
ފުވައްމުލައް ސިޓީ ކައުންސިލް ބަށިބޯޅަ މުބާރާތް 2026 މާދަމާ ފަށަނީ
ފުވައްމުލައް ސިޓީ ކައުންސިލްގެ މިއަހަރުގެ ކުޅިވަރު ކަލަންޑަރުގައި ހިމެނޭ "ސިޓީ ކައުންސިލް ބަށިބޯޅަ މުބާރާތް 2026" މާދަމާ ފެށުމަށް ތާވަލުކޮށްފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، ކުޅިވަރު ކަލަންޑަރުގައި މި މުބާރާތް ހިމެނުމުގެ މައިގަނޑު މަގުސަދަކީ ފުވައްމުލަކު ރައްޔިތުންގެ މެދުގައި ބަށިކުޅުމުގެ ރޫހު އާލާކުރުމާއި، މޮޅު ކުޅުންތެރިންތަކެއް އުފެއްދުމުގެ އިތުރުން ބަށިކުޅެން ޝައުގުވެރިވާ ފަރާތްތަކަށް ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު ހޯދައިދިނުމެވެ.
ޖުމްލަ 9 ޓީމު ބައިވެރިވެފައިވާ މި މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ. ސެމީ ފައިނަލް މެޗުތައް ކްރޮސްކޮށް ކުޅުމަށްފަހު، މޮޅުވާ ދެ ޓީމު ދާނީ ފައިނަލަށެވެ.
މުބާރާތުގެ ގްރޫޕްތައް:
- ގްރޫޕް 1: ފުވައްމުލަކު ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމެންޓް އެސޯސިއޭޝަން (ފިސްޑާ)، ދޫނޑިގަން ކަނބަލުން، މާލެގަން ސްޕޯޓްސް ކްލަބް އަދި އެކުވެރި ފުނާޑު.
- ގްރޫޕް 2: މިސްކިތްމަގު އެންމެންގެ ގުޅުން، ޔުނައިޓެޑް ދިގުވާނޑު، މަލްވިނަ، ޑީ.އެސް.އާރު.ސީ ރަނިން އަދި ހަވިއްތަ.
މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިސްކިތްމަގު ވޮލީކޯޓު ސަރަހައްދުގައި ތައްޔާރުކޮށްފައިވާ ބަށިކޯޓުގައެވެ. މުބާރާތުގެ މެޗުތައް މައިގަނޑުގޮތެއްގައި ހަވީރު ކުޅުނު ނަމަވެސް، ހުކުރު އަދި ހޮނިހިރު ދުވަހުގެ ހެނދުނުވެސް މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ (24 ސެޕްޓެމްބަރ 2026) މާދަމާ ހަވީރު 15:45 ގައެވެ. މުބާރާތުގެ ފުރަތމަ މެޗުގައި ބައްދަލުކުރާނީ ފިސްޑާ އާއި ދޫނޑިގަން ކަނބަލުންނެވެ. ދެވަނަ މެޗުގައި ހަވީރު 16:50 ގައި ބައްދަލުކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުން އަދި ޔުނައިޓެޑް ދިގުވާނޑެވެ.
ކޮމެންޓް
ލޯޑިންގ...
