ޓްރެންޑިންގLoading...
Logo
ކަލްޗަރަލް ވިލެޖުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ
ޚަބަރު

ކަލްޗަރަލް ވިލެޖުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ

October 27, 2011ތާރިގް

ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ހެޑް އޮފް ސްޓޭޓުންގެ އަނބިއަނބި ކަނބަލުންނާއި ފިރިފިރި ކަލުންގެ ޝަރަފުގައި ތޫނޑު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަށް ޚާއްޞަކޮށްގެން އެ ސަރަހައްދުގައި ހަދާ ކަލްޗަރަލް ވިލެޖުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ކަލްޗަރަލް ވިލެޖްގެ ކަންތައްތައް ކުރިއަށް ގެންދާ ކޮމެޓީގެ ރައީސް ދަޑިމަގު ކައުންސިލް މެމްބަރު އަހުމަދު ނަޖާހު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގެ ގަދީމީ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭނެ މި ވިލެޖުގެ ކަންތައްތައް ގޮސްފައިވާ ހިސާބާއި ބެހޭގޮތުން ކައްޓެޅިއަށް މައުލޫމާތު ދެއްވަމުން ނަޖާހު ވިދާޅުވީ އެސަރަހައްދުގައި އެޅުމަށް ހަމަޖެހިފައިވާ ހުރިހާ ގެއެއްއަޅައި ހިޔާކޮށް ނިމިފައިވާ ކަމުގައެވެ. ދަނޑިފަނުން ހަދާ މި ގެތަކުގައި މިހާރު ކުރަމުންދާ މަސައްކަތަކީ ގެތަކުގެ ބިތްތައް ބެއްދުމަށްޓަކައި ފަންލުމުގެ މަސައްކަތެވެ. ބައެއްގެތަކުގެ ބިއް ބެއްދުމުގެ މަސައްކަތްވެސް މިހާރުވަނީ ނިމިފައެވެ.

ކުރީ ޒަމާނުގައި ފުވައްމުލަކު ރައްޔިތުންގެ ދިރިއުޅުން ހުރިގޮތް ދައްކުވާދޭގޮތަށް ކަލްޗަރަލް ވިލެޖުގައި ހަދަނީ އަށް ގެއެވެ. މި އަށް ގޭގެ ތެރޭގައި ހިމެނެނީ ވާރުވެރިއެއްގެ ގެއާއި، ކަތީބެއްގެ ގެއާއި،  އެދުރެއްގެ ގެއެއްގެ އިތުރުން މަސްވެރިއެއްގެ ގެއާއި، ދަނޑުވެރިއެއްގެ ގެއާއި، އޮޑިވެރިއެއްގެ ގެއާއި އަތްކަން ކުރާމީހެއްގެ ގެ އަދި އާދައިގެ އާއިލާއެއްގެ ދިރިއުޅުން ދައްކުވައިދޭ ގެ އެކެވެ. މިއިން ކޮންމެ ގެއަކުން އަށް މީހުން ނުވަތަ ނުވަ މީހުންގެ އާއިލާއެއްގެ ދިރިއުޅުން ތަމްޞީލް ކޮށްދިނުމަށް ރޭވިފައި ވެއެވެ. މިއިން ކޮންމެ ގެއެއްގެ އާއިލާތެރެއިންވެސް ފުވައްމުލަކުގެ ކުރީގެ އާދަކާދަޔާއި ސަގާފަތް ވީހާވެސް ފުރިހަމަކޮށް، ކުރީޒަމާނާ އެއްގޮތަށް ތަމްޞީލް ކޮށްދެވޭތޯ މަސައްކަތް ކުރާނެކަމަށް ނަޖާހު ވިދާޅުވިއެވެ.  

ގެތައް އަޅައި ނިމުމުން ކޮންމެ އަވަށެއްގެ ކައުންސިލާ އެއް ގެ ހަވާލުކުރާގޮތަށްވަނީ ހަމަޖެހިފައެވެ.  ގެ ހަވާލުކުރާއިރު ގޭގައި ހުންނަންޖެހޭ ހުރިހާ ތަކެއްޗާއި އަދި އެތަކެތި ދައްކުވައިދޭނޭ ގޮތުގެ ފުރިހަމަ ތަފްސީލި ކުރެހުމާއި އިރުޝާދުވެސް ކައުންސިލާ ހަވާލުކުރެވޭނެކަމަށް ނަޖާހު ވިދާޅުވިއެވެ. ގޭގައި ހުންނަންޖެހޭ ތަކެތި ހޯދުމާއި އާއިލާތަކުގެ ދިރިއުޅުން ތަމްޞީލް ކޮށްދިނުމަށް ގެތަކުގައި ތިބޭނެ މީހުން ހޯދުމަކީވެސް ކައުންސިލްތަކުގެ މަސައްކަތެއްކަމުގައި އޭނާ ވިދާޅުވިއެވެ.  މިކަމުގައި ބޭނުންވާ ހުރިހާ ފަންނީ އެހީއެއް މި މަސައްކަތާ ވިޔާފާރިއުސޫލުން ހަވާލުވެފައިވާ މޯލްޑިވްސް އެންޓަޓެއިންމެންޓް ކޮމްޕެނީން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

 ތޫނޑުގައި ބޭއްވޭ ކަންކަމާއެކު ދަފިނެގުމާއި ބޮޑުބެރުގެ ހަރަކާތްތަކާއި ސަގާފީ އިތުރު ކުޅިވަރުތައްވެސް ދައްކައިލުމަށް ރޭވިފައި ވެއެވެ. މި ކުޅިވަރުތައް ފަރިތަކުރުންވެސް ފަންނީ ފަރާތްތަކުގެ އިރުޝާދާއެކު ދަނީ ކުރިޔަށެވެ.

މިހާރު ހަމަޖެހިފައިވާގޮތުން ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ހެޑް އޮފް ސްޓޭޓުންގެ އަނބިއަނބި ކަނބަލުންނާއި ފިރިފިރި ކަލުން ފުވައްމުލަކަށް ޒިޔާރަތް ކުރައްވާނީ ނޮވެންބަރު 11 ވަނަ ދުވަހު އެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ