ޓްރެންޑިންގLoading...
Logo
ދި ހޯކްސް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސެލް މުބާރާތް 2026 މިރޭ ފަށަނީ
ކުޅިވަރު

ދި ހޯކްސް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސެލް މުބާރާތް 2026 މިރޭ ފަށަނީ

October 4, 2026ކިފާހް

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް "ހޯކްސް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސެލް ތޯރނަމެންޓް" ނަމުގައި  މިރޭ ފެށުމަށް ތައްޔާރުވެއްޖެއެވެ.

ސިޓީ ކައުންސިލްގެ ކުޅިވަރު ކަލަންޑަރުގައި ހިމެނޭ މި މުބާރާތް މިފަހަރު މުޅި ރާއްޖެއަށް ހުޅުވާލި ނަމަވެސް، މުބާރާތުގައި ބައިވެރިވެފައިވަނީ ފުވައްމުލަކަށް ނިސްބަތްވާ 10 ޓީމެކެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވާގޮތުގައި، ކޮންމެ އަހަރަކުވެސް މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ފުވައްމުލަކު ރައްޔިތުންގެ މެދުގައި އިޖުތިމާޢީ ރޫޙު އާލާކުރުމާއި، ހުނަރުވެރި ފުޓްސެލް ކުޅުންތެރިންތަކެއް އުފެއްދުމުގެ އިތުރުން، އެ ރަށުގައި ތިބި ފުޓްސެލް ކުޅެން ޝައުޤުވެރިވާ ޒުވާނުންނަށް ވާދަވެރި މާޙައުލެއްގައި ކުޅުމުގެ ފުރުޞަތު ހޯދައިދިނުމެވެ.

މުބާރާތް ކުރިއަށްދާނެ ގޮތް އަދި ގްރޫޕްތައް

މިފަހަރުގެ މުބާރާތުގައި ބައިވެރިވި 10 ޓީމު ބަހާލެވިފައިވަނީ 3 ގްރޫޕަކަށެވެ:

  • ގްރޫޕް 1: ދަށިކިޅި ކްލަބު، ފިސްޑާ، ދަށިކިޅި ކްލަބް ޖޫނިއާސް، ޔުނައިޓެޑް ދިގުވާނޑު
  • ގްރޫޕް 2: މާލެގަން ސްޕޯޓްސް ކްލަބް، ފުނާޑު ސްޕޯޓްސް ކްލަބް، ޑީއެސްއާރުސީ ޖޫނިއާސް
  • ގްރޫޕް 3: ހޯދަޑު ސްޕޯޓްސް ކްލަބް، އެކުވެރި ހޯދަޑު، ގަލޯނާ ސްޕޯޓްސް ކްލަބް

މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ޖުމްލަ 8 ޓީމެކެވެ. އެއީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމުގެ އިތުރުން، 3 ގްރޫޕުން 3 ވަނައަށް ދާ ޓީމުތަކުގެ ތެރެއިން ނަތީޖާއަށް ބަލައި އެންމެ ރަނގަޅު 2 ޓީމެވެ. ސެމީ ފައިނަލުގައި ބައްދަލުކުރާނީ ކުއާޓާ ފައިނަލުގެ މެޗު ތަރުތީބުން މޮޅުވާ ޓީމުތަކެވެ. މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކޮންމެ ރެއަކުވެސް 3 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

 

މިރޭ ކުޅެވޭ ފުރަތަމަ މެޗުގައި 20:30 ގައި ބައްދަލުކުރާނީ ދަށިކިޅި ކްލަބް އަދި ފިސްޑާ އެވެ. ދެވަނަ މެޗުގައި 21:30 ގައި ދަށިކިޅި ކްލަބް ޖޫނިއާސް ނުކުންނާނީ ޔުނައިޓެޑް ދިގުވާނޑާ ދެކޮޅަށެވެ. އަދި މިރޭގެ ތިންވަނަ މެޗުގައި 22:30 ގައި ބައްދަލުކުރާނީ މާލެގަން ސްޕޯޓްސް ކްލަބް އާއި ފުނާޑު ސްޕޯޓްސް ކްލަބެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ