ޓްރެންޑިންގLoading...
Logo
ފުވައްމުލައް ސިޓީ ކައުންސިލް ބަށިބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި ޓީމުތައް ކަށަވަރުވެއްޖެ
ކުޅިވަރު

ފުވައްމުލައް ސިޓީ ކައުންސިލް ބަށިބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި ޓީމުތައް ކަށަވަރުވެއްޖެ

September 30, 2026ކިފާހް

ފުވައްމުލައް ސިޓީ ކައުންސިލް ބަށިބޯޅަ މުބާރާތް 2026 ގެ ސެމީ ފައިނަލުގައި އެއްކޮޅުން ބައްދަލުކުރާނީ މާލެގަން ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ދިގުވާނޑެވެ. އަނެއްކޮޅުން ބައްދަލުކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުމާއި އެކުވެރި ފުނާޑެވެ.

ބައިވެރިވި ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެން މެޗުތައް ކުޅެ، ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމު ސެމީ ފައިނަލަށް ދިޔަ އިރު، މާލެގަން ސްޕޯޓްސް ކްލަބު ސެމީ ފައިނަލަށް ދިޔައީ ގްރޫޕް 1 ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ޔުނައިޓެޑް ދިގުވާނޑު ސެމީއަށް ދިޔައީ ގްރޫޕް 2 ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ސެމީ ފައިނަލަށް ދިޔަ އަނެއް ދެ ޓީމުގެ ތެރެއިން މިސްކިތްމަގު އެންމެންގެ ގުޅުން ސެމީ ފައިނަލަށް ދިޔައީ ގްރޫޕް 2 ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެ ޓީމާ ވާދަކުރާ އެކުވެރި ފުނާޑު ސެމީއަށް ދިޔައީ ގްރޫޕް 1 ގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުވެގެން ދިޔައީ މިއަދު ހަވީރު ކުޅެވުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ނިމުމާއެކުގައެވެ. އެގޮތުން މިއަދު ހަވީރު ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޔުނައިޓެޑް ދިގުވާނޑާއި ޑީ.އެސް.އާރް.ސީ ރަނިންގްއެވެ. މި މެޗުގައި ޑީ.އެސް.އާރް.ސީ ރަނިންގްއަށް ހެދިފައިވަނީ 24 ލަނޑު 0 ފޯލިއެވެ. ޔުނައިޓެޑް ދިގުވާނޑު ޓީމުން ވަނީ 25 ލަނޑު 3 ފޯލި ހަދައި، މެޗުން މޮޅުވެފައެވެ. މެޗުގައި 270 ޕޮއިންޓް ހޯދައިގެން މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޔުނައިޓެޑް ދިގުވާނޑު ޓީމުގެ ފާތިމަތު ހަނީފާއެވެ.

މިއަދުގެ ދެވަނަ މެޗުގައި ދޫނޑިގަން ކަނބަލުންނާއި މާލެގަން ސްޕޯޓްސް ބައްދަލުކުރިއިރު، މި މެޗުގައި ދޫނޑިގަން ކަނބަލުން ޓީމަށް ހެދިފައިވަނީ 20 ލަނޑު 2 ފޯލިއެވެ. މާލެގަން ސްޕޯޓްސްއިން ވަނީ 23 ލަނޑު 5 ފޯލި ހަދައި މެޗު ކާމިޔާބުކޮށްފައެވެ. މެޗުގައި 352 ޕޮއިންޓް ހޯދައިގެން މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މާލެގަން ސްޕޯޓްސްގެ ޝާދިޔާ މޫސާއެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ދެ މެޗުވެސސް މާދަމާ ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. އެގޮތުން މާލެގަން ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ދިގުވާނޑު ބައްދަލުކުރާ ސެމީ ފައިނަލުގެ ފުރަތަމަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 15:45 ގައެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗު 16:50 ގައި ފަށާއިރު، މި މެޗުގައި ބައްދަލުކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުން ޓީމާއި އެކުވެރި ފުނާޑެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ