ޓްރެންޑިންގLoading...
Logo
ސަރުކާރު އޮފީހުގެ ގޮނޑިން ތެދުވާން ވިސްނަންވީ ވަގުތު ޖެހިއްޖެ: ފުވައްމުލަކުގެ ޒުވާނުން އަމިއްލަ މަސައްކަތަށް މިހާރަށްވުރެ ބޮޑަށް ނުކުންނަން ވިސްނަންވީ ކީއްވެ؟
ކޮލަމް

ސަރުކާރު އޮފީހުގެ ގޮނޑިން ތެދުވާން ވިސްނަންވީ ވަގުތު ޖެހިއްޖެ: ފުވައްމުލަކުގެ ޒުވާނުން އަމިއްލަ މަސައްކަތަށް މިހާރަށްވުރެ ބޮޑަށް ނުކުންނަން ވިސްނަންވީ ކީއްވެ؟

September 22, 2026ކިފާހް

އެއްވެސް ހާލެއްގައި ދައުލަތަށާއި ގައުމަށް ޚިދުމަތްކުރުމުން އެންމެން އެއްކިބާވާ ވާހަކައެއް ނޫނެވެ. އަދި ކިއެއްތަ ރަށަށް ދައުލަތައް ގައުމަށް ޚިދުމަތް ކުރުމަކީ އެންމެހައި ދިވެހިންގެ ހިތުގައި ބިންވަޅު ނެގިފައި އޮންނަންވީ މުހިންމު ވިސްނުމެކެވެ. އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާހެން "ގައުމު ތިމާޔަށް ކޮށްދެނީ ކޮންކަމެއްތޯ ނުއަހާށެވެ. އޭގެ ބަދަލުގައި ތިމާއަށް ގައުމައްޓަކައި ކޮށްދެވެނީ ކޮންކަމެއްތޯ އަހާށެވެ" މި އީ ވަރަށް މާނަފުން އެންމެން މި ވާހަކަޔާއި މެދު ވިސްނާ ފިކުރުކުރުން މުހިންމު ވާހަކައެއް ކަމުގައި ދެކެމެވެ. އަދި ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި ވެރިކަންކުރާ އިރު ވެރިކަމުގެ ފަރާތުން ކުރަންވިސްނާ ކަންކަން ތަންފީޒުކުރަން ތިބެނީ އޮފީސްތަކުގެ މޭޒުތައް ކައިރީގައި ތިބޭ ހީވާގި މުވައްޒަފުންނެވެ. ގިނަ އެސް.އޯ.އީ ތަކުންދެނީ އަސާސީ ޚިދުމަތްތަކެވެ އެހެންކަމުން މިކަންކަން ރައްޔިތުންނަށް ހައްގުވާ ފެންވަރުގައި އެފަދަ ހަލުވިކަމާއެކު ފޯރުކޮށް ދިނުމައްޓަކައި މި އޮފީސްތަކުގައި ހީވާގި ކުޅަދާނަ އިލްމީ މީހުން ތިބުމަކީ ލާޒިމް ކަމެކެވެ.

ދައްކަން މިއުޅޭ ވާހަކައަކީ ރާއްޖޭގެ މިހާރުގެ ޙާލަތު އޮތްގޮތުން އިތުރު ވިސްނުންތަކެއް ގެންނަން ޖެހިއްޖެ ވާހަކައެވެ. ތަފާތު ސަރުކާރުތަކުން ތަފާތު ވިސްނުމުގައ ތަފާތު ބޭނުންތަކަށް ދައުލަތުގެ އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަދަދެއްގެ ވަޒީފާތަކެއްވަނީ ދީފައެވެ. ދާދި ފަހުން ކުންފުނިތަކުގެ ބެލެނިވެރިފަރާތް ކަމަށްވާ ޕީ.ސީ.ބީއިން ވެސް ބުނެފައިވަނީ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް ރައިޓް ސައިޒް ކުރަންޖެހިފައިވާ ކަމަށާއި އެގޮތުން ބައެއް ކުންފުނިތަކުން 33 އިންސައްތަ މީހުން މިހާރުން މިހާރަށްވެސް ދޫކޮށްލަން އެފަރާތުންވަނީ ކުންފުނިތަކަށް އިރުޝާދު ދީފައެވެ.

އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި މިހާލަތުގައި އެއް ގޮތައްވުރެ ގިނަ ގޮތުން ދިވެހި ގައުމަށް ފައިދާބޮޑީ އަދުގެ ޒުވާނުން ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގޮނޑިންތެދުވެ ވިޔަފާރިއާއި އެހެނިހެން އިގްތިސާދީ މަސައްކަތްތަކުގެ ތެރެއިން ގައުމަށް ތިމާޔަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލައި އެކަމާއިގެން މަޝްއޫލުވުމެވެ.

އެގޮތުން ފުވައްމުލަކުގައި ދިރިއުޅޭ ޒުވާނުންނަށް ފުވައްމުލަކުގައި ހުރި މިފަދަ ފުރުސަތުތަކާއި އެ ފުރުސަތުތަކުން ރަށަށާއި ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނާލަމާ ހިނގާށެވެ. ފުވައްމުލަކަކީ އެތަނެއްގެ ގުދުރަތީ ރީތިކަމާއި، ވަސީލަތްތަކުގެ މުއްސަނދިކަމުން މުޅި ރާއްޖެއަށް ބެލިޔަސް ޚާއްޞަ ރަށެކެވެ. ނަމަވެސް، ގިނަ ޒުވާނުންގެ ވިސްނުން އަދިވެސް ހުރީ ސަރުކާރު އޮފީހެއްގެ ނުވަތަ ކުންފުންޏެއްގެ ގޮނޑިއެއްގައި، 8 އިން 4 އަށް އިނދެގެން ލިބޭ މުސާރައަކުން ދިރިއުޅުން ބައްޓަންކުރުމަށެވެ. އެކަމަކު، ޙަޤީޤީ ފާގަތިކަމާއި މިނިވަންކަން އޮތީ ސަރުކާރުގެ ވަޒީފާގެ ބޭރުން، އަމިއްލަ މަސައްކަތެއް ފަށައިގެން ކަން މިއަދު މިއޮތީ ވިސްނަންޖެހިފައެވެ.

މިކަން މިހެންކުރަންވީ ސަބަބުތަކަކީ ކޮބައިތޯ ވިސްނާލާއިރު ސަރުކާރުގެ ވަޒީފާއަކީ މަހުން މަހަށް ކަށަވަރު މުސާރައެއް ލިބޭ، ރައްކާތެރި ގޮތެއް ކަމަށް ހީވިނަމަވެސް، އޭގައި ބޮޑެތި އިންތަކާއި މިންތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ސަރުކާރުގެ އޮގަނައިޒޭޝަނަލް ސްޓްރަކްޗަރުގެ ތެރޭގައި ކުރިއެރުން އޮންނަނީ ވަކި މިންވަރެއްގައި ހިފެހެއްޓިފައެވެ. ކިތަންމެ މުރާލިކޮށް، ގިނައިރު މަސައްކަތް ކުރިޔަސް، މަހުގެ ނިޔަލަށް ލިބޭނީ އެ ވަޒީފާއަކަށް ކަނޑައެޅިފައިވާ މުސާރައެކެވެ. އޭގެ ބަދަލުގައި، އަމިއްލަ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ފެށުމަކީ ތިމާގެ އާމްދަނީގެ އިންސައްތަ ތިމާގެ އަމިއްލަ މަސައްކަތާއި ހިކުމަތާ ގުޅުވައިދޭ ކަމެކެވެ. އާމްދަނީއަށް ވަކި އިންތަކެއް ނޯވެއެވެ. ތިމާގެ މުރާލިކަމާއި ވިސްނުމުގެ ތޫނުކަން ހުރެއްޖެނަމަ ކިތަންމެ ކުރިޔަށްވެސް ދެވޭން އެބައޮތެވެ. ރާއްޖޭގެ ނަންމަޝްހޫރު ވިޔަފާރި ވެރިންގެ ކާމިޔާބީއާއި މެދު ވިސްނާލުމުން އެކަނިވެސް މިކަން ކިތަންމެ ފުރިހަމަޔަށްވެސް އެނގިގެންދާނެއެވެ.

ފުވައްމުލަކަކީ ރާއްޖޭގެ ނިސްބަތުން  އަމިއްލަ ވިޔަފާރިތަކަށް އިންތިހާއަށް ފުރުޞަތު ބޮޑު ރަށެކެވެ. އެގޮތުން ފުވައްމުލަކުގެ ޒުވާނުންނަށް ހުރި ބައެއް ފުރުސަތުތަކަކީ:

  • ޑައިވް އަދި އީކޯ-ޓޫރިޒަމް: ފުވައްމުލަކަކީ "ޓައިގާ ޝާކް" ޑައިވިންގއަށް މުޅި ދުނިޔޭގައިވެސް މަޝްހޫރު ރަށެކެވެ. ސަރުކާރު އޮފީހެއްގައި އިނުމުގެ ބަދަލުގައި، ސާޓިފިކެޓް ހޯދައިގެން ޑައިވް އިންސްޓްރަކްޓަރަކަށް ވުމުން ނުވަތަ ގެސްޓްހައުސް މެނޭޖްމަންޓާއި ފޮޓޯގްރަފީގެ ޚިލްމަތް ދިނުމުން، އެކަށީގެންވާ ރަނގަޅު އާމްދަނީއެއް ޑޮލަރުން ހޯދުމުގެ ފުރުޞަތު އެބައޮތެވެ.
  • ޑިޖިޓަލް އަދި ރިމޯޓް މަސައްކަތް :މުޅި ދުނިޔެ ޑިޖިޓަލްވަމުން ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ވަސީލަތްތަކާއި ދިމާލަށް މިސްރާބު ބޮޑުތަނުން ހިފައިފާ ވާއިރު، ރަށުގައި ތިބެގެން ބޭރުގެ ކުންފުނިތަކަށް ގްރެފިކް ޑިޒައިނިންގ، ސޮފްޓްވެއަރ އަދި ވެބްސައިޓް ހަދައިދިނުން، ނުވަތަ ސޯޝަލް މީޑިއާ މެނޭޖްމަންޓް އަދި ޑިޖިޓަލް މާކެޓިން ފަދަ ޚިދުމަތް ދެވިދާނެއެވެ. މިއީ ސަރުކާރުން ލިބޭ މުސާރައަށްވުރެ އެތައް ގުނައެއް އިތުރަށް އާމްދަނީ ހޯދިދާނެ މަގެކެވެ.
  • ދަނޑުވެރިކަމާއި ލޯކަލް އުފެއްދުންތައް: ފުވައްމުލަކުގެ ފަސްގަނޑުގެ މުއްސަނދިކަމާއެކު، ޒަމާނުއްސުރެ ކުރަމުން އަންނަ ދަނޑުވެރިކަމަށްވެސް ފަހި މާހައުލެއް ފުވައްމުލަކުގައި އެބައޮތެވެ. ޒަމާނީ ވަސީލަތްތައް ދަނޑުވެރިކަމުގެ ތެރެއަށް ވައްދައި ރޭވުންތެރިކަމާއެކު މިކަން ކޮށްފިނަމަ ދަނޑުވެރިކަމުން އޮފީހުން ލިބޭ މުސާރައަށްވުރެ ބޮޑު އެއްޗެއް ނެރެވިދާނެއެވެ. ބޭނުންވަނީ ކެރުންތެރިކަމާއި ރިސްކުނެގުން އަދި މުރާލިކަމާއި ރޭވުންތެރިކަމެވެ.

އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ރަށުގައި ގިނަވުމަކީ އެއްގޮތައްވުރެ ގިނަގޮތްގޮތުން އެކަމުގެ ރަނގަޅު އަދި ނުރަނގަޅު އަސަރު ރަށަށާއި ގައުމަށް ކުރާނެ ކަމެކެވެ. އެގޮތުން އަމިއްލަ މަސައްކަތް ކުރުމަކީ ކުރީކޮޅު ރިސްކު ބޮޑު ބުރަކަމެއް ނަމަވެސް، ވިޔަފާރި ރަނގަޅަށް ހިނގައިގަނެ ފުޅާވެގެން ދިޔުމުން މާލީ މިނިވަންކަން ލިބި، ދިރިއުޅުމުގެ ކަންކަން އިތުރަށް ފުރިހަމަކުރުމަށް އިންތިހާއަށް ފުރުޞަތު ހުޅުވިގެންދާނެއެވެ. ޓެކްސް ފައިސާ ދައުލަތަށް ވަދެ، ދައުލަތުގެ ޚަރަދުތައް ކުޑަވެ، އިޤްތިޞާދު ސިންދަފާތު ކުރުމުގައި ބައިވެރިވެވުނީއެވެ. ބޭރު ފައިސާ (ޑޮލަރު) ރަށުގެ އިޤްތިޞާދަށް ވަދެ، އެހެން މީހުންނަށް ވަޒީފާގެ ފުރުޞަތުތަކެއް ތަނަވަސްކޮށް ދެވޭނެއެވެ.

މިއާޚިލާފަށް ސަރުކާރު އޮފީހެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތް ކުރުމުން، ކަށަވަރު މުސާރައެއް ލިބުނު، ނަމަވެސް އާމްދަނީ އޮންނަނީ ވަކިވަރެއްގައި ހިފެހެއްޓިފައެވެ. ތަކެތީގެ އަގު އުފުލުން ފަދަ ކަންކަން އިގްތިސާދުގައި ހިނގާއިރު ހަގީގީ މާނާގައި ލިބޭ އާމްދަނީ ކުޑަވެގެންދާނެއެވެ. ދައުލަތުގެ ޕޭރޯލް ބޮޑުވެ، ދަރަންޏާއި ޚަރަދުތައް އިތުރުވެއެވެ. މިއީ ދައުލަތަށް އުފުލަންޖެހޭ މާލީ ބާރެކެވެ. އެކެއްގެ އަތުން  އަނެކެއްގެ އަތައް ފައިސާ ދައުރުވުން ފިޔަވައި، އާ މުއްސަނދިކަމެއް އުފެދި ނުވަތަ ބޭރުގެ ފައިސާއެއް ރަށަކަށް ނުވަދެއެވެ.

އެހެންކަމުން މިއަނދު ގައުމުގެ ޒުވާނުން ވަކީން ޚާއްސަކޮށް ފުވައްމުލަކު ޒުވާނުން އޮފީހެއްގެ ގޮނޑިން ތެދުވެ އެހެން މިސްރާބަކަށް ދާން ފިޔަވަޅު އަޅަމާހިނގާށެވެ. ރިސްކު ނެގުމަކީ ބިރުވެރި ކަމެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ އަމިއްލަ ޤާބިލުކަން އިތުރުކުރުމަށް އޮތް ފުރުޞަތެއްގެ ގޮތުގައި ދެކެންވެއްޖެއެވެ. ކުޑަކޮށް ފަށައިގެން، ތަޖުރިބާ ހޯދަމުން، ވިޔަފާރި ފުޅާކުރުމަކީ މިއަދުގެ ޒުވާނުންނަށް ނުކުރެވޭނެ ކަމެއް ނޫނެވެ.

ފުވައްމުލަކުގެ މުސްތަޤްބަލް އޮތީ ސަރުކާރުގެ އޮފީސްތަކުގެ މޭޒުމަތީގައެއް ނޫނެވެ. ޒުވާނުންގެ އަމިއްލަ އުފެއްދުންތެރިކަމާއި، ހިތްވަރާއި، އަމިއްލަ މަސައްކަތުން ބިނާކުރާ ވިޔަފާރިތަކުގެ ތެރޭގައެވެ. ސަރުކާރުގެ ވަޒީފާއަކަށް އިންތިޒާރުކުރުން ހުއްޓާލައި، އަމިއްލަ އިޤްތިޞާދީ މިނިވަންކަން ހޯދުމަށް މިއަދު އިސްނަގަމާ ހިންގަވާށެވެ! އިންތިޚާބުތަކުގައި ތިމާގެ އަމިއްލަ ވިސްނުމަށް ވޯޓުދީ ސިޔާސީގޮތުން މަސައްކަތްކުރާއިރު ގައުމީ މަސްލަހަތު ކުރިޔަށް ނެރެވޭނީ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް އާމްދަނީ ލިބޭ މަގަކީ ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނޏެއްގައި މުސާރަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މަދަލްގައި އަމިއްލަ މަސައްކަތް ކޮށްގެން އެއްވެސް ކަހަލަ މަޖުބޫރެއް އަޅުދާސްތުވުމެއް ނެތި ދިރިއުޅޭނެ މަގު ކޮށުނު މިންވަރަކުންނެވެ.

ޙިއްޞާ ކުރާ:

ކޮމެންޓް

ލޯޑިންގ...

ކޮމެންޓް ކުރައްވާ

ފޮލޯ ކުރައްވާ