންނު ސަރަހައްދުގައި ހަދަމުންދާ ކްރިކެޓް ސްޓޭޑިއަމް އަކީ ސީދާ ފޮރިން މިނިސްޓްރީން ޚަރަދުކޮށްގެން ހަދާތަނެއް- އިމާދު

September 24, 2011ތާރިގް

ފުވައްމުލަކު ދިގުވާނޑު އަރުއްފަންނު ސަރަހައްދުގައި ހަދަމުންދާ ކްރިކެޓް ސްޓޭޑިއަމަކީ ސީދާ ފޮރިން މިނިސްޓްރީން ޚަރަދުކޮށްގެން ހަދާ ސްޓޭޑިއަމެއްކަމަށް ކްރިކެޓް ބޯޑުގެ ކޯޑިނޭޓަރ އިމާދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ސްޓޭޑިއަމަކީ އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް (އޭސީސީ)ގެ ހިލޭ އެހީގައި ހަދާތަނެއްކަމަށް ވާހަކަ ދެކެވޭތީ އެކަން ސާފުކުރުމަށް ކައްޓެޅިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އިމާދު ވިދާޅުވީ ސާކް ސަމިޓްގެ ސައިޑްލައިން ހަރަކާތެއްގެ ގޮތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދީ ކްރިކެޓް މުބާރާތަށްޓަކައި ތައްޔާރުކުރާ ކްރިކެޓް ސްޓޭޑިއަމް ހެދުމަށް ހުރިހާ ޚަރަދެއް ކުރައްވަނީ ފޮރިން މިނިސްޓްރީންކަމުގައެވެ.

އިމާދު ވިދާޅުވީ ވިނަ އިންދުމުގެ މަސައްކަތް ވަރަށް ރަނގަޅަށް ވަރަށް ބާރަށް ކުރިއަށް ދާކަމަށާއި ވަށާ ފާރުވެސް ރޭނުމުގެ މަސައްކަތް އެއްކޮށްނިމި ސިމިންތި ޖެހުމުގެ 80 އިންސައްތަ ނިމިފައިވާ ކަމުގައެވެ. އެއިގެ އިތުރުން ފެން ހިންދާ ނިޒާމުގެ މަސައްކަތްވެސް ފަށައިގެން ކޯރު ކޮނެ ނިމި ހޮޅިވަޅުލުމުގެ މަސައްކަތުގެވެސް ގާތްގަނޑަކަށް ނިމިފައިވާ ކަމުގައެވެ.

"ވިނަ ލިބުމުގައި ދަތިތަކެއް އެބަހުރި ފުވައްމުލަކުން ލިބެންހުރި ވިނައިގެ 90 އިންސައްތަ މިހާރުމިވަނީ ބޭނުން ކުރެވިފައި އިތުރަށް ވިނަ ހުވަދުއަތޮޅުންވެސް ގެންނަން މަސައްކަތް ކުރަމުން މިދަނި، މިހާރުވެސް ވެއްޖެ ދޯއްޏަކަށް ލޯޑުކޮށްފަ" ވިނަ އިންދުމާއި ބެހޭ ގޮތުން އިމާދު ވިދާޅުވިއެވެ. އިމާދު ވިދާޅުވީ މުޅި ދަނޑަށް ބޭނުންވާވަރަށް ކާޕެޓް ގްރާސް ނުލިބޭނޭކަން މިހާރުވެސް ޔަގީންވެފައިވާ ކަމުގައެވެ. އެހެންކަމުން މެދުން ފެށިގެން 30 ޔާޑު ސަރަހައްދެއްގައި ކާޕެޓް ގްރާސް އިންދުމަށްފަހު ބާކީ ބައިގައި ކޮންމެވެސް އެހެން ބާވަތެއްގެ ވިނައެއް އިންދުމަށް ރާވާފައިވާކަމުގައެވެ. ކާޕެޓް ގްރާސް ބޭރުން ގެންނަން ކުރިން ރާވާފައި އޮތްކަމަށާއި އެހެންނަމަވެސް އެކަމަށް މާގިނަވަގުތު ނަގާތި ފަހުން އެކަން ބަދަލުވީ ކަމުގައިވެސް އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށް ގެންދަނީ ކްރިކެޓް ބޯޑުންކަމުގައެވެ "އަޅުގަނޑުމެން މަސައްކަތް ކުރިއަށް މިގެންދަނި އެހެންނަމަވެސް ބޯޑުގެ މުވައްޒަފުންނެއްނޫން، މީހުން ހަޔަރ ކޮށްގެން" އިމާދު ވިދާޅުވިއެވެ. އިމާދު ވިދާޅުވީ އޮކްޓޫބަރު 15 ނޫނީ ވިހި ހިސާބަށް ހުރިހާ މަސައްކަތެއް ނިމެނޭކަމަށް ވަރަށް ޔަގީން ކުރައްވާކަމުގައެވެ. 19 އަހަރުން ދަށުގެ ޓީމުތައް ކުޅެން ކުރިންހަމަޖެހިފައި އޮތްނަމަވެސް މިހާރު 25 އަހަރުން ދަށަށް ބަދަލުވެފައިވާކަމަށާއި ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ، ބޫޓާން އަދި މިއަދު ނޭޕާލުން ޓީމުތައް ބައިވެރިކުރާނޭކަމުގެ ޔަގީންކަން ދިފައިވާކަމަށް ވެސް އިމާދު ވިދާޅުވިއެވެ. މިމުބާރާތް ކުރިއަށް ގެންދިއުމަށް އަދި ރާވާފައިވަނީ ނޮވެމްބަރު އެކަކުން ނުވަޔަކަށެވެ.

އިމާދު ވިދާޅުވީ ސްޓޭޑިއަމްގެ މަސައްކަތައް ބަޖެޓް ކޮށްފައިވަނީ 2.8 މިލިއަން ރުފިޔާ ކަމުގައެވެ. ނަމަވެސް އެބަޖެޓުން ކުރަން ހުރިމަސައްކަތް ރާވާފައިވާ ވަރާ ގަތާއްވެސް ނިންމާ ނުލެވޭނޭކަމުގައެވެ. އަދި އިތުރަށް ބޭނުންވާ ފައިސާ ފޮރިން މިނިސްޓްރީން ހަމަޖޭހޭނޭ ކަމަށްވެސް އިމާދު ވިދާޅުވިއެވެ.

ފުވައްމުލަކުގައި ސްޓޭޑިއަމް ހަދަން ނިންމެވީ ކޮންގޮތަކަށްވިސްނަވާފައިތޯ ކައްޓެޅިން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން އިމާދު ވިދާޅުވީ އެނިންމުމަކީ ފޮރިންމިނިސްޓްރީގެ ނިންމުމެއްކަމަށާއި އެކަމުގައި ކްރިކެޓްބޯޑުގެ އެއްވެސް އަތެއް ނުވާނޭކަމުގައެވެ.

ފުވައްމުލަކުގައި ކްރިކެޓް އާލާ ކުރެވިދާނެކަމަށް ދެކިވަދާއިގަންނަވަންތޯ ދެންނެވިސުވާލުގެ ޖަވާބުގައި އިމާދު ވިދާޅުވީ ވަކި އެއްޗެއް ދަންނަވަން ވަރަށް ދަތިކަމުގައެވެ. ނަމަވެސް ކޯޗިންކޭމްޕަށް ވަރަށް އެކަށީގެންވާ ތަރުހީބެއްލިބެމުންދާކަމަށާއި ސްކޫލްތަކުން ލިބިފައިހުރި ލިސްޓްތަކަށް ބަލާއިރު އުންމީދުތަކެއް ކުރެވޭކަމުގައެވެ.

ސްޓޭޑިއަމް ނިމުމަށްފަހު ބެލެހެއްޓުމުގެ ކަންތައް ރޭވިފައިވަނީ ކިހިނެއްތޯ ދެއްނެވުމުން އިމާދު ވިދާޅުވީ އެކަހަލަ އެއްވެސްކަމެއް ކްރިކެޓް ބޯޑުން ރާވާފައި ނުވާކަމުގައެވެ. އަދި އެކަންތައް ހަމަޖައްސާނީ އަތޮޅު ކައުންސިލުންކަމަށް ލަފާކުރެވޭ ކަމުގައިވެސް އިމާދު ވިދާޅުވިއެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ