
ހަ ޓީމާއެކު " އެލް މޯބައިލް ހިތްވަރު ޗެލެންޖް ބެޑްމިންޓަން މުބާރާތް" ފުވައްމުލައް ސިޓީގައި ފަށައިފި
ޖުމްލަ 6 ޓީމާއެކު "އެލް މޯބައިލް ހިތްވަރު ޗެލެންޖް ބެޑްމިންޓަން މުބާރާތް" އިއްޔެ ފުވައްމުލައް ސިޓީގައި ފެށިގެން ކުރިއަށް އެބަދިއެވެ. މިއަހަރުގެ މުބާރާތުގައި މުޅިން އަލަށް ޖޫނިއާ ބައެއްވެސް ހިމަނާފައިވާއިރު، މިހާރު ޖޫނިއާ ބައިގެ ކުޅުން ވަނީ ނިމިފައެވެ.
މި މުބާރާތް ރާވައި ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ފަރާތަކީ ރާއްޖޭގެ ބެޑްމިންޓަންގެ އެންމެ ފުންނާބު އުސް އެއް ފަރާތް ކަމުގައިވާ ހަސަން ރިޔާޒް (ބަބާ) އެވެ. "މާއިރި" އަށް މައުލޫމާތު ދެމުން ބަބާ ބުނީ، ހިތްވަރު ޗެލެންޖް ވުޖޫދަށް އައީ 2020 ވަނަ އަހަރު އޭނާގެ ވަޒީފާ ފުވައްމުލަކަށް ބަދަލުވި ހިސާބުން، މުޙައްމަދު އިބްރާހިމް ދީދީ (ކޭހިނގޭ ޑީޑީ) އާއި ގުޅިގެން ބޭއްވި ބެޑްމިންޓަން ކޯޗިން ކޭމްޕެއްގެ ތެރެއިން ކަމަށެވެ.
"70 އަށްވުރެ ގިނަ މީހުން ބައިވެރިވި އެ ޓްރޭނިން ޕްރޮގްރާމް ނިންމާލުމުގެ ގޮތުން ބައިވެރިންގެ މެދުގައި ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށް ހުށަހެޅުނު ޚިޔާލެއް މުއްސަނދިވެ، މުޅި ރަށަށް ހުޅުވާލައިގެން ބޭއްވޭ މުބާރާތަކަށް ބަދަލުވެގެން ދިޔައީ،" ބަބާ ބުންޏެވެ. މިއީ އެ ސިލްސިލާގެ 4 ވަނަ މުބާރާތެވެ.
ބަބާ އިތުރަށް ވިދާޅުވީ، މިފަހަރުގެ މުބާރާތަކީ ޖޫނިއާ ގްރޫޕްތައްވެސް ބައިވެރިކޮށްގެން، ޖޫނިއާ ބަޔަކާއެކު ރޭވިގެން ކުރިއަށްދާ މުބާރާތެއް ކަމަށެވެ.
"ބެޑްމިންޓަނަށް ދިރުމެއް އޮތީ ކުޑަކުދިން މި ކުޅިވަރުގެ ތެރެއަށް ވެއްދުނު މިންވަރަކުން. އެހެންވެ ޖޫނިއާ ބައެއް މިފަހަރުގެ މުބާރާތުގެ ތެރެއަށް ލާން ގަސްދުކުރީ،" ބަބާ ބުންޏެވެ.
މީގެ އިތުރުން ފުވައްމުލައް ސިޓީގެ ބެޑްމިންޓަނަށް ކޮށްދެވިފައިވާ މަސައްކަތްތަކުގައާއި މުބާރާތް މިހިސާބަށް އައުމުގައި ޑީޑީ، އާމިރާ، ނުއުމާން، އަލީ ރަޝީދު، ހުޝާމް، ވިޝާލް އަދި އަލީ އާމިރުގެ ނަން އޭނާ ފާހަގަކުރިއެވެ. އަދި ފުވައްމުލަކު ބެޑްމިންޓަން ކޮމިއުނިޓީގެ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާކަންވެސް އޭނާ ފާހަގަކުރިއެވެ.
ވިސްނުމަކީ މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ފުވައްމުލަކުގެ ބެޑްމިންޓަން ކުޅުންތެރިންނަށް ލިބޭ ފަހި ފުރުސަތެއްގެ ގޮތުގައި، ރަށު ކުޅުންތެރިންނަށް އެކަނި ކުޅެވޭގޮތަށް ކުރިއަށް ގެންދިއުން ކަމަށާއި، މީގެ އިތުރުން ރަށުން ބޭރު ކުޅުންތެރިންނަށްވެސް ކުޅެވޭގޮތަށް އިތުރު މުބާރާތެއް ބޭއްވުމުގެ ވިސްނުން ހުރިކަމަށް ބަބާ ވިދާޅުވިއެވެ.
ޖޫނިއާ ބައިގެ ކުޅުން ނިމިއްޖެ
މިއަހަރު މުޅިން އަލަށް ކުރިއަށްގެންދިޔަ ޖޫނިއާ ބައިގައި 50 ކުދިން ބައިވެރިވެފައިވެއެވެ. މިއީ ތިން އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ބައެކެވެ. އެއީ:
- 11 އަހަރުން ދަށް
- 11 އަހަރާއި 14 އަހަރާއި ދެމެދު
- 15 އަހަރާއި 19 އަހަރާއި ދެމެދު
ޖޫނިއާ ބައިގެ 11 އަހަރުން ދަށުގެ ބައި ކުރިޔަށް ދިޔައީ ބައިވެރިވި ކުޅުންތެރިން ދެ ގްރޫޕަކަށް ބަހާލައިގެން ކުޅެ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ކުޅުންތެރިޔަކު ފައިންލަށްދާ ގޮތަށެވެ ބާކީ ހުރި އުމުރުފުރާތައް ގުރުވަތު ލައިގެން ބައްދަލުކުރާނެ ކުޅުންތެރިން ކަނޑައަޅައި، ސިންގަލްސް މެޗުތަކެއްގެ ގޮތުގައި ނޮކްއައުޓް އުސޫލުން ކުޅެވުނު ޖޫނިއާ ޑިވިޝަންގެ މެޗުތައް ވަނީ ސެޕްޓެމްބަރު 30 އިން އޮކްޓޯބަރ މަހުގެ 02 ވަނަ ދުވަހުގެ ނިޔަލަށް ނިމިފައެވެ. މި ބައިގެ ވަނަތައް ހޯދި ކުޅުންތެރިންނަށް ޓްރޮފީއާއި ހަނދާނީ ލިޔުން ހަވާލުކުރުން އޮންނާނީ ސީނިއާ ބައިގެ ފައިނަލް މެޗަށްފަހުއެވެ.
ސީނިއާ ބައިގެ ކުޅުން ފެށިގެން ކުރިއަށް
ސީނިއާ ބައިގެ މެޗުތައް އޮކްޓޯބަރު 3 ވީ ހޮނިހިރު ދުވަހު ފެށިފައިވާއިރު، މި ޑިވިޝަންގައި 6 ޓީމު ބައިވެރިވެއެވެ. ޓީމުތައް ދެ ގްރޫޕަކަށް ބަހާލެވިފައިވާއިރު ދެ ގްރޫޕްގައި ހިމެނޭ ޓީމުތަކަކީ:
- ގްރޫޕް 1: މާނޭރެ، ތަންޑިޔާ، އަދި ޓީމު ފްލެމިންގޯ
- ގްރޫޕް 2: ޖީއެން އެފްސީއެސްސީ ރެކްރިއޭޝަން، ޑީއެސްއާރުސީ، އަދި ދޮރޮއިޝި
މި މުބާރާތުގެ މެޗުތަކުގައި 5 ޓައި ކުޅޭނެއެވެ. ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
ހަވީރާއި ރޭގަނޑު މެޗުތައް ކުޅުމަށް ޝެޑިއުލް ކުރެވިފައިވާ މި މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ފުވައްމުލައް ސިޓީ އިންޑޯ ބެޑްމިންޓަން ހޯލުގައެވެ.
ކޮމެންޓް
ލޯޑިންގ...
