ޓްރެންޑިންގLoading...
Logo
ފުވައްމުލައް މެޑިކަލް ސެންޓަރު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
ޚަބަރު

ފުވައްމުލައް މެޑިކަލް ސެންޓަރު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި

October 11, 2026ކިފާހް

ފުވައްމުލަކު ފުނާޑު ނޫރީފެހިގައި ގާއިމުކުރެވުނު މެޑިކަލް ސެންޓަރު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.

ޗާމް ޑެންޓަލް އެންޑް ސްކިން ކްލިނިކާއި ގުޅިގެން ހިންގާ މި ސެންޓަރާއި ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން، ސެންޓަރުގެ މެނޭޖިންގ ޑިރެކްޓަރު ސައުދު ވިދާޅުވީ، މިފަދަ ޚިދުމަތެއް ފެށުމުގެ މަޤްޞަދަކީ ފުވައްމުލަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަތްފޯރާ އަގެއްގައި، އިތުބާރުހިފޭ ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ.

ސެންޓަރު ހުޅުވުމުގެ ޙަފްލާގައި ޗާމް ޑެންޓަލް އެންޑް ސްކިން ކްލިނިކްގެ ފަރާތުން ވާހަކަ ދެއްކެވި މެޑިކަލް ޑިރެކްޓަރު ޑޮކްޓަރު ނަދީމާ ވިދާޅުވީ، ސެންޓަރުގެ ޚިދުމަތް ފަށައިފައިވަނީ ދަތުގެ ފަރުވާއިން ކަމަށާއި، ދާދި އަވަހަށް ހަމުގެ ފަރުވާގެ ޚިދުމަތްވެސް ފެށުމަށް ރާވާފައިވާކަމަށެވެ. އަދި، ދަތާއި ހަމުގެ ފަރުވާ ދިނުމަށް ބޭނުންކުރާ އެންމެ ފަހުގެ މެޝިންތަކާއި ޒަމާނީ ފަރުވާގެ ވަސީލަތްތަކާއެކު، ފުވައްމުލަކުގައި ތިބެގެން އެ ޚިދުމަތްތައް ލިބޭނެ ގޮތް ހެދުމަކީ ޗާމްގެ އެންމެ ބޮޑު އަމާޒެއްކަމަށް ވިދާޅުވިއެވެ.

ދަތުގެ ފަރުވާ ދިނުމަށް ބޭނުންވާ ސާމާނާއި ވަސީލަތްތަކާއެކު ސެންޓަރުގެ ޚިދުމަތް ފަށައިފައިވާ ނަމަވެސް، އަވަސް މުސްތަޤްބަލުގައި އިތުރު ސިއްޙީ ޚިދުމަތްތައްވެސް ފެށުމަށް ރާވާފައިވާކަމަށް ސައުދު ވިދާޅުވިއެވެ. އެގޮތުން، މިމަހުގެ ތެރޭގައި ފިޒިއޯތެރަޕީ ޚިދުމަތް ފެށުމަށް ހަމަޖައްސައިފައިވާކަމަށާއި، ރާއްޖޭގައި މަސައްކަތް ކުރައްވާ ފެންވަރު ރަނގަޅު ޑޮކްޓަރުން ސެންޓަރަށް ޒިޔާރަތްކޮށް ބަލިމީހުންނަށް ފަރުވާ ދިނުމުގެ އިންތިޒާމުތައްވެސް ރާވާފައިވާކަމަށް ވިދާޅުވިއެވެ.

އަދި، ޒަމާނީ އަލްޓްރާސައުންޑް ސްކޭނިންގ ސިސްޓަމެއް މިހާރުވެސް ސެންޓަރުގައި ގާއިމުކޮށްފައިވާކަމަށާއި، ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ސައުދު ވިދާޅުވިއެވެ.

މި ސެންޓަރު ގާއިމުކުރުމަކީ، މީގެ ފަސް އަހަރު ކުރިން އޭނާގެ ލޯބިވާ ދަރިފުޅު އަލްމަރްޙޫމާ ސަދާ ސައުދުﷲ އަހުމަދު ހަސަން (ސަދާ) ނިޔާވި ދުވަހުން ފެށިގެން ދެކެމުން އަންނަ ހުވަފެނެއްކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވި ގޮތުގައި، އޭނާގެ ދަރިފުޅު ސަދާ ނިޔާވީ ފުވައްމުލަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ އަތުރޭގައި، ހާލަތު ބަލަންޖެހޭ ވަރަށް ނުބަލައި، ހާޓްރޭޓް މަތިވެފައި ހުއްޓާ ބާރުގަދަ އިންޖެކްޝަނެއް ދެވިގެންނެވެ.

އެކިއެކި ސަބަބުތަކާހެދި މި ހުވަފެން ހަޤީޤަތަށް ބަދަލުވުން ލަސްވި ނަމަވެސް، ދަރިފުޅުގެ ހަނދާނުގައި މިފަދަ ޚިދުމަތެއް ފެށުމަށް ތައުފީޤު ލިބުމުން، ނިހާޔަތަށް އުފާކުރައްވާކަމަށް ސައުދު ވިދާޅުވިއެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ