
ދި ހޯކްސް ފުވައްމުލައް ސިޓީކައުންސިލް ފުޓްސަލް މުބާރާތުގައި ރޭގެ މެޗުތަކުން ހޯދަޑު ސްޕޯޓްސް، ދަށިކިޅި ކްލަބް އަދި ފިސްޑާ މޮޅުވެއްޖެ
ފުވައްމުލައް ސިޓީކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ދި ހޯކްސް ފުވައްމުލައް ސިޓީކައުންސިލް ފުޓްސަލް މުބާރާތުގައި ރޭގެ މެޗުތަކުން ހޯދަޑު ސްޕޯޓްސް، ދަށިކިޅި ކްލަބް އަދި ފިސްޑާ މޮޅުވެއްޖެއެވެ.
ހޯދަޑު ސްޕޯޓްސް އާއި އެކުވެރި ހޯދަޑު ބައްދަލުކުރި ރޭގެ ފުރަތަމަ މެޗު ހޯދަޑު ސްޕޯޓްސްއިން ކާމިޔާބުކޮށްފައިވަނީ 9 ލަނޑު 3 ލަނޑުންނެވެ. މިމެޗުގައި ހޯދަޑު ސްޕޯޓްސްގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ އަލީ ޒައިދާން ރަމީޒް، އަހްމަދު އަފްލާޒް، އިނާން އަހްމަދު އަދި އިބްރާހިމް ޝަރީފް މުހައްމަދެވެ. އަހްމަދު އަފްލާޒް 4 ލަނޑު ކާމިޔާބުކުރި އިރު، އަލީ ޒައިދާން އާއި އިބްރާހިމް ޝަރީފް ވަނީ ކޮންމެ ކުޅުންތެރިއަކު 2 ލަނޑު ޖަހާފައެވެ. އެކުވެރި ހޯދަޑުގެ ލަނޑުތައް ޖަހައިދީފައިވަނީ މުޙައްމަދު މާހިލް އަލީ އާއި އިޒާޒް އަބްދުލް އަޒީޒެވެ. މީގެ ތެރެއިން މާހިލް ވަނީ 2 ލަނޑު ޖަހާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހޯދަޑު ސްޕޯޓްސްއަށް 4 ލަނޑު ޖަހައިދިން އަޙްމަދު އަފްލާޒްއެވެ.
ރޭގެ ދެވަނަ މެޗުގައި ދަށިކިޅި ކްލަބް ޖޫނިއާގެ މައްޗަށް ދަށިކިޅި ކްލަބުން ކުރި ހޯދީ 2 ލަނޑު 0 ލަނޑުންނެވެ. ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދަށިކިޅި ކްލަބުގެ 2 ލަނޑުވެސް ޖަހައިދީފައިވަނީ އެ ޓީމުގެ އަހްނަފް ޒާހިރުއެވެ. މިއާއެކު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީވެސް އަހްނަފެވެ.
ފިސްޑާ އާއި ޔުނައިޓެޑް ދިގުވާނޑު ކުޅުނު ރޭގެ ތިންވަނަ މެޗު 5 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ ފިސްޑާއިންނެވެ. މި މެޗުގައި ފިސްޑާގެ ހުސެއިން ޝަރީފް (އޮންލީ) 3 ލަނޑު ޖަހައި ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އަނެއް 2 ލަނޑު ޖަހައިދިނީ ކެޕްޓަން މުޙައްމަދު ވިޝާހްއާއި އިސްމާއިލް ނަސީމެވެ. ޔުނައިޓެޑް ދިގުވާނޑުގެ ފުރަތަމަ ލަނޑު ހުސެއިން ޝުޖުއާން ޖެހިއިރު، ދެވަނަ ގޯލަކީ ފިސްޑާގެ ހުސެއިން ޝަރީފް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ހުސެއިން ޝަރީފްގެ ހެޓްރިކާއެކު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީވެސް އޭނާއެވެ.
މުބާރާތުގައި މިރޭވެސް 3 މެޗު ކުޅޭނެއެވެ. އެގޮތުން ފުނާޑު ސްޕޯޓްސް ކްލަބާއި ޑީއެސްއާރުސީ ޖޫނިއާސް ބައްދަލުކުރާ ފުރަތަމަ މެޗު ފަށަން ހަމަޖެހިފައިވަނީ 20:00 ގައެވެ. މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެކުވެރި ހޯދަޑާއި ގަލޯނާ ސްޕޯޓްސް ކްލަބެވެ. މި މެޗު ފެށޭ ގަޑިއަކީ 21:15 އެވެ. މިރޭގެ ފަހު މެޗުގައި ބައްދަލުކުރާނީ ދަށިކިޅި ކްލަބާއި ޔުނައިޓެޑް ދިގުވާނޑެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 22:30 ގައެވެ.
ކޮމެންޓް
ލޯޑިންގ...
