ޓްރެންޑިންގLoading...
Logo
ކަރައްޔެ ކަޅުތުއްތުދީދީ ލިޔުއްވާފައިވާ ފުވައްމުލަކު އެތެރެވެށި އަސްލަކަށް ބަލައިގެން ލިޔެފައިވާ "ގަދީމީ ފުވައްމުލައް" (1)
ފުވައްމުލައް

ކަރައްޔެ ކަޅުތުއްތުދީދީ ލިޔުއްވާފައިވާ ފުވައްމުލަކު އެތެރެވެށި އަސްލަކަށް ބަލައިގެން ލިޔެފައިވާ "ގަދީމީ ފުވައްމުލައް" (1)

October 7, 2026ތާރިގް

ނޯޓު: މިލިޔުމަކީ ފުވައްމުލަކު ކަރައްޔެ ކަޅުތުއްތުދީދީ ލިޔުއްވާފައިވާ ފުވައްމުލަކު އެތެރެވެށި އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ. ލިޔުމުގައި ހިމަނާފައިވާ ހުރިހާ މައުލޫމާތަކީ އެތެރެވެށީގައި ގެނެސްދެއްވާފައިވާ މައުލޫމާތެވެ. ގެނެވިފައިވާ ހަމައެކަނި ބަދަލަކީ ބަސްތަކުގެ ތަރުތީބަށް ގެނެސްފައިވާ ބަދަލާއި ބައެއް ޖުމްލަތައް ފުރިހަމަ ކުރުމަށް އިތުރުކުރެވިފައިވާ މަދު އިތުރު ކުރުމެކެވެ. މާތްﷲ ކަރައްޔެ ކަޅުތުއްތުދީދީގެ ފުރާނަޔަށް ރަޙުމަތް ލައްވައި ސުވަރުގެ މިންވަރުކުރައްވާށިއެވެ. އާމީން!

 

ފުވައްމުލަކުގައި ކުރީ ޒަމާނުގައި ކަންކަން އޮތްގޮތާއި އޭރުކަންކަން އޮންނަ ގޮތުގެ ޚަބަރުތައް ކުޑަކޮށް ކިޔައިދޭނަމެވެ. ފުވައްމުލަކުގެ ވަށައިގެން ވިލެއްވެސް އަދި ފަޅެއްވެސް ނޯވެއެވެ. އެހެންކަމުން ރަށުގައި ފުރިހަމަ ރަނގަޅު ބަނދަރެއް ނޯވެއެވެ. ފުވައްމުލަކުގައި އޭރު އޮންނަނީ 9 އަވަށެވެ. ކޮންމެ އަވަށެއްގައިވެސް އެއަވަށަކަށް ޚައްސަ ކަންތައްތަކެއް ހުރެއެވެ.

ފުވައްމުލަކުގެ މެދުތެރޭގައި 2 ސަރަހައްދެއްގައި މީރުފެނުގެ ދެކިޅިއޮވެއެވެ. މި ކިޅި ތަކުގެ ވަށައިގެން ރަށުގެ ބޮޑު ބައެއްގެ ގޮތުގައި އޮންނަނީ ޗަސްބިމެވެ. މި ޗަސްބިންތަކުގައި ވަކިން ހިކިފައި ހުންނަ ސަރަހައްދުތައް އޮވެއެވެ. އެތަންތަނަށް ފުވައްމުލަކު މީހުން ކިޔައި އުޅެނީ ފީށިގަނޑެވެ. ޗަސް ބިމުގައި އޮޅު ހަދައިގެން އެ އޮޅުތަކުގައި އަލަހައްދައި އުޅެއެވެ. މިއީ ރަށު ރައްޔިތުންގެ ކެއުމުގެ ވަރަށް މުހިންމުބައެކެވެ. މިދެންނެވި ފީށިގަނޑުތަކާއި އަދި ރަށުގެ ހިކިފަސް ސަރަހައްދުތަކުގައި ވަރަށް ގިނައިން ދިވެހިރުއް ހެދިފައި ހުރެއެވެ. މިއީވެސް ކެއިން ބުއިމާއި އެހެނިހެން ކަންކަމުގައިވެސް ވަރަށް މުހިންމު އެއްޗެކެވެ. ފުވައްމުލަކުގެ ބިންގަނޑަކީ މުއްސަދީ ބިމެކެވެ. ރާއްޖޭގެ އެހެން ރަށްރަށާއި ޚިލާފަށް ފަލަމަޑިއާއި މޭވާގެ ގިނަ ބާވަތްތަކެއް ފުވައްމުލަކުގައި ފަސޭހައިން ހެދެއެވެ. އެހެންކަމުން ފުވައްމުލަކުގައި އުފެދޭ އަދި އުފައްދާ ކާބޯތަކެތިން ފުވައްމުލަކު މީހުންނަށް ކައިބޮއި ބަނޑުފުރާނަ މުއްތިކުރެވޭވަރު ވެއެވެ.

އިހުޒަމާމުގައި ފުވައްމުލަކުގައި ކަފަ ހައްދައި އުޅުނެވެ. އަދި މިކަފައިން އުއި އޮޅައިގެން ފޭލިވިޔެގެން އަންނައުނުގެ ގޮތުގައި ބޭނުކުރިކަމަށް ދޫދޫމަތިން ވާރިދުވެފައިވެއެވެ.

ހަނޑުލާއި ހަކުރާއި ތަށިމުށި އަދި އަންނައުނަށް ބޭނުންކުރާ މައިގަނޑު ފޭރާން އޭރުވެސް ގެނެސް އުޅުނީ ރާއްޖެއިން ބޭރުންނެވެ. ފުވައްމުލަކަކީ އާދަޔާޚިލާފަށް ގިނައިން ފެންފޯއް ހެދިފައި އޮންނަ ރަށެކެވެ. ރަށުގެ ނަންވެސް މިކަމަށް ހެކިދެއެވެ. ފޯކަށް ފުވައްމުލަކުމީހުން ކިޔައި އުޅެނީ "ފުވައް" އެވެ. އެހެންނަމަވެސް މިހާރު ފެންފޯއްރުއް އެހާ ގިނައެއް ނޫނެވެ. ހުންނަނީ ކިރިޔާ ރަށުގެ ރައްޔިތުންގެ ބޭނުމަށް ފުދޭވަރަށެވެ. ފެންފޯކާއި އެކު ދުފުމަށް ބޭނުންކުރާ އަނެއް މައިގަނޑު އެއްޗަކި ބިލަތެވެ. ބިލަތަކީވެސް ފުވައްމުލަކުގައި ހަމަ ހެއްދިވަރަކަށް ހެދޭ އެއްޗެކެވެ. (ނުނިމޭ)

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ