ޓްރެންޑިންގLoading...
Logo
ފުވައްމުލަކުގެ ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފި
ފުވައްމުލަކުގެ ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ސްޓެލްކޯއަށް ބަދަލުކުރުމުގެ ގޮތުން ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތު ފޮޓޯ: ސްޓެލްކޯ
ޚަބަރު

ފުވައްމުލަކުގެ ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފި

October 19, 2026ކިފާހް

ފުވައްމުލަކުގައި ފެނަކައިން ދެމުން އައި ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް މިއަދު ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފިއެވެ. ޚިދުމަތް ރަސްމީކޮށް ބަދަލުކުރުމުގެ ގޮތުން މިއަދު ވަނީ ފުވައްމުލަކު އިންޖީނުގޭގައި ޚައްސަ ދިދަނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ  އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު މެނޭޖިންޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވަނީ ފުވައްމުލަކު ބްރާންޗުގެ މުވައްޒަފުންނާ މުޚާތަބުކުރައްވާފައެވެ. އަޒުވަރުގެ ވާހަކަފުޅުގައި ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރުގެ ދަށުން ފެނަކައިގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަކީ، ފުވައްމުލަކު ސިޓީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ. އަދި ސްޓެލްކޯގެ މިންގަނޑަށް ފުވައްމުލަކުގެ ކަރަންޓުގެ ޚިދުމަތް ގެންދިއުމަށް، ހުރިހާ މުވައްޒަފުންވެސް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ފުވައްމުލަކުގެ ޔުޓިލިޓީ ޚިދުމަތްތަކާ ރަސްމީކޮށް ޙަވާލުވުމަށް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި ބައެއް އިސްވެރިން  ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި، ފުވައްމުލަކު އިންޖީނުގެއަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ވަނީ ބައްލަވާލައްވާފައެވެ. އަދި އިންޖީނުގެއާ ގުޅޭގޮތުން ރައްޔިތުންނަށް ދިމާވާ ދަތިތައް ދެނެގަނެ، އެކަންކަމަށް އަވަސް ޙައްލެއް ހޯދުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ޓެކްނިކަލް ޓީމާއެކު ވަނީ މަޝްވަރާކުރައްވާފައެވެ.

މި ޒިޔާރަތުގައި، ސްޓެލްކޯގެ ޓީމުން ރޭވަނީ ފުވައްމުލަކު ބްރާންޗުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސްޓެލްކޯއަކީ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިގު އަދި ފަޚުރުވެރި މާޒީއެއް އޮތް ކުންފުންޏެއްކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު އެއް މިންގަނޑެއްގައި ހިފެހެއްޓުމަށް ވަނީ އެދިވަޑައިގެންފައެވެ. މީގެއިތުރުން، މުވައްޒަފުންގެ މަސައްކަތުގެ އަޚްލާޤާއި ސުލޫކު ސްޓެލްކޯގެ މިންގަނޑުތަކާ އެއްގޮތަށް ބެހެއްޓުމަށާއި، ކުންފުނީގައި ޤާއިމުކުރެވިފައިވާ ހަރުދަނާ އުސޫލުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތުމަށް މެނޭޖިންގ ޑިރެކްޓަރ ވަނީ މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ.

ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސްޓެލްކޯގެ ޓީމުން ވަނީ ފުވައްމުލަކު އިންޖީނުގެ އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށްޓަކައި އަލަށް އަޅަމުންދާ ޢިމާރާތުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވެސް ބައްލަވައިލައްވާފައެވެ. މީގެ އިތުރުން ފުވައްމުލަލުގެ ކްރިޓިކަލް އިންފްރާސްޓަރަކްޗަރގެ ގޮތުގައި ހިމެނޭ ހޮސްޕިޓަލާއި އެއާޕޯޓުގެ ކަރަންޓުގެ ހާލަތު ބައްލަވާލެއްވުމަށް ޒިޔާރަތް ކުރައްވައި އެތަންތަނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އެ ތަންތަނުގެ އިސްވެރިންނާ އެކު ވަނީ މަޝްވަރާކުރައްވާފައެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ