ޓްރެންޑިންގLoading...
Logo
އެތެންސް އާއި ރޯމްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޯޝަން ޕްރޮޖެކްޓް ޓްރެއިނިންގައި ބައިވެރިވުމަށް ޒިކުރާ އިންޓަނޭޝަނަލް ކޮލެޖްގެ އިސްވެރިންގެ ޓީމެއް ފުރައިފި
ޚަބަރު

އެތެންސް އާއި ރޯމްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޯޝަން ޕްރޮޖެކްޓް ޓްރެއިނިންގައި ބައިވެރިވުމަށް ޒިކުރާ އިންޓަނޭޝަނަލް ކޮލެޖްގެ އިސްވެރިންގެ ޓީމެއް ފުރައިފި

October 12, 2026ކިފާހް

ޔޫރަޕްގެ ތާރީޚީ ދެ ސިޓީ ކަމަށްވާ ގްރީސްގެ އެތެންސް އާއި އިޓަލީގެ ރޯމްގައި ބޭއްވުމަށް ހަމަޖެހިފައިވާ "އޯޝަން ޕްރޮޖެކްޓް" ޓްރެއިނިންގައި ބައިވެރިވުމަށް ފުވައްމުލައް ސިޓީގައި މަރުކަޒުވެގެން ހިންގާ މި ސިޓީއަށް ނިސްބަތްވާ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖްގެ އިސްވެރިންގެ ޓީމެއް ޔޫރަޕަށް ފުރައިފިއެވެ.

މި ޓީމުގައި ހިމެނެނީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖްގެ ރެކްޓަރ އަހްމަދު ނަފީސް އާއި، ވައިސް ރެކްޓަރ ޑރ. ފާތިމަތު ރަޝީދު އަދި ޑިރެކްޓަރ ޖެނެރަލް ޑރ. މަރިޔަމް ނިޔާފް އެވެ. މި ޓްރޭނިންގެ ފުރަތަމަ ބައި އޮންނާނީ އޮކްޓޫބަރު 12 އިން 14 އަށް ގްރީސްގެ އެތެންސްގައެވެ. އަދި ދެވަނަ ބައި އޮންނާނީ އޮކްޓޫބަރު 16 އިން 21 އަށް އިޓަލީވިލާތުގެ ރޯމްގައެވެ.

އޯޝަން ޕްރޮޖެކްޓަކީ މަތީ ތައުލީމު ދޭ ބައިނަލް އަޤްވާމީ މުއައްސަސާތަކާއި ތައުލީމީ ނިޒާމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށްޓަކައި ޔޫރަޕިއަން ޔުނިއަންގެ "ޔޫރަޕިއަން ކޮމިއިނިޓީ ރީޖަން އެކްޝަން ސްކީމް ފޯ ދަ މޮބިލިޓީއޮފް ޔުނިވަސިޓީ ސްޓޫޑެންޓްސް" ޕްރޮގްރާމްގެ އެހީގައި ދިވެހިރާއްޖެ އަދި ޕަޕުއާ ނިއުގިނީގައި ހިންގާ ޕްރޮޖެކްޓެކެވެ.

އޯޝަން ޕްރޮޖެކްޓް ފަދަ ބައިނަލްއަޤްވާމީ ޕްރޮޖެކްޓްތަކުގައި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން ބައިވެރިވުމުން ދޭހަވަނީ، "މި ކޮލެޖުން ބައިނަލްއަގުވާމީ ފަރާތްތަކާއެކު މަސައްކަތް ކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ކޮލެޖުގެ ގާބިލްކަން އިތުރުކުރުމާއި، މި ދާއިރާގެ 'ބެސްޓް ޕްރެކްޓިސް' ތަކަށް ތަބާވެ އެކަންކަން ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއަށް ގެންނަން ކުރާ މަސައްކަތަށް ދޭ އަހައްމިއްޔަތުކަން" ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން މިއަދު ފޭސްބުކްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

މި ޕްރޮޖެކްޓުގެ މައިގަނޑު މަގްސަދަކީ އެކަހެރި އަދި ފުރުޞަތުތައް މަދު ޖަޒީރާ ގައުމުތަކުގެ މަތީ ތައުލީމުދޭ މުއައްސަސާތަކާ ބައިނަލްއަގުވާމީ ގުޅުން ބަދަހިކުރުމާއި، ޝާމިލު ތަޢުލީމެއް ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުކުރުމެވެ. މި ޕްރޮގްރާމްގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދޭ ދާއިރާތަކުގެ ތެރޭގައި ތައުލީމުދޭ ބައިނަލްއަގުވާމީ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ކޮލެޖް/ޔުނިވަސިޓީތަކުގެ މުގައްރަރުތައް ޒަމާނީކޮށް ވީހާވެސް ބޮޑަށް ތިމާވެއްޓާއި މޫސުމީ ބަދަލުތަކަށް ދަރިވަރުން ތައްޔާރުކުރެވޭނެ ގޮތަކަށް މުގައްރަރުތައް އެކުލަވައިލުމުގެ އިތުރުން، ތައުލީމީ ނިޒާމުތަކާއި މުއައްސަސާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމާއި ތަޖުރިބާ ހިއްސާކުރުމަށް ފަހި މަގުތަކެއް ހޯދުން ހިމެނެއެވެ.

މި ޕްރޮޖެކްޓްގައި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖްގެ މައިގަނޑު ދައުރަކީ، އެކިއެކި ތަމްރީނުތަކަށް ބޭނުންވާ މެޓީރިއަލްސް އުފެއްދުމާއި، ޔޫރަޕްގެ ބައިވެރިންނާއެކު ތަމްރީނުތައް ރާވައި ހިންގުމާއި ޕްރޮޖެކްޓުގެ މައިގަނޑު މަޤުސަދުގައި ހިމެނޭ ކަންކަން އެކުލެވޭގޮތުން މަންހަޖުތައް އެކުލަވައިލުމަށް އެހީތެރިވުމެވެ.

މި ޕްރޮޖެކްޓުގައި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ އިތުރުން، ދިވެހިރާއްޖޭގެ މިއާންޒް ކޮލެޖު، ޕަޕުއާ ނިއު ގިނިއާގެ ޑިވައިން ވޯލްޑް ޔުނިވަސިޓީ، ޔުނިވަރސިޓީ އޮފް ގޮރޯކާ އަދި ޕަޕުއާ ނިއު ގިނިއާ ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ ބައިވެރިވެއެވެ. އަދި މީގެ އިތުރުން އިޓަލީގެ ޔުނިވަރސިޓީ އޮފް ރޯމް ޓޮރ ވެރްގާޓާ، ގްރީސްގެ ޔުނިވަރސިޓީ އޮފް ޕިރިއަސް ރިސާޗް ސެންޓަރ، ސްޕެއިންގެ ޔުނިވަރސިޓީ އޮފް ލަސް ޕަލްމަސް ޑި ގްރަން ކެނާރިއާ އަދި ބެލިޖިއަމްގެ އިންސްޓިޓިއުޓް ޑި ހޯޓެ ފޯރމޭޝަން އޮކްސް ކޮމިއުނައުޓަރީޒް ވެސް ބައިވެރިވެއެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ