
ފުވައްމުލަކުގެ ފެނުގެ ނިޒާމު ރަނގަޅުކޮށް، ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފި
ފުވައްމުލަކުގެ ފެނުގެ ނިޒާމު ރަނގަޅުކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް، އެ ޚިދުމަތް ދިނުމާ އަލަށް ހަވާލުވި މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަށައިފިއެވެ.
މި މަސައްކަތުގެ ދަށުން، 350 ޓަނުގެ ފެން އުފެއްދޭ އައު ޕްލާންޓެއް ވަނީ ފުވައްމުލަކަށް ގެނެސްފައެވެ. މިހާރު ކުރިއަށްދަނީ އެ ޕްލާންޓް އިންސްޓޯލް ކުރުމުގެ މަސައްކަތެވެ. މިހާތަނަށް ފުވައްމުލަކުގައި ހިންގާ ދެ ޕްލާންޓުން ދުވަހަކަށް އުފެއްދެނީ 400 ޓަނުގެ ފެނެވެ.
މިކަމާ ގުޅޭގޮތުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕްލާންޓް އިންސްޓޯލްކޮށް ނިމުމުން ފުވައްމުލަކުގެ ފެން އުފެއްދުމުގެ ކެޕޭސިޓީ 90 އިންސައްތައަށް އިތުރުވެގެންދާނެ ކަމަށެވެ.
ފެން ޕްލާންޓް އިންސްޓޯލް ކުރުމުގެ އިތުރުން، ފުވައްމުލަކުގެ ފެނުގެ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ، ބިމުގެ އަޑިން އަޅާފައިވާ ފެނުގެ މެއިން ލައިނުން ލީކުވާ މައްސަލަތައް ހޯދައި އެކަންކަން ޙައްލު ކުރުމުގެ މަސައްކަތްވެސް އެމްޑަބްލިއުއެސްސީން އަންނަނީ ކުރަމުންނެވެ.
މި މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި ފެނުގެ ޚިދުމަތަށް ކޮންމެވެސްވަރެއްގެ ބުރޫއެއް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެފަދަ ޙާލަތެއް ދިމާވެއްޖެނަމަ، ލަސްނުކޮށް 105 ނުވަތަ 1050 އަށް ގުޅައި ރިޕޯޓް ކުރުމަށް އެމްޑަބްލިއުއެސްސީން ވަނީ އެދިފައެވެ.
ކުރިން ފެނަކައިން ދެމުން އައި ފުވައްމުލަކާއި އައްޑޫ ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާ އެމްޑަބްލިއުއެސްސީން ރަސްމީކޮށް ހަވާލުވެފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
ކޮމެންޓް
ލޯޑިންގ...
