
ފުވައްމުލަކުގައި ޤާއިމުކުރާ ޔޫތް ހަބްގެ ޑިޒައިނަށް ޚިޔާލު ހޯދަން ބޭއްވި ބައްދަލުވުން، އާންމުންގެ ތަރުހީބު ނުލިބިގެން ކެންސަލްވެއްޖެ
ފުވައްމުލައް ސިޓީގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރީއޭޝަންގެ ފަރާތުން ޤާއިމުކުރަން ނިންމާފައިވާ 'ޔޫތް ހަބް' ގެ ޑިޒައިނާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް މިރޭ ބާއްވަން ރޭވި އާންމު ބައްދަލުވުން، އާންމުންގެ އެއްވެސް ފަރާތަކުން ހާޒިރުނުވުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.
މިރޭ 20:30 ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައި ބާއްވަން ހަމަޖެހިފައި އޮތް މި ބައްދަލުވުމަށް އާންމު ރައްޔިތުންގެ އެއްވެސް މީހަކު ހާޒިރުވެފައި ނުވެއެވެ. ޒުވާނުންނާ ގުޅުންހުރި މިފަދަ މުހިންމު މަސައްކަތްތަކާއި ގުޅޭގޮތުން ކައުންސިލުން ބާއްވާ ބައްދަލުވުންތަކަށް އާންމުންގެ ފަރާތުން ލިބޭ ތަރުހީބު އިންތިހާޔާށް ކުޑަކަން ފާހަގަކޮށްލެވެއެވެ.
ޒުވާނުންނަށް ޚާއްޞަކޮށްގެން ހިންގާ މިފަދަ ބޭނުންތެރި މަޝްރޫޢެއް ސިޓީގައި ލަސްވުމަކީ، މުޅި މުޖުތަމައަށް، ޚާއްޞަކޮށް ޒުވާނުންނަށް ލިބޭ ބޮޑު ގެއްލުމެކެވެ. ރާއްޖޭގެ އެހެން ބައެއް ސިޓީތަކުގައި މި ޕްރޮޖެކްޓްގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، ފުވައްމުލަކުގައި މި މަސައްކަތް ނުފެށި ލަސްވަމުންދާ ކޮންމެ ދުވަހަކީ ވެސް ގެއްލިގެންދާ ފުރުޞަތެކެވެ.
މި މަޝްރޫޢާ ގުޅިގެން ކުރިއަށް އޮތްތަނުގައި އިތުރު ބައްދަލުވުމެއް ބޭއްވުމާއި މެދު ގޮތެއް ނިންމާނީ ސްޕޯޓްސް މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު ކަމަށް މައުލޫމާތު ލިބެއެވެ.
ކޮމެންޓް
ލޯޑިންގ...
