
ދި ހޯކްސް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2026: ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުން ފިސްޑާ، މާލެގަން އަދި ހޯދަޑު މޮޅުވެއްޖެ
ރޭ ކުޅެވުނު ދި ހޯކްސް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2026 ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުން ފިސްޑާ، މާލެގަން ސްޕޯޓްސް ކްލަބް އަދި ހޯދަޑު ސްޕޯޓްސް ކްލަބް މޮޅުވެއްޖެއެވެ.
ރޭގެ ފުރަތަމަ މެޗުން ފިސްޑާ މޮޅުވެފައިވަނީ ދަށިކިޅި ޖޫނިއާސްއާ ކުޅެ 14-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ފިސްޑާ ޓީމުގެ ކެޕްޓަން މުޙައްމަދު ވިޝާހް އިބްރާހިމް 5 ލަނޑު ޖެހިއިރު އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަލީ ޚޮދާދީ، ވަނީ 4 ލަނޑު ޖެހާފައެވެ. އަދި އެ ޓީމުގެ އަޒްޔާން އިބްރާހިމް 3 ލަނޑު ޖަހައި ހެޓްރިކް ހަދާފައިވާއިރު، އިސްމާއިލް ނަސީމް އަދި މުޙައްމަދު ނިހާން ވަނީ ކޮންމެ ކުޅުންތެރިއަކު 1 ގޯލު ޖަހައިދީފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ފިސްޑާ ޓީމަށް 5 ލަނޑު ޖަހައިދިން ކެޕްޓަން މުޙައްމަދު ވިޝާހް އިބްރާހިމްއެވެ.
ރޭގެ ދެވަނަ މެޗުގައި މާލެގަން ސްޕޯޓްސް މޮޅުވެފައިވަނީ ޑީއެސްއާރުސީ ޖޫނިއާސްއާ ކުޅެ 2-0 އިންނެވެ. މެޗުގައި މާލެގަންގެ ލަނޑުތައް ޖަހައިދިނީ އަހްމަދު އައިހަމް ހަސަން އާއި އަހްމަދު ސުދައިސް އަލީއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މާލެގަން ސްޕޯޓްސް ކްލަބުގެ ސުދައިސް އަލީއެވެ.
ރޭގެ ފަހު މެޗުގައި ގަލޯނާ ސްޕޯޓްސް ކްލަބާ ވާދަކޮށް ހޯދަޑު ސްޕޯޓްސް ކްލަބު މޮޅުވީ 6-0 އިންނެވެ. މި މެޗުގައި ހޯދަޑު ސްޕޯޓްސް ކްލަބުގެ އަލީ ޒައިދާން ރަމީޒް 4 ލަނޑު ޖެހިއިރު، އަނެއް 2 ލަނޑު ޖަހައިދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ 4 ލަނޑު ޖެހި ޒައިދާންއެވެ.
މިއާއެކު ގްރޫޕް 1 ގެ އެއްވަނަ ޓީމަކީ ފިސްޑާއެވެ. ދެވަނަ ޓީމަކީ ދަށިކިޅި ކްލަބެވެ. ގްރޫޕް 2 ގެ އެއްވަނަ ޓީމަކީ ފުނާޑު ސްޕޯޓްސް ކްލަބެވެ. އަދި ދެވަނަ ޓީމަކީ މާލެގަން ސްޕޯޓްސް ކްލަބެވެ. ގްރޫޕް 3 ގެ އެއްވަނަ ޓީމަކީ ހޯދަޑު ސްޕޯޓްސް ކްލަބެވެ. އަދި މި ގްރޫޕްގެ ދެވަނަ ޓީމަކީ ގަލޯނާ ސްޕޯޓްސް ކްލަބެވެ. ގްރޫޕްތަކުން ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލަށް ދިޔައީ ޔުނައިޓެޑް ދިގުވާނޑާއި ޑީއެސްއާރުސީ ޖޫނިއާސްއެވެ. މުބާރާތުގެ ކުއާޓާ ފައިނަލްގައި ބައްދަލުކުރާނެ ޓީމުތައް ކަނޑައަޅާފައިވަނީ ގުރުއަތުލައިގެންނެވެ.
މިރޭ ކުޅޭ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފިސްޑާ އާއި ޔުނައިޓެޑް ދިގުވާނޑެވެ. މި މެޗު ފެށޭނީ 20:15 ގައެވެ. މިރޭ ކުޅޭ ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ފުނާޑު ސްޕޯޓްސް ކްލަބާއި ޑީއެސްއާރުސީ ޖޫނިއާސްއެވެ. މި މެޗު ފަށާނީ 21:30 ގައެވެ.
އޮކްޓޯބަރު 9 ވާ ހުކުރު ދުވަހުގެ ރޭވެސް ކުއާޓާ ފައިނަލުގެ ދެ މެޗު ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހުކުރު ދުވަހުގެ ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހޯދަޑު ސްޕޯޓްސް ކްލަބާއި މާލެގަން ސްޕޯޓްސް ކްލަބެވެ. މި މެޗު ފަށާ ގަޑިއަކީ 20:15 އެވެ. ހުކުރު ދުވަހުގެ ރޭ ކުޅެވޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގަލޯނާ ސްޕޯޓްސް ކްލަބާއި ދަށިކިޅި ކުލަބެވެ. މި މެޗު ފެށޭ ގަޑިއަކީ 21:30 އެވެ.
ކޮމެންޓް
ލޯޑިންގ...
