ޓްރެންޑިންގLoading...
Logo
ފޯރިގަދަ މެޗުތަކަކާއެކު ފުވައްމުލައް ސިޓީކައުންސިލް ބަޝި ޓޯނަމެންޓް 2026 ކުރިޔަށް
ކުޅިވަރު

ފޯރިގަދަ މެޗުތަކަކާއެކު ފުވައްމުލައް ސިޓީކައުންސިލް ބަޝި ޓޯނަމެންޓް 2026 ކުރިޔަށް

September 25, 2026ކިފާހް

ފޯރިގަދަ މެޗުތަކަކާއެކު ފުވައްމުލައް ސިޓީ ކައުންސިލް ބަޝި ޓޯނަމެންޓް 2026 ކުރިއަށްދާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ފިސްޑާގެ މައްޗަށް ދޫނޑިގަން ކަނބަލުން ކުރިހޯދީ 22 ލަނޑު 1 ފޯލިންނެވެ. ދޫނޑިގަން ޓީމު މެޗުން މޮޅުވި ނަމަވެސް، 384 ޕޮއިންޓް ހޯދައިގެން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދޫނޑިގަން ކަނބަލުން ޓީމުގެ މަރިޔަމް މުޙައްމަދެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ޔުނައިޓެޑް ދިގުވާނޑުގެ މައްޗަށް މިސްކިތްމަގު އެންމެންގެ ގުޅުން ޓީމުން ކުރިހޯދާފައިވަނީ 29 ލަނޑު 9 ފޯލިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ 352 ޕޮއިންޓް ހޯދައިގެން މިސްކިތްމަގު ޓީމުގެ މަރިޔަމް އާގިސާއެވެ.

މުބާރާތުގެ ތިންވަނަ މެޗުގައި އެކުވެރި ފުނާޑުގެ މައްޗަށް މާލެގަމް ސްޕޯޓްސް ކުރިހޯދީ 21 ލަނޑު 10 ފޯލިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު 236 ޕޮއިންޓާއެކު ހޯދީ މާލެގަމް ސްޕޯޓްސް ކްލަބުގެ ޝާދިޔާ މޫސާއެވެ.

މުބާރާތުގެ 4 ވަނަ މެޗުގައި މިއަދު ހަވީރު ޑީ.އެސް.އާރު.ސީ އިން މަލްވިން ޓީމުގެ މައްޗަށް ކުރިހޯދީ 25 ލަނޑު 1 ފޯލިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޑީ.އެސް.އާރު.ސީ ޓީމުގެ އައިޝަތު ނާޒިރާއެވެ. އޭނާ ވަނީ 65 ޕޮއިންޓް ހޯދާފައެވެ.

މުބާރާތުގެ 5 ވަނަ މެޗުގައި މިސްކިތްމަގު އެންމެންގެ ގުޅުން ޓީމުން ހަވިއްތަ ޓީމުގެ މައްޗަށް ކުރިހޯދީ 28 ލަނޑު 7 ފޯލިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މިސްކިތްމަގު އެންމެންގެ ގުޅުން ޓީމުގެ ފާތިމަތު ރަޟިއްޔާއެވެ. އޭނާ ވަނީ 368 ޕޮއިންޓް ހޯދާފައެވެ.

މި މެޗުތަކުގައި ކުޅުންތެރިން ހިފާ ކޮންމެ ބޯޅައަކަށް 5 ޕޮއިންޓު، ޖަހާ ކޮންމެ ބޯޅައަކަށް 3 ޕޮއިންޓު، އަދި ހިފާ ކޮންމެ ސައްޕަކަށް 7 ޕޮއިންޓު ލިބިގެންދާނެއެވެ. މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދަނީ މިގޮތުން ޕޮއިންޓުދީ، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ހޯދާ ކުޅުންތެރިޔަކަށެވެ.

26 ސެޕްޓެމްބަރު ވާ ހޮނިހިރު ދުވަހު ހެނދުނު މުބާރާތުގެ 6 ވަނަ މެޗު ކުޅެވިގެންދާނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ފިސްޑާ އާއި މާލެގަމް ސްޕޯޓްސް ކްލަބެވެ. މި މެޗު އޮންނާނީ ހެނދުނު 6:30 ގައެވެ. ހޮނިހިރު ދުވަހު ހަވީރު ދެ މެޗު ކުޅެވޭނެއެވެ. އެގޮތުން ހަވީރުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ދިގުވާނޑު އަދި މަލްވިންއެވެ. މި މެޗު ފަށާ ގަޑިއަކީ ހަވީރު 15:45 އެވެ. 16:50 ގައި ފަށާ ހޮނިހިރު ދުވަހުގެ ދެވަނަ މެޗު (މުބާރާތުގެ 8 ވަނަ މެޗު) ގައި ބައްދަލުކުރާނީ ދޫނޑިގަން ކަނބަލުން އަދި އެކުވެރި ފުނާޑެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ