ޓްރެންޑިންގLoading...
Logo
މިހާރު ކުރިޔަށްދާ ދި ހޯކްސް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ ފައިނަލަށް ފުނާޑު ސްޕޯޓްސް ކްލަބް އަދި ހޯދަޑު ސްޕޯޓްސް ކްލަބް
ކުޅިވަރު

މިހާރު ކުރިޔަށްދާ ދި ހޯކްސް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ ފައިނަލަށް ފުނާޑު ސްޕޯޓްސް ކްލަބް އަދި ހޯދަޑު ސްޕޯޓްސް ކްލަބް

October 12, 2026ކިފާހް

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުންދާ ދި ހޯކްސް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ ފައިނަލުގެ ޖާގަތައް ފުނާޑު ސްޕޯޓްސް ކްލަބް އަދި ހޯދަޑު ސްޕޯޓްސް ކްލަބުން ކަށަވަރުކުރީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށްގެންނެވެ.

ފުނާޑު ސްޕޯޓްސް ކްލަބުން ރާއްޖޭގައި ނަންމަޝްހޫރު ފުޓްސެލް ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިޔަކާއެކު ކުޅުނު މިދިޔަ އަހަރުގެ ޗެމްޕިއަން ފިސްޑާއާ ދެކޮޅަށް ކުޅެ ފައިނަލުން ޖާގަ ހޯދީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރެން ޖެހި ޕެނެލްޓީގައި 5-4 އިން މެޗު ކާމިޔާބުކޮށްގެންނެވެ. ރަށަށް ނިސްބަތްވާ ކުޅުންތެރިންނާއެކު ކުޅުނު ފުނާޑު ޓީމާއި ފިސްޑާ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ލިބުނު ކޯނަރަކުން ލަނޑު ޖަހައި މެޗުގެ ލީޑު ފިސްޑާއަށް ހޯދައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޚޮދަދާދީއެވެ. ފުނާޑު ޓީމުން މޮޅަށް ޑިފެންސްކުރި އަދި ކީޕަރުގެ ފަރާތުން އާދަޔާ ހިލާފު މޮޅު ކުޅުމެއް ފެނުނު މި މެޗުގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ނާހު ހުރަސްކޮށްދިން ބޯޅައަކުން ޒަޔާން ޝަރީފެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހި ޕެނެލްޓީ ޝޫޓްއައުޓްގައި ފުނާޑު ސްޕޯޓްސް ކްލަބުން ވަނީ އެ ޓީމުން ޖެހި ހުރިހާ ޕެނެލްޓީއެއް ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ޕެނެލްޓީތައް ކާމިޔާބުކުރީ އަހްމަދު ސިނާހް، އަބްދުލް މަތީން، އަހްމަދު ނިޔާޒް، ޒަޔާން ޝަރީފް އަދި އަހްމަދު ނާޒިހް ނަޖުމީއެވެ. ފިސްޑާގެ އަޒްޔާން އިބްރާހިމް، އިސްމާއިލް ނަސީމް އަދި ހުސެއިން ޝަރީފް ޖެހި ޕެނެލްޓީ ކާމިޔާބުކުރިއިރު، އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަލީ ޚޮދާދީ ޖެހި ޕެނެލްޓީ ފުނާޑުގެ ކީޕަރު ސައިފް އަލީ ވަނީ މަތަކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މެޗުގެ ތެރޭގައި ފިސްޑާއިން އުފެއްދި ގިނަ ހަމަލާތަކެއް ދިފާއުކޮށް، ޕެނެލްޓީ ޝޫޓްއައުޓްގައިވެސް ތަފާތު ދެއްކި ފުނާޑު ސްޕޯޓްސް ކްލަބުގެ ކީޕަރު ސައިފް އަލީއެވެ.

މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ހޯދަޑު ސްޕޯޓްސް ކްލަބުން ހޯދީ ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި 5-4 އިން ގަލޯނާ ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގައި ފުރަތަމަ ދެ ގޯލު ޖަހައި ލީޑު ނެގީ ގަލޯނާ ސްޕޯޓްސް ކްލަބުންނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު އަހްމަދު އަމާން ޖަމްޝީދު ޖެހިއިރު، ދެވަނަ ލަނޑު ޖަހައިދިނީ އަޖްމަލް އަހްމަދެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން އަފްލާޒް ޝޮޓެއް ހުރަސް ދަނޑީގައި ޖެހިފައި ގޯލްކުރިމައްޗަށް ވެއްޓުމުން ގޯލްތެރެއަށް ވައްދާލައިގެން ހޯދަޑު ސްޕޯޓްސްގެ އިބްރާހިމް ޝަރީފް ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގަލޯނާ ޓީމުގެ އަޖްމަލް ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ޖަހައި، އަލުން ދެ ލަނޑުގެ ލީޑެއް އެޓީމަށް ހޯދައިދިނެވެ. އޭގެ ކުޑައިރުކޮޅެއްފަހުނ ހާއްޕެ ދިން ޕާހެއްގައި ލަނޑެއް ޖަހައި އަފްލާޒް ވަނީ ހޯދަޑު ސްޕޯޓްސް އަށް ނަތީޖާގެ ފަރަގު އަނެއްކާވެސް ކުޑަކޮށްދީފައެވެ. މިއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ 3-2 އިން ގަލޯނާ ސްޕޯޓްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އަލީ ހާފިޒް (ހާއްޕެ) ދިން ޕާހެއް އެއްފަހަރުން ގޯލުގެ ތެރެއަށް ވައްދާލައިގެން ހޯދަޑު ސްޕޯޓްސްއަށް ނަތީޖާގެ ފުރަތަމަ ފަހަރަށް އެއްވަރުކޮށްދިނީ އަހްމަދު އަފްލާޒްއެވެ. މިއާއެކު ދެންވެސް ފެނިގެންދިޔައީ މި ދެ ކުޅުންތެރިންގެ ކޮމްބިނޭޝަނެއްގައި އަފްލާޒް ލަނޑެއް ޖަހައި ހޯދަޑު ޓީމަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިދިންތަނެވެ. ނަމަވެސް އަމާން އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ގަލޯނާ ސްޕޯޓްސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ހޯދަޑު ސްޕޯޓްސްއިން ދެވަނަ ފަހަރަށް ކުރިހޯދައިދީ މެޗުން މޮޅުކޮށްދިނީ އަފްލާޒް ނަގައިދިން ހުރަހެއް ފާޕޯސްޓުގައި އެކަނި ހުރެ ގޯލުގެ ތެރެއަށް ވައްދާލައިގެން އަލީ ހާފިޒް (ހާއްޕެ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ 3 ލަނޑު ޖަހައި ހެޓްރިކް ހެދުމުގެ އިތުރުން ދެ އެސިސްޓްވެސް ކޮށްދިން ހޯދަޑު ޓީމުގެ އަހްމަދު އަފްލާޒްއެވެ.

ފުނާޑު ސްޕޯޓްސް އާއި ހޯދަޑު ސްޕޯޓްސް ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ 13 އޮކްޓޯބަރު 2026 ވާ އަންގާރަ ދުވަހުގެ ރޭ 20:30 ގައެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ