ޓްރެންޑިންގLoading...
Logo
ދި ހޯކްސް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސެލް ޓޯނަމެންޓް 2026 ގެ ޗެމްޕިއަންކަން ހޯދަޑު ސްޕޯޓްސް ކްލަބުން ހޯދައިފި
ކުޅިވަރު

ދި ހޯކްސް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސެލް ޓޯނަމެންޓް 2026 ގެ ޗެމްޕިއަންކަން ހޯދަޑު ސްޕޯޓްސް ކްލަބުން ހޯދައިފި

October 14, 2026ކިފާހް

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ފުވައްމުލައް ސިޓީގައި މިހިނގާ އޮކްޓޯބަރު 04 އިން މިއަދުގެ ނިޔަލަށް ބޭއްވި ދި ހޯކްސް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން ހޯދަޑު ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ. ހޯދަޑު ސްޕޯޓްސްއިން ޗެމްޕިއަންކަން ހޯދީ މިރޭ ފުނާޑު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު 10-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މި މެޗުގައި ހޯދަޑު ސްޕޯޓްސް ކްލަބުގެ އަލީ ހާފިޒް (ހާއްޕެ) 5 ލަނޑު ޖަހާފައިވާއިރު، އެ ޓީމުގެ އަހްމަދު އަފްލާޒް ވަނީ 4 ލަނޑު ޖަހާފައެވެ. އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ އާރިފް އަހްމަދެވެ. ފުނާޑު ސްޕޯޓްސް ކްލަބުގެ ހަމައެކަނި ލަނޑު ޖަހައިދިނީ އެ ޓީމުގެ ޒަޔާން ޝަރީފެވެ.

މެޗުގެ ފުރަތަމަ ލަނޑު ހޯދަޑު ސްޕޯޓްސްއިން ޖަހާފައިވާއިރު، އެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު އަފްލާޒެވެ. ދެވަނަ ލަނޑު، ލިބުނު ހިލޭ ޖެހުމަކުން ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކުރީ ހޯދަޑު ޓީމުގެ އަލީ ހާފިޒެވެ. ތިންވަނަ ލަނޑަކީވެސް ހާއްޕެގެ ހިތްގައިމު ލަނޑެކެވެ. ހަތަރުވަނަ ގޯލަކީ އަފްލާޒް އަމިއްލަ ހާފު ތެރެއިން ބޯޅަ ހިފައިގެން ގޮސް އާރިފް އަހްމަދަށް ދިން ޕާހަކުން އޭނާ ޖެހި ލަނޑެކެވެ. ފަސްވަނަ ލަނޑު އަފްލާޒްގެ ހިތްގައިމު ޑްރިބްލްއަކަށްފަހު ދިން ޕާހަކުން ޖަހައިދިނީވެސް ހާއްޕެއެވެ. މިއާއެކު ފުރަތަމަ ހާފު ނިމުނީ 5-0 އިން ހޯދަޑު ސްޕޯޓްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ހަވަނަ ލަނޑު، ކީޕަރުގެ ދިގު އެއްލުމެއް ކޮންޓްރޯލް ކުރުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިނީވެސް ހާއްޕެއެވެ. މެޗުގެ ހަތްވަނަ ލަނޑަކީ އަފްލާޒުގެ ވަރަށް މޮޅު އިންޑިވިޖުއަލް ގޯލެކެވެ. އަމިއްލަ ހާފުން ހިފައިގެން ދިޔަ މި ބޯޅަ އަފްލާޒް ގޯލުގެ ތެރެއަށް ވައްދާލާފައިވަނީ 3 ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހުއެވެ. މެޗުގައި ފުނާޑުގެ ހަމައެކަނި ލަނޑު، ރީބައުންސްވި ޝޮޓެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޒަޔާން ޝަރީފެވެ. މެޗުގެ އަށްވަނަ ލަނޑަކީވެސް އަފްލާޒްގެ ވަރަށް ރީތި އިންޑިވިޖުއަލް ގޯލެކެވެ. ނުވަވަނަ ލަނޑު ހާއްޕެގެ އެސިސްޓަކުން ކާމިޔާބުކުރީވެސް އަފްލާޒެވެ. މެޗުގެ ދިހަވަނަ ލަނޑު އަފްލާޒްގެ އެސިސްޓަކުން ކާމިޔާބުކުރީ ހާއްޕެއެވެ. މިއާއެކު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހޯދަޑު ސްޕޯޓްސްގެ އަހްމަދު އަފްލާޒެވެ.

މެޗު ނިމުމުން ބޭއްވި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ މަގާމުތައް ހޯދި ކުޅުންތެރިންނަށާއި ޓީމުތަކަށް އިނާމާއި، ޓްރޮފީ، މެޑެލް އަދި ހަނދާނީ ލިޔުން ދީފައެވެ. އެގޮތުން މުބާރާތުގެ އެންމެ ގިނަ ގޯލު ޖަހައި ޓޮޕް ސްކޯރާގެ މަގާމު ހޯދީ ހޯދަޑު ސްޕޯޓްސްގެ އަހްމަދު އަފްލާޒެވެ. އޭނާ ވަނީ ޖުމްލަ 13 ގޯލު ޖަހާފައެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ހޯދީ ޑީއެސްއާރުސީ ޖޫނިއަރގެ އަލީ ރައްޔާން (ރައްޔު) އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ ފުނާޑު ސްޕޯޓްސް ކްލަބުގެ ކޯޗު އަހްމަދު މުއާޒެވެ. މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ފުނާޑު ސްޕޯޓްސް ކްލަބުގެ އަހްމަދު ސިނާހު، ފިސްޑާ ޓީމުގެ މުޙައްމަދު ވިޝާހު އިބްރާހިމް (ވިއްޓު)، ހޯދަޑު ސްޕޯޓްސް ކްލަބުގެ އަހްމަދު އަފްލާޒް، ގަލޯނާ ސްޕޯޓްސް ކްލަބުގެ އަޖްމަލް އަހްމަދު އަދި ފުނާޑު ސްޕޯޓްސް ކްލަބުގެ އަލީ ސާއިފެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހޯދަޑު ސްޕޯޓްސް ކްލަބުގެ އަހްމަދު އަފްލާޒެވެ. މުބާރާތުގެ އެންމެ ފަޚުރުވެރި އިންޑިވިޖުއަލް މަގާމު ކަމުގައިވާ "ފުވައްމުލައް ފުޓްސެލް ކިންގް" ގެ މަގާމު ހޮވާފައިވަނީ މުބާރާތުގައި ކުޅެފައިވާ ފުވައްމުލަކު ކުޅުންތެރިންނާއި ފުވައްމުލަކަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިންނެވެ. އެގޮތުން ފުވައްމުލައް ފުޓްސަލް ކިންގުގެ މަގާމު ހޯދާފައިވަނީ ފުނާޑު ސްޕޯޓްސް ކްލަބުގެ އަހްމަދު ސިނާހު (ސިންބާ) އެވެ. މުބާރާތުގެ ރަނަރއަޕް ޓީމަކީ ފުނާޑު ސްޕޯޓްސް ކްލަބެވެ. އަދި ޗެމްޕިއަން ޓީމަކީ ހޯދަޑު ސްޕޯޓްސް ކްލަބެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 (ފަންސާސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ރަނަރއަޕް ޓީމަށް ވަނީ 25،000 (ފަނަރަހާސް) ރުފިޔާ ދީފައެވެ. މިއާއެކު މި މުބާރާތުގެ ތާރީޚުގައި އެންމެ ކާމިޔާބު ޓީމު ކަމަށްވާ ހޯދަޑު ސްޕޯޓްސް މިވަނީ 5 ވަނަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ