
ފުވައްމުލަކުގައި ފިޝިންގ ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި ކަނޑުގެ ހާދިސާއެއް ހިނގައިފި
ފުވައްމުލައް ސިޓީގައި ކައްޓެޅި ބާނަން ނިކުމެ އުޅުނު ޑިންގީއަކާއި ފިށިން ލޯންޗެއް ޖެހި، ނުރައްކާތެރި ކަނޑުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިރޭ 9:00 ހާއިރު، ފުވައްމުލަކު ބޮޑުފަންނާ ދިމާލުގައި ކައްޓެޅި ބާނަން އުޅުނު ޑިންގީއެއްގައި، ހަވިއްތައާވީ ފަޅިން ބަނދަރާ ދިމާލަށް ދުއްވާފައި އައި ފިށިން ލޯންޗަކުން ޖެހިގެންނެވެ.
ބޮޑުމިނުގައި 17 ވަރަކަށް ފޫޓު ހުރި މި ޑިންގީގައި އެވަގުތު ތިން މީހުން ތިއްބެވެ. އޭގެ ތެރެއިން އެކަކުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެ، މޭކަށިގަނޑަށްވެސް އަނިޔާތަކެއް ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ސީރިއަސް އަނިޔާތަކެއް ލިބުނު މި މީހާއަކީ ޑިންގީ ދުއްވަން އިން މީހާއެވެ. އޭނާއަށް އަނިޔާވީ ލޯންޗުން ޖެހުނު ވަގުތު އައި ލޮޅުމުގައި ޑިންގީގެ ތެރެއަށް ވެއްޓިގެން ކަމަށް ބެލެވެއެވެ.
ޑިންގީގައި ތިބި އަނެއް ދެމީހުންގެ ތެރެއިން އެކަކަށް މާބޮޑު އަނިޔާއެއް ނުވި ނަމަވެސް، ތިންވަނަ މީހާއަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ. އަނިޔާ ލިބުނު ދެމީހުންނަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، ބޮލަށް ގެއްލުންވި މީހާ އިތުރު ފަރުވާއަށް މާދަމާ ހެނދުނު މާލެ ފޮނުވާލަން ތައްޔާރުވެފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. މިއެކްސިޑެންޓްގައި ލޯންޗުގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. އަދި މިހާދިސާ ހިނގަން މެދުވެރިވީ ވަށައިގެން އަލިގަދަ ބޮކިތަކެއް ދިއްލާފައިވާ ފިށިން ލޯންޗު ބާރު ސްޕީޑުގައި ދުއްވާފައި އައިވަގުތު ޑިންގީގެ ހަރުކޮށްފައިވާ ލައިޓު ފެނިފައިނުވާތީ ކަމަށް ބެލެވެއެވެ.
ލޯންޗުން ޖެހިފައިވަނީ ޑިންގީގެ ކުރީކޮޅުގައެވެ. ޑިންގީއަށް ވެފައިވާ ގެއްލުމަށް ބަލާއިރު، ކުރީކޮޅުގެ ކުޑަކޮށް ވާތްފަޅިން ލޯންޗު ޑިންގީ މަތިން ގޮސްފައިވާ ކަމަށް ބެލެވެއެވެ.
ކުޑަ ޑިންގީ އަދި ލޯންޗުފަހަރުގައި ގިނަ އަދަދެއްގެ މީހުން މަސްވެރިކަމަށް ރަށް ކައިރިއަށް ނިކުންނަ އަދި ރަށުގެ ވަށައިގެން އެކި ސަރަހައްދުތަކަށް ގިނަ އަދަދަކަށް ޑައިވް ކުރާ ފުވައްމުލަކުގައި މިވަގުތު އެމްއެންޑީއެފްގެ އުޅަނދެއް ނެތެވެ. މިފަދަ ގިނަ ހާދިސާތަކުގައި އެމްއެންޑީއެފުން ބޭނުންކުރަމުން އަންނަނީ ފުވައްމުލަކުގައި އޮންނަ ސީ އެމްބިއުލާންސެވެ.
ކޮމެންޓް
ލޯޑިންގ...
