
ސަސްޕެންޑް ކުރިތާ 10 ދުވަސް ފަހުން ފުވައްމުލައް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖް މެޓާއިން އިޔާދަކޮށްދީފި
ސަސްޕެންޑް ކުރިތާ 10 ދުވަސް ފަހުން، ފުވައްމުލައް ސިޓީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖް މެޓާއިން ރޭގެ ވަގުތެއްގައި އިޔާދަކޮށްދީފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖް ސަސްޕެންޑްކޮށްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެ ދުވަހު ބޭއްވި "ފުވައްމުލައް ސިޓީ ކައުންސިލް ވެޓެރެންސް ފުޓްސަލް މުބާރާތް"ގެ ފައިނަލް މެޗު ޕޭޖް މެދުވެރިކޮށް ލައިވްކުރަމުން ދަނިކޮށް ޕޭޖް ސަސްޕެންޑްކުރީ ކޮޕީރައިޓް މައްސަލައަކާ ގުޅިގެން ކަމަށް ބެލެވުނު ނަމަވެސް، ސަސްޕެންޑް ކުރި ސީދާ ސަބަބު މެޓާއިން ކަށަވަރުކޮށްދީފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލަ ހައްލުކުރުމަށް ކައުންސިލްގެ އައިޓީ ޓީމުން ކުރި މަސައްކަތުން ޕޭޖް އަނބުރާ އިޔާދަވެފައިވާއިރު، ފާއިތުވި 10 ދުވަސްތެރޭ ކައުންސިލްގެ މައުލޫމާތުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައެވެ. 13،000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ފުވައްމުލަކުގައި، ކައުންސިލުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދޭ އެންމެ މުހިންމު އެއް ވަސީލަތަކީ އެ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖެވެ.
7 އެޕްރީލް 2011 ގައި ވުޖޫދުވެގެންދިޔަ ފުވައްމުލައް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖަކީ ދިވެހިރާއްޖޭގެ ދައުލަތުގެ އިދާރާއެއްގެ އެންމެ ފުރަތަމަ 'ވެރިފައިޑް ފޭސްބުކް ޕޭޖެވެ. 13،000 އަށްވުރެ ގިނަ ރައްޔިތުން ރަޖިސްޓްރީވެފައިވާ އެ ސިޓީގެ ކައުންސިލް ޕޭޖަކީ 20،000 އަށްވުރެ ގިނަ ފޮލޯވަރުން ތިބި، އަދި މިހާތަނަށް 10،000 އަށްވުރެ ގިނަ ޕޯސްޓު ހިއްސާކޮށްފައިވާ މުހިންމު މަންސައެކެވެ.
ކޮމެންޓް
ލޯޑިންގ...
