
ފުވައްމުލަކުގެ ހޯމްބޭކާޒް އިންނަށް އަމްކޯގެ ހަދިޔާ: ފުވައްމުލަކު ޑެޒާޓް ވިޔަފާރިތައް އިސްތިހާރުކުރަން "ޑެޒާޓް ޕިކްނިކް" އެއް!
ފުވައްމުލަކަށް ނިސްބަތްވާ މަގުބޫލު ސޯޝަލް މީޑީއާ ޝަޚްސިއްޔަތެއް ކަމަށްވާ އަމްކޯ ޝަރީފް އިސްނަގައިގެން ފުވައްމުލަކު ކޯޒީޑެކް ރެސްޓޯރެންޓައި ގުޅިގެން ޑެޒާޓް ޕިކްނިކެއް ފުވައްމުލަކުގައި ބާއްވަން ތައްޔާރުވަމުން އެބަދެއެވެ.
"ސޯޝަލް މީޑިއާގައި މަގުބޫލު ފަރާތަކަށް ވާތީ، ރަށަށް ދަތުރުކުރާ ފަހަރުތަކުގައި އިންސްޓަގްރާމް މެދުވެރިކޮށް މެސެޖުކޮށްފަ، ވަރަށް ގިނަ ޑެޒާޓް ހޯމްބޭކާސް އިން ބުނޭ ޑެޒާޓެއް ފޮނުވައިދެންތޯ ރިވިއުކޮށްފަ ޕޭޖަށް ލައިދޭށޭ. ވަގުތުވީ މިންވަރަކުން މިގޮތަށް ރިވިއު ކޮށްދެން، އެހެން ނަމަވެސް ރިކުއެސްޓުތައް އަންނަ މިންވަރު ގިނަވުމުން، އަސްލު ގިނަ ފަހަރަށް މިފަދަ ރިކުއެސްޓުތައް މިސްކޮށްލެވޭ. އެހެންވެ، އަސްލު ޑެޒާޓް ހޯމްބޭކާސް އަށް އެމީހުންގެ ޕްރޮޑަކްޓްތައް އިސްތިހާރުކުރަން ފުރުސަތު ހޯދައިދިނުމުގެ ގޮތުން މިކަހަލަ އިވެންޓެއް ރަށުގައި ބާއްވަން ގަސްދުކުރީ،" މި އިވެންޓާ ގުޅޭގޮތުން މާއިރިއާ ވާހަކަދައްކަމުން އަމްކޯ ބުންޏެވެ. އަބަދުވެސް ކޭކް ޕިކްނިކްގެ ވާހަކަ އަޑުއަހާތީ، ހިތަށްއެރީ ރަށުގައި ތިބެގެން މި މަސައްކަތްކުރާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ޑެޒާޓް ޕިކްނިކެއް ބާއްވަން އަމްކޯ އިތުރަށް ކިޔައިދިނެވެ.
13 ނޮވެންބަރު 2026 ވާ ހުކުރު ދުވަހު ހަވީރު 17:00 އިން 18:30 އަށް ކުރިއަށްގެންދިޔުމަށް ރާވާފައިވާ މި ޑެޒާޓް ޕިކްނިކާ ގުޅޭގޮތުން އަމްކޯ އިތުރަށް ބުނީ، ބައިވެރިވުމުގެ ފީއެއްގެ ގޮތުން 100 ރުފިޔާ ނަގަން ވިސްނާފައިވާ ކަމަށާއި، އަދި އާންމުންނަށް ހުޅުވާލައިގެން ބާއްވާ މި އިވެންޓަށް ވަނުމަށް 50 ރުފިޔާގެ ފީއެއް ނަގާނެ ކަމަށެވެ. ވަނުމަށްފަހު ހުރިހާ އައިޓަމްތަކެއްވެސް ޓޭސްޓްކޮށްލެވޭނެ ކަމަށާއި، މި އިވެންޓަކީ އެއްޗެހި ވިއްކުމަށްވުރެ ބޮޑަށް އިސްތިހާރުކުރުމުގެ ފުރުސަތު ލިބިގެންދާނެ އިވެންޓެއްކަމަށްވެސް ކަމަށްވެސް އަމްކޯ ބުއްޏެވެ. މި އިވެންޓް އޮންނާނީ ފުވައްމުލަކު ކޯޒީޑެކް ރެސްޓޯރެންޓްގައެވެ. މި އިވެންޓުގެ ވީޑިއޯ ކްލިޕްތައް އަމްކޯގެ އިންސްޓަގްރާމް ޕޭޖުގައި ހިއްސާކުރުމަށް ގަސްދުކޮށްފައިވާ ކަމަށްވެސް އަމްކޯ ބުންޏެވެ. 35,000 (ތިރީސްފަސް ހާސް) އަށްވުރެ ގިނަ މީހުން އިންސްޓަގްރާމްގައި އަމްކޯ ފޮލޯކުރެއެވެ.
މި އެކްސްޕޯގެ އެންމެ މުހިންމު ކަމަކީ، އެކްސްޕޯގައި ހޯމްބޭކާސް އިންނަށް ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި އަދި އިންސްޓަގްރާމް މެދުވެރިކޮށް ވީހާވެސް ގިނަ އާ ކަސްޓަމަރުންނަށް ރީޗުވުމުގެ ފުރުސަތު ލިބިގެންދިޔުން ކަން އަމްކޯ ވަނީ ފާހަނގަކޮށްފައެވެ. އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް، ބައިވެރިވެފައިވާ ފަރާތެއްގެ ޑެޒާޓްގެ ރަހަ ބަލާލުމަށްފަހު ރޭޓުކުރެވޭނެ އިންތިޒާމެއްވެސް އެކްސްޕޯގައި ހަމަޖެހިފައި ހުންނާނެ ކަމަށާއި، އެކަން ކުރަން ވިސްނާފައިވަނީ ބައިވެރިވާ ހުރިހާ ފަރާތެއްގެ ނަން ބޯޑެއްގައި ލިސްޓެއްގޮތަށް ލިޔެފައި ބެހެއްޓުމަށްފަހު، އެ ތަނަށް ވަންނަ ކޮންމެ ފަރާތަކަށްވެސް ޑެޒާޓް ޓޭސްޓްކުރުމަށްފަހު އެންމެ ކަމުދާ ޑެޒާޓް ބައިވެރިކުރި ފަރާތާ ދިމާލަށް ބޯޑުގައި ތަތްކޮށްލެވޭނެ ތަރިއެއް ދެވޭގޮތަށެވެ. މިގޮތަށް ރޭޓުކުރުމަށްފަހު އެންމެ މަތީ ރޭޓިން ހޯދާ ފަރާތްތަކުގެ ތެރެއިން ގުރުވަތުން ހޮވޭ ފަރާތްތަކަކަށް ގިފްޓް ވައުޗާތަކެއްވެސް ދިނުމަށް ރާވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މި އެކްސްޕޯޢާއި ގުޅޭ އިތުރު މައުލޫމާތް އަމްކޯގެ އިންސްޓަގްރާމް ޕޭޖުން ފެންނަން ހުންނާނެ ކަމަށާއި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކަންކުރަންވީގޮތްވެސް އެނގިގެންދާނެއެވެ.
ކޮމެންޓް
ލޯޑިންގ...
