
އުރީދޫ މޯލްޑިވްސް އާއި އެމްއެންޑީއެފް ސަދަން އޭރިއާ ގުޅިގެން ފުވައްމުލަކުގައި ގަސް އިންދުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށައިފި
އުރީދޫ މޯލްޑިވްސް އިން އިސްނަގައިގެން، އެމްއެންޑީއެފް ސަދަން އޭރިއާއާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ގަސް އިންދުމުގެ ޚާއްޞަ ޕްރޮގްރާމެއް މިއަދު ފުވައްމުލަކުގައި ފަށައިފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން އުރީދޫއިން ކުރިއަށްގެންދާ ހަރަކާތެކެވެ. މާއިރި އޮންލައިންއަށް މަޢުލޫމާތު ދެއްވަމުން އުރީދޫގެ ސަދަން ރީޖަން މެނޭޖަރު ޚަދީޖާ ތިހާމާ އަޙްމަދު ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން ސަދަން އޭރިއާގައި 20،000 ގަސް އިންދުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 3،000 ގަސް އިންދުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކުގައެވެ.
ތިހާމާ އިތުރަށް ވިދާޅުވީ، ފުވައްމުލަކުގައި މި ޕްރޮގްރާމް ކުރިއަށްދާނީ ސިޓީ ކައުންސިލުން އިންދަން ބޭނުންވާ ގަސްތަކުގެ ބާވަތްތައް ބެލުމަށްފަހު، އެމްއެންޑީއެފް މެދުވެރިކޮށް އެ ގަސްތައް ހޯދައި، ކައުންސިލުން ކަނޑައަޅާ ސަރަޙައްދުތަކުގައި އިންދާ ގޮތަށް ކަމަށެވެ.
މި ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވަނީ ފުވައްމުލަކު ދަޑިމަގު ފަންނު ސަރަޙައްދުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާޢީލް ރަފީޤް އާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަރު މުޙައްމަދު ޖަމްޝާދުގެ އިތުރުން އުރީދޫގެ ސަދަން ރީޖަން މެނޭޖަރު ޚަދީޖާ ތިހާމާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން މި މުއައްސަސާތަކުގެ އިސްވެރިންނާއި، މުވައްޒަފުން އަދި ފުވައްމުލަކުގެ އަވަށްތަކުގެ ކައުންސިލަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް އުރީދޫއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.
ކޮމެންޓް
ލޯޑިންގ...
