ޓްރެންޑިންގLoading...
Logo
ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމް ހުޅުވުމަށް ޚާއްޞަ ކުރިކެޓް މެޗެއް ކުޅެނީ
ކުޅިވަރު

ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމް ހުޅުވުމަށް ޚާއްޞަ ކުރިކެޓް މެޗެއް ކުޅެނީ

October 22, 2011ތާރިގް

ުވައްމުލަކުގައި ހަދަމުންގެންދާ ކްރިކެޓް ސްޓޭޑިމް ހުޅުވުމުގެގޮތުން ޚާއްޞަ ކްރިކެޓް މެޗެއް ކުޅުމަށް އިންތިޒާމު ކުރެވެމުންދާކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ކޯޑިނޭޓަރ އަޙުމަދު އިއްސާގު ވިދާޅުވެއްޖެ އެވެ.

ކައްޓެޅިއަށް މައުލޫމާތު ދެއްވަމުން އިއްސާގު ވިދާޅުވީ ސްޓޭޑިއަމްގެ މަސައްކަތްތައް މި މަހުގެ 25 ވަނަ ދުވަހަށް މުޅިން ނިއްމުމަށްފަހު 30 ވަނަ ދުވަހު ސްޓޭޑިއަމް ހުޅުވުމުގެ ގޮތުން ޚާއްޞަ ކްރިކެޓް މެޗެއް ކުޅުމަށް ރޭވިފައިވާކަމުގައެވެ. ނަމަވެސް މި މެޗުގައި ބައްދަލުކުރާނީ ކޮން ދެޓީމެއްކަން އަދި ކަނޑައެޅިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ސާކް ސަމިޓުގެ ހަވާސާގައި ހިންގަމުންގެންދާ ހަރަކާތްތަކުގެ ތެރެއިން ފުވައްމުލަކުގައި ހަދާ ކްރިކެޓް ސްޓޭޑިއަމްގެ މައިގަނޑު މަސައްކަތްތައް މިހާރުވަނީ ނިމިފައެވެ. ކްރިކެޓް ސްޓޭޑިއަމްގައި ވިނަ އިންދުމުގެ މަސައްކަތް މުޅިން ނިމިފައިވާއިރު، މިހާރު ކުރަމުންގެންދަނީ ސްޓޭޑިއަމްގެ ލޭންޑްސްކޭޕިންގގެ މަސައްކަތާއި ކުޅިބަލައި ގޭގައި ޓައިލްސް ޖެހުމާއި ކުލަ ލުމުގެ މަސައްކަތެވެ. އިއްސާގު ވިދާޅުވީ ލޭންޑްސްކޭޕިންގެ 50 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމުގައެވެ. އަދި ކުޅިބަލައި ގޭގެ މަސައްކަތްވެސް ގާތްގަނޑަކަށް ނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ސާކް ސަމިޓްގެ ހަވާސާގައި ފުވައްމުލަކުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ސާކް ގައުމުތަކުގެ 25 އަހަރުން ދަށުގެ ކްރިކެޓް މުބާރާތް މިމަހުގެ 31 ން ނޮވެންބަރު މަހުގެ ހަތަކަށް ބާއްވާގޮތަށް ކްރިކެޓް ބޯޑުން މިހާރުވަނީ ނިއްމަވައިފައެވެ. މި މުބާރާތުގެ ގުރުއަތުލުން މިހާރު ބާއްވާފައިވާއިރު މުބާރާތުގައި ރާއްޖެ ހިމެނޭ ފަޅީގައި ވާދަކުރާނީ ރާއްޖޭގެ އިތުރުން ބޫޓާނާއި އަފްގާނިސްތާނާއި ބަންގްލަދޭޝް އެވެ. މީގެތެރެއިން ކްރިކެޓްގައި ފާހަގަ ކޮށްލެވޭ ގައުމަކީ ބަންގްލަދޭޝް އެވެ. އަނެއް ގްރޫޕްގައި ހިމެނެނީ ކްރިކެޓުގައި ފާހަގަކޮށްލެވޭ ގަދަބާރުތައް ކަމަށްވާ އިންޑިޔާ އާއި ޕާކިސްތާނާއި ސްރީ ލަންކާގެ އިތުރުން ނޭޕާލެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ޕާކިސްތާން ޓީމުގައި ސީނިއާ ޓީމަށް ކުޅޭ ތިން ކުޅުންތެރިން ހިމަނާފައި ވެއެވެ.

ކްރިކެޓް މުބާރާތް ފުވައްމުލަކުގައި ބޭއްވިނަމަވެސް މުބާރާތުގައި ބައިވެރިވާ ޓީމުތައް ތިބުމަށް ހަމަޖެހިފައިވަނީ ހެރެތެރެ ރިސޯޓްގައެވެ. ޓީމުތައް ޕްރެކްޓިސް ކުރުމަށް ހަމަޖެހިފައިވަނީވެސް އައްޑޫ ސިޓީގައެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން މައުލޫމާތުދޭގޮތުގައި މުބާރާތުގައި ބައިވެރިވާ ޓީމުތައް މިމަހުގެ 28، 29 ގައި އައްޑޫ ސިޓީއަށް އައްނާނެ އެވެ. ޓީމުތަކަށް މަރުޙަބާ ކިޔުން އައްޑޫ ސިޓީގެ ގަމުގައި ބޭއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.

ސާކް ގައުމުތަކުގެ 25 އަހަރުންދަށުގެ ކްރިކެޓް މުބާރާތުގެ މެޗުތައް ކުޅެވޭނީ ތިން މިލިޔަން ރުފިޔާއަށްވުރެ ބޮޑު ހޭދައެއްކޮށްގެން ފުވައްމުލަކު ދިގުވާޑު އަވަށުގައި ހަދަމުންދާ ކްރިކެޓް ސްޓޭޑިއަމްގައެވެ. މި ކްރިކެޓް މުބާރާތަކީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ކްރިކެޓް މުބާރާތެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ