
ކްރިކެޓްގެ ވައިޑީޕީ ޕްރޮގްރާމެއް ހިންގުމަށް 23 ކޯޗުން ތަމްރީނު ކޮށްފި
ކްރިކެޓް ޔޫތު ޑިވޮލޮޕްމަންޓް ޕްރޮގްރާމެއް ފުވައްމުލަކުގައި ހިންގުމަށްޓަކައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ތަމްރީނުކުރި 23 ކޯޗަކަށް ސެޓްފިކެޓް ދީފިއެވެ.
ޏ އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ކޯޗުންނާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް އަޙުމަދު ހަސަން ދީދީ އެވެ. ކްރިކެޓް ބޯޑުން ފުވައްމުލަކުގައި ހިންގި ލެވެލް ޒީރޯ ކޯޗިންގ ކޯހުގައި ބައިވެރިވި 31 ބައިވެރިންގެ ތެރެއިން ފާސްވެ، ސެޓްފިކެޓް ހާޞިލްކޮށްފައިވަނީ 23 ބައިވެރިންނެވެ.
ރޭގެ ރަސްމިއްޔާތުގައި ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކެއްޓްރީ މުހައްމަދު ފައިސަލް ކޯޗުންނާ މުޚާތަބުކުރައްވާ ވާހަކަ ދެއްކެވިއެވެ. ކްރިކެޓްގެ ސަބަބުން ފުވައްމުލަކަށް ކުރާނޭ ފައިދާތައް ހާމަކޮށްދެއްވާ، ކްރިކެޓްގެ ރޮންގުން ކުރިއަށް ދިއުމަށް ކޯޗުންނަށް އޭނާ ހިތްވަރު ދެއްވިއެވެ.
ފުވައްމުލަކުގައި ކްރިކެޓް ޔޫތް ޑިވެލޮޕްމެންޓް ޕްރޮގްރާމްތަކެއް ހިންގުމަށްޓަކައި ފުވައްމުލަކު ސްކޫލްތަކަށް ކްރިކެޓް ސާމާނު ހަދިޔާ ކުރާ ގޮތަށް ވަނީ ހަމަ ޖެހިފައެވެ. ކްރިކެޓް ބޯޑުން ހަދިޔާކުރާ މި ތަކެތި ފުވައްމުލަކު އަތޮޅު ކައުންސިލާ ރަމްޒީ ގޮތުން ހަވާލުކުރުންވެސް ރޭގެ ރަސްމިއްޔާތުގައި އޮތެވެ. އަތޮޅު ކައުންސިލްގެ ފަރާތުން މިތަކެއްޗާއި ހަވާލުވެ ވަޑާއިގަތީ ކައުންސިލްގެ ނައިބް ރައީސް އަލީ ފަޒާދެވެ.
މި މަހުގެ 20 ވަނަ ދުވަހު ފުވައްމުލަކުގައި ފެށި ޒީރޯ ލެވެލްގެ ކޯސް ކުރިޔަށް ގެންގޮސްފައިވަނީ ނުވަ ދުވަހުގެ މުއްދަތަށެވެ.
ކޮމެންޓް
ލޯޑިންގ...
