
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ފުވައްމުލައް ސިޓީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފި
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޝްރީ ޖީ. ބާލަސުބްރަމަނިއަމް އިއްޔެ ފުވައްމުލައް ސިޓީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ.
ހައިކޮމިޝަނަރު ފުވައްމުލަކަށް ވަޑައިގަތުމުން އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީޤާއި، ޑެޕޮއިޓީ މޭޔަރ މުޙައްމަދު ލިރާރު ގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ މަރިޔަމް ޝިއުނާގެ އާއި ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އަދި ކައުންސިލްގެ އިސްވެރިންނާއި މުވައްޒަފުންނެވެ.
ދެދުވަހުގެ މި ދަތުރުފުޅުގައި ހައިކޮމިޝަނަރު ވަނީ ފުވައްމުލައް ސިޓީ ކައުންސިލާ ރަސްމީކޮށް ބައްދަލުކުރައްވާފައެވެ. ސިޓީ ކައުންސިލުން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ބައްދަލުވުމުގައި އިންޑިއާއާ ގުޅިގެން ސިޓީ ކައުންސިލަށް ކުރެވިދާނެ ކަންކަމާއި، ދެފަރާތުގެ ގުޅުން ބަދަހިކުރުމާއި، އެއްބާރުލުން ދެވިދާނެ ދާއިރާތަކާ މެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ.
މި ދަތުރުފުޅުގެ ތެރެއިން ހައިކޮމިޝަނަރު ވަނީ ފުވައްމުލައް ސިޓީގެ ޕަބްލިކް ލައިބްރަރީގައި އިންޑިއާއަށް ޚާއްޞަކޮށްގެން ގާއިމުކުރި "އިންޑިއަން ކޯނާ" ހުޅުއްވައިދެއްވާފައެވެ. މީގެއިތުރުން، ފުވައްމުލަކުގެ ތާރީޚީ އަދި އާސާރީ ބައެއް ތަންތަނަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، މި ސިޓީގެ ނޭޗާ ޕާކަށްވެސް އެމަނިކުފާނު ޒިޔާރަތްކުރެއްވިއެވެ.
ޖީ. ބާލަސުބްރަމަނިއަމް އިންޑިއަން ފޮރިން ސާވިސް (އައިއެފްއެސް) އަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1998 ވަނަ އަހަރުއެވެ. ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ހުންނެވީ އިންޑިއާއިން ނައިޖީރިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ. ރާއްޖޭގެ ހައިކޮމިޝަނަރުކަމުގެ މަގާމާ ބާލަސުބްރަމަނިއަމް ހަވާލުވެވަޑައިގަތީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިންޑީއާގެ ހައިކޮމިޝަނާރ ވަނީ މިއަނދު ހަވީރު ފުރާވަޑާގެންފައެވެ.
ކޮމެންޓް
ލޯޑިންގ...
