
ފުވައްމުލަކުގައި ކޮކޫން ކަލެކްޝަންގެ 'ސްޓާޓަރ ޕްރޮގްރާމް' ގެ ސެޝަންތައް މާދަމާ އޮންނާނެ
ފަތުރުވެރިކަމުގެ ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް "ދަ ކޮކޫން ކަލެކްޝަން" ގައި ހުރި ވަޒީފާގެ ފުރުޞަތުތައް ތައާރަފްކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ "ސްޓާޓަރ ޕްރޮގްރާމް" ގެ ސެޝަންތައް މާދަމާ (19 އޮކްޓޯބަރު 2026) ފުވައްމުލައް ސިޓީގައި އޮންނާނެއެވެ.
ފުވައްމުލަކުގެ އޯޝަން ޕަރލް ހޮޓެލްގައި ކުރިއަށްދާ މި ސެޝަންތައް އޮންނާނެ ގަޑިތަކަކީ މާދަމާ ހެނދުނު 10:00 އިން މެންދުރުފަހު 1:00 އަށް އަދި ހަވީރު 4:00 އިން ރޭގަނޑު 7:00 އަށެވެ.
މި އަހަރުގެ އޭޕްރީލް މަހުވެސް މި ޕްރޮގްރާމްގެ ސެޝަންތަކެއް ކުރިއަށްގެންގޮސްފައިވާއިރު، މިއީ ރާއްޖޭގެ ދެކުނުން ފެށިގެން އުތުރަށް ކުރިއަށްގެންދާ ޤައުމީ ރޯޑްޝޯއެއްގެ ބައެކެވެ. ކޮކޫން ކަލެކްޝަނުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، މި ބުރުގެވެސް މައިގަނޑު އަމާޒަކީ ވީހާވެސް ގިނަ ޒުވާނުންނަށް މި ދާއިރާގެ މައުލޫމާތުތައް ފޯރުކޮށްދިނުމެވެ.
"ޔުއާ ޖާނީ ސްޓާޓްސް ހިއާ" މި ތީމްގެ ދަށުން ކުރިއަށްދާ މި ހަރަކާތުގެ މައިގަނޑު މަޤުޞަދަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ވަނުމަށް ތައްޔާރަށް ތިބި ޒުވާނުންނަށް އެ ދާއިރާގައި ހުރި ފުރުސަތުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. އެގޮތުން މުޅި ރާއްޖެއިން 35 ޒުވާނުން މި ޕްރޮގްރާމަށް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
2022 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 90 އަށްވުރެ ގިނަ ޒުވާނުންނަށް ރިސޯޓު އޮޕަރޭޝަނާ ގުޅޭ މައުލޫމާތާއި އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. ފުވައްމުލަކުގައި ބާއްވާ ސެޝަންތަކުގައި، ކޮކޫން ކަލެކްޝަންގެ ޓެލެންޓް އެންޑް ކަލްޗަރ ޓީމުން ބައިވެރިންނަށް ރިސޯޓުތަކުގެ ހަޤީޤީ ދިރިއުޅުން ހުންނަގޮތާއި، އެކި ޑިޕާޓްމަންޓްތަކުން ވަޒީފާގެ މައިދާނުގައި ކުރިޔަށްދާން ހުރި ފުރުޞަތުތަކުގެ މައުލޫމާތު ހިއްސާކުރާނެއެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން 'ހޮޓެލިއާ މޯލްޑިވްސް' އަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ކްލަސްޓަރ ޑިރެކްޓަރ އޮފް ޓެލެންޓް އެންޑް ކަލްޗަރ، ޙަސަން ސުއައިދު ވިދާޅުވީ "ސްޓާޓަރ ޕްރޮގްރާމަކީ ހަމައެކަނި ވަޒީފާއަށް މީހުން ހޯދުމަށްވުރެ މާ ބޮޑު ކަމެއް" ކަމަށެވެ. އަދި މިއީ ޒުވާނުންނަށް އައިސް، ފަތުރުވެރިކަމުގެ ދާއިރާއާއި ރިސޯޓު ލައިފް ދެނެގަނެ، އެ ދާއިރާއަކީ ތިމާއާއި ގުޅޭ މުސްތަގުބަލެއް އޮތް ތަނެއްތޯ ނިންމުމަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމުން ހޮވޭ ބައިވެރިންނަށް ކޮކޫން މޯލްޑިވްސް، ޔޫ އެންޑް މީ މޯލްޑިވްސް އަދި ޖޯއި އައިލެންޑްގައި ތަޖުރިބާކާރު ޓީމުތަކާއެކު އަމަލީ ގޮތުން މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ކޮމެންޓް
ލޯޑިންގ...
