ޓްރެންޑިންގLoading...
Logo
ޒިކުރާ ވާހަކަ ދެއްކުމުގެ ހަތަރުވަނަ މުބާރާތް ފަށައިފި
މުބާރަތުގައި ބައިވެރިޔަކު ވާހަކަ ދައްކަނީ ފޮޓޯ: ޒިކުރާ
ޚަބަރު

ޒިކުރާ ވާހަކަ ދެއްކުމުގެ ހަތަރުވަނަ މުބާރާތް ފަށައިފި

October 17, 2026ކިފާހް

ޒިކުރާ ވާހަކަދެއްކުމުގެ ހަތަރުވަނަ މުބާރާތް 81 ދަރިވަރުންނާއެކު ފަށައިފިއެވެ. މިއީ ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ ޑިޕާޓްމެންޓް އޮފް އިސްލާމިކް ސްޓަޑީޒް އެންޑް ސައިންސްގެ ފަރާތުން އިންތިޒާމުކޮށްގެން އަހަރަކު އެއފަހަރު ބާއްވާ ވާހަކަދެއްކުމުގެ މުބާރާތެކެވެ.

"އިސްލާމީ އަޚްލާގު" މި މައިގަނޑު މައުޟޫއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ފުރަތަމަ ދަންފަޅި ބޭއްވިފައިވަނީ އިއްޔެ ހެނދުނުއެވެ. އަދި މި މުބާރާތް މިރެއާއި ހަމައަށް ކުރިއަށްދާނެއެވެ. މިމުބާރާތުގައި ތަފާތު ތައުލީމީ މުއައްސަސާތަކުންނާއި އަމިއްލަ ގޮތުން 81 ދަރިވަރުން ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 53 އަންހެން ދަރިވަރުންނާއި 28 ފިރިހެން ދަރިވަރުންނެވެ. މުބާރާތުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ބްރައިޓްވޭ އިންޓަރނޭޝަނަލް ފުވައްމުލައް ސްކޫލް، ހޯލިސްޓަރ އެކަޑެމީ، އަލީ ޒަހީރު އެކަޑެމީ، އަދި އަމިއްލަ ގޮތުން ބައިވެރިވި 33 ދަރިވަރުން ހިމެނެއެވެ. މި މުބާރާތް ކުރިއަށްދަނީ ޖުމްލަ 6 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށުގެ އިތުރުން 17 އަހަރުން މަތީގެ އުމުރުފުރާއެވެ.

މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ބައިވެރިން ވާހަކަދައްކާނީ އެ ބައިވެރިއަކު ހުށަހަޅާ މައުޟޫޢު މުބާރާތް ކޮމިޓީން ފާސްކުރުމަށްފަހުގައެވެ. މުބާރާތަށް އިންސާފުކުރުމަށްޓަކައި އިސް ފަނޑިޔާރަކާއި އެކު 3 ފަނޑިޔާރުންގެ ޓީމެއް ހަރަކާތްތެރިވަމުންދާއިރު، ކޮންމެ ބައިވެރިއެއްގެ ނަތީޖާ ކަނޑައެޅޭނީ މި ފަނޑިޔާރުން ދެއްވާ މާކްސްގެ އެވްރެޖުންނެވެ. މުބާރާތުގައި ވާހަކަދެއްކުމުގެ ވަގުތަށް ބަލާއިރު، ޖޫނިއާ ގުރޫޕުގެ ބައިވެރިންނަށް 5 މިނިޓާއި 7 މިނިޓާ ދެމެދުގެ ވަގުތެއް ދެވޭއިރު، ސީނިއަރ ގުރޫޕުގެ ބައިވެރިންނަށް ދެވިފައިވަނީ 7 މިނިޓާއި 10 މިނިޓާ ދެމެދުގެ ވަގުތެކެވެ. މީގެ އިތުރުން، ވާހަކަ ދައްކާ މައުޟޫގެ ތެރެއިން ކީރިތި ޤުރުއާނާއި ޙަދީޘުން ހެކިދައްކަން ބާރު އެޅުމާއެކު، ބައިވެރިންގެ ހެދުން އިސްލާމީ މިންގަނޑަށް ފެތެންޖެހޭނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މުބާރާތުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް ބައިވެރިވިކަމުގެ ހަނދާނީ ލިޔުން ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ވަނަތަކަށް ހޮވޭ ދަރިވަރުންނަށް ޚާއްޞަ އެވޯޑާއި ފައިސާގެ އިނާމު ދެވޭނެއެވެ. މިގޮތުން ކޮންމެ އުމުރު ފުރާއަކުން ގަދަ 5 އެއް، ޖޫނިއަރ ގްރޫޕުން 1،2،3ވަނަ، ސީނިއަރ ގްރޫޕުން 1،2،3ވަނަ، އަދި މުޅި މުބާރާތުން 1،2،3 ވަނަ މުއައްސަސާ ހޮވުމަށް ހަމަޖެހިފައިވެއެވެ. ޚާއްޞަ އިނާމުތަކުގެ ތެރެއިން، ސީނިއަރ ގްރޫޕުން 1 ވަނައަށް ދާ ފަރާތަކަށް "ހުވަނދަގެ ވަޙީދުގެ ހަނދާނީ އެވޯޑު" އަދި ފައިސާގެ އިނާމު ލިބޭއިރު، ޖޫނިއަރ ގްރޫޕުން 1 ވަނައަށް ދާ ފަރާތަކަށް ދެވޭނީ "މަދަރުސާގެ ސަޢީދުގެ ހަނދާނީ އެވޯޑު" އަދި ފައިސާގެ އިނާމެވެ. އަދި ދެ ގްރޫޕުންވެސް 2 ވަނަ އަދި 3 ވަނައަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމު ދެވޭނެކަމަށް އިންތިޒާމު ކޮމިޓީން މައުލޫމާތުދެއެވެ.

ޒިކުރާ ވާހަކަދެއްކުމުގެ 4 ވަނަ މުބާރާތުގެ ސެޝަންތައް ކުރިއަށްދާއިރު، ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ 'ޒިކުރާ ކަނެކްޓް' ފޭސްބުކް ޕޭޖު މެދުވެރިކޮށް މުޅި ރާއްޖެއަށް ވަގުތުން ލައިވްކުރަމުންދާނެކަމަށް ޒިކުރާ އިން މައުލޫމާތުދެއްވައެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނާ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާގައެވެ. 

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ