
ރާއްޖޭގެ ފުރަތަމަ ޖޫނިއާ ލައިފްގާޑް ޓްރެއިނިން ޕްރޮގްރާމު ފުވައްމުލަކުގައި ފަށައިފި
އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އާފް) އިން އިސްނަގައިގެން، ރާއްޖޭގެ ފުރަތަމަ "ޖޫނިއާ ލައިފްގާޑް ޓްރެއިނިން ޕްރޮގްރާމް" ފުވައްމުލައް ސިޓީގައި މިއަދު ފަށައިފިއެވެ.
ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައި ހެނދުނު ބޭއްވި މި ޕްރޮގްރާމް ފެއްޓުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕްއެވެ.
އުމުރުން 11 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި 24 ކުދިން ބައިވެރިވެފައިވެއެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ޕްރޮގްރާމްގައި ތަމްރީނު ފޯރުކޮށްދެއްވާނީ "ވޯޓަރ ޕެޓްރޯލް އޮސްޓްރޭލިއާ" ގެ ތަޖުރިބާކާރު ބޭފުޅުންނާއި ރާއްޖޭގެ ފަންނީ ތަޖުރިބާކާރުންނެވެ.
މި ޕްރޮގްރާމްގެ ތެރެއިން ތިއަރީ ސެޝަންތަކާއި ޕްރެކްޓިކަލް ސެޝަންތަކުގެ އިތުރުން، މޫދުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ޢަމަލީ ސެޝަންތައް ކުރިއަށްދާނެއެވެ. އަދި މި ފަންނަށް މުހިންމު މޫދުގެ ހޭލުންތެރިކަމާއި، ރެސްކިއު އަދި އަވަސް ފަރުވާ (ސީޕީއާރް) ދޭނެ ގޮތްތަކާއި، ޚައްސާސް ވަގުތުތަކުގައި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރުގެ އިތުރުން ލީޑަޝިޕާއި ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުންވެސް ފުޅާދާއިރާއެއްގައި މައުލޫމާތު ދެވިގެންދާނެއެވެ.
މި ޕްރޮގްރާމް އިފްތިދާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮސްޓްރޭލިއާގެ ސަފީރު ވިދާޅުވީ، ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއަކީ ވެސް ޖަޒީރާ ޤައުމުތަކަކަށްވެފައި، ދިވެހިންގެ ބޮޑު އާބާދީއެއް މޫދާ 100 މީޓަރު ކައިރީގައި ދިރިއުޅެމުންދާއިރު، އޮސްޓްރޭލިއާގެ އާބާދީގެ 90 އިންސައްތަ މީހުން ދިރިއުޅެނީ މޫދާ 100 ކިލޯމީޓަރު ކައިރީގައި ކަމަށެވެ.
"އެހެންކަމުން މޫދުގެ ރައްކާތެރިކަމާއި ލައިފްގާޑު ހުނަރުތަކަކީ އަޅުގަނޑުމެން ދެ ޤައުމުގެ ރައްޔިތުންނަށްވެސް މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންތިހާއަށް މުހިންމު ކަންކަން. އޮސްޓްރޭލިއާ މާލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން ކުރިއަށްގެންދާ 'މޯލްޑިވްސް ޖޫނިއަރ ލައިފްގާޑިންގ ޕްރޮގްރާމް' އަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އޮސްޓްރޭލިއަން ހައިކޮމިޝަނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ސަފީރު ވިދާޅުވިއެވެ.
ކޮމެންޓް
ލޯޑިންގ...
