ޓްރެންޑިންގLoading...
Logo
ފުވައްމުލައް ސިޓީކައުންސިލްގެ "ސިޓީކެމް" އިން އިތުރު ދެ ސަރަހައްދެއް ވަގުތުން ބަލާލެވޭގޮތް ހަދައިފި
ޚަބަރު

ފުވައްމުލައް ސިޓީކައުންސިލްގެ "ސިޓީކެމް" އިން އިތުރު ދެ ސަރަހައްދެއް ވަގުތުން ބަލާލެވޭގޮތް ހަދައިފި

October 21, 2026ކިފާހް

ފުވައްމުލައް ސިޓީކައުންސިލްގެ "ސިޓީކެމް" މެދުވެރިކޮށް އިތުރު ދެ ސަރަހައްދެއް ވަގުތުން (ލައިވްކޮށް) ބަލާލެވޭނެ އިންތިޒާމު ހަމަޖައްސައިފިކަމަށް އެ ކައުންސިލުން ހާމަކޮށްފިއެވެ.

ސިޓީކައުންސިލުން މައުލޫމާތުދޭގޮތުގައި ފުވައްމުލައް ސީޓީގެ މޭޔަރގެ ފުރަތަމަދައުރުގައި ފެޓެވުނު މި މަސައްކަތުގެ ފަހަތުގައިވާ ވިސްނުމަކީ ފުވައްމުލަކުގެ ރީތިމަންޒަރުތައް ރަށާއި،ރަށުން ބޭރުގައި ތިބޭ ފަރާތްތަކަށް އަބަދުވެސް ފެންނާނެހެން ހުރުމެވެ. އަދި މި މަސައްކަތްތެރެއަށް އަތިރިމަތި ފެންނަގޮތް ހެދުމުގެ ބޭނުމަކީ އަތިރިމަތީގެ ރީތި މަނޒަރު ފެންނަގޮތް ހެދުމުގެ އިތުރުން. ފުވައްމުލަކުގެ ތުނޑީ ސަރަހައްދުގައި އޮންނަ ވެލިގަނޑަކީ އެކި މޫސުމަށް އެކި ދިމާލުގައި އޮންނަ ވެލިގަނޑަކަށްވުމުން އޭރެއްގައި ވެލިގަނޑު އޮންނަ ތަން ގޭގައި ތިބެގެން ބަލާލެވޭނެގޮތް ހެދުން ކަމަށް މައުލޫމާތު ލިބެއެވެ. ސިޓީކެމްއިން ފުވައްމުލަކު ސާފިން ޕޮއިންޓު ނުވަތަ ހަވިއްތަ ސަރަހައްދުވެސް ވީހާވެސް އަވަހަކަށް ލުމުގެ ވިސްނުންވެސް އެބަހުރިކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

ސިޓީކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އަލަށް ސިޓީކެމްއަށް ލެވުނު ސަރަހައްދުތައް ހާމަކޮށްފައިވާއިރު، މީގެކުރިން ސިޓީކެމް މެދުވެރިކޮށް ލައިވްކޮށް ފެންނަން ހުންނަނީ މަސްމާރުކޭޓުގެ މަސް ބަހައްޓާ އަށިއެވެ. ނަމަވެސް މިއަދުން ފެށިގެން، ފުވައްމުލަކު ގެންމިސްކިތްފަންނާ ދިމާލު އިރުމައްޗާއި، ގެންމިސްކިތްމަގު "ކޫލް ބަނާނާ" ރެސްޓޯރެންޓް ކައިރީގައި އޮންނަ ރައުންޑްއެބައުޓް (ބުރު) ވެސް ސިޓީކެމް މެދުވެރިކޮށް ވަގުތުން ބަލާލެވޭނެއެވެ.

"ސިޓީކެމް" އެންމެ ފުރަތަމަ ތައާރަފުވެގެން އައިއިރު، މިއީ ފުވައްމުލަކު ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔަ ހިދުމަތެކެވެ. ސަބަބަކީ މަސްމާރުކޭޓުގެ މަންޒަރުތައް ލައިވްކޮށް ބަލާލެވޭތީ، ގޭގައި ތިބެގެން މަސްވެރިން ބޭނި މަސް މާރުކޭޓަށް ގެނެސްފައިވޭތޯ ފަސޭހަކަމާއެކު ބަލާލެވޭތީއެވެ. ސިޓީކައުންސިލުން މަޢުލޫމާތު ދޭގޮތުގައި، މި މަޝްރޫޢުގެ ދަށުން ކުރިއަށްއޮތް ތަނުގައި ފުވައްމުލަކުގެ ޗަސްބިމާއި ކިޅީގެ މަންޒަރުތަކުގެ އިތުރުން، ރަށުގެ އެކި މުހިންމު ސަރަހައްދުތައްވެސް ލައިވްކޮށް ފެންނާނެ ގޮތް ހެދުމަށް ވަނީ ރޭވިފައެވެ.

ފުވައްމުލައް ސިޓީކައުންސިލަކީ އަބަދުވެސް އީޖާދީ ވިސްނުންތަކާއި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންނަށް އައު ހިދުމަތްތަކެއް ތައާރަފުކުރަމުން އަންނަ ކައުންސިލެކެވެ. އެގޮތުން، "އަފުންސިޓީ" އެޕް މެދުވެރިކޮށް ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހައިން ގޭގެއާއި ވިޔަފާރިތައް ހޯދޭނެ ޗާޓެއް (މެޕެއް) ތައާރަފުކޮށްފައިވާއިރު، ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސީދާ ކައުންސިލަށް ހުށަހެޅޭނެ އިންތިޒާމުވެސް އެ އެޕް މެދުވެރިކޮށް ވަނީ ހަމަޖައްސައިދީފައެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ