
ފުވައްމުލައް ސިޓީ ކައުންސިލުން ދެމުން އަންނަ ޓްރާންސްޕޯޓް ބައެއް ޚިދުމަތްތަކުގެ އަގަށް ބަދަލު ގެނައުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް ބާއްވަނީ
ފުވައްމުލައް ސިޓީ ކައުންސިލުން ދެމުން އަންނަ ޓްރާންސްޕޯޓް ބައެއް ޚިދުމަތްތަކުގެ އަގަށް ބަދަލު ގެނައުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ރައްޔިތުންގެ އާންމު ބައްދަލުވުމެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ފޭސްބުކްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން، އެ ކައުންސިލުން ދެމުން އަންނަ އެއްގަމު އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާނު ހެދުމުގެ ޚިދުމަތާއި އުޅަނދުގެ ޒޯން ބަދަލުކުރުމަށް މިހާރު ނަގަމުން އަންނަ ސާވިސް ޗާޖަށް ބަދަލު ގެނައުމާ ގުޅޭގޮތުން ބާއްވާ ބައްދަލުވުމަކަށް ފުވައްމުލަކުގެ އެންމެހައި ރައްޔިތުންނަށް ވަނީ ދައުވަތު އަރުވާފައެވެ. މި ބައްދަލުވުން އޮންނާނީ މާދަމާ (08 އޮކްޓޯބަރު 2026) ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އިން 14:00 އަށް، ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި މާލިއްޔަތު ގާނޫނުގައިވާ ގޮތުން، ރައްޔިތުންގެ އަތުން އެއްވެސް ނަމެއްގައި ފީއެއް ނަގަން ކައުންސިލުން ނިންމުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދަންޖެހެއެވެ.
ފުވައްމުލަކަކީ ރާއްޖޭގެ ނިސްބަތުން ބިން ބޮޑުވެފައި އެއްގަމު އުޅަނދު ދުއްވާ މިންވަރު އިތުރު ރަށެކެވެ. އެހެންކަމުން، ލައިސަންސް ނެގުމާއި އުޅަނދުގެ ޒޯން ބަދަލުކުރުމަކީ މި ރަށުގެ ރައްޔިތުން ނިސްބަތުން ގިނައިން ހޯދާ ޚިދުމަތްތަކެކެވެ. މިފަދަ ބައްދަލުވުންތަކަށް ހާޒިރުވެ ރައްޔިތުންގެ ޚިޔާލު ދިނުމަކީ، އަގުތައް ރައްޔިތުންގެ އަތްފޯރާ ފަށުގައި ހިފެހެއްޓުމަށާއި ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ރަނގަޅު ފެންވަރެއްގައި ދިނުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ކައުންސިލަށް ބޭނުންވާ އާމްދަނީ ލިބިގެންދިއުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.
ކޮމެންޓް
ލޯޑިންގ...
