
އޮރެންޖް އެލާޓާ އެކު ބޯކޮށް ވާރޭ ވެހުނު ނަމަވެސް، ލިބުނު ގެއްލުން ކުޑަ
ރާއްޖޭގެ ދެކުނުގެ ރަށްތަކަށް އިއްޔެ ނެރެވުނު އޮރެންޖް އެލާޓާ ގުޅިގެން ބޯކޮށް ވާރޭ ވެހުނު ނަމަވެސް، ފުވައްމުލައް ސިޓީއަށް ލިބުނު ގެއްލުން ކުޑަ އެވެ.
މި ވިއްސާރައިގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފުވައްމުލަކު ޣާޒީމަގާއި އާންމުކޮށް ފެންބޮޑުވާ ސަރަހައްދުތަކުގައި ވަނީ ބޮޑަށް ފެންބޮޑުވެފަ އެވެ. އަދި ވިއްސާރައިގެ ސަބަބުން ތިން ސަރަހައްދަކުން ގަސްވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ. މީގެއިތުރުން، މި ސިޓީގައި ހުރި ހައުސިން ޔުނިޓްތަކަށް ފެނުގެ އަސަރު ކުރުމުގެ ހާދިސާތަކެއް ހިނގާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. ބައެއް ފްލެޓްތަކަށް ފެންވަދެ ފަރުނީޗަރު ފަދަތަކެއްޗަށް ގެންލުން ލިބިފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން ނަރުދަމާ ނިޒާމު އޯވަލޯޑް ވެގެން ފާޚާނާ ފްލަޝް ކުރުމުގައި ވެސް ބައެއް ދަތިތައް ދަނީ ދިމާވަމުންނެވެ.
ގަސްވެއްޓުނު ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ކައުންސިލްގެ މުވައްޒަފުން މިހާރުވެސް ދަނީ ކުރަމުންނެވެ.
މި ވިއްސާރައާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުން ތބީ ތައްޔާރީ ހާލަތުގަ އެވެ. އަދި ގޭގެއަށް ފެން ވަނުމުގެ ފުރުސަތު ބޮޑު ސަރަހައްދުތައް ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ބަރާބަރަށް ދަނީ މޮނިޓާ ކުރަމުންނެވެ. މީގެ އިތުރުން، އެމްޓީސީސީގެ ފަރާތުންދަނީ ފުވައްމުލަކު މަގުތަކުން ފެން ހިންދުމަށް ގާއިމުކޮށްފައިވާ ނިޒާމު ކައިރިން ބަލަހައްޓަމުންނެވެ.
މިފަދަ ކޮންމެ ދަނޑިވަޅެއްގައި ވެސް ފުވައްމުލައް ސިޓީ ކައުންސިލް އިސްވެ އޮވެ، ރަށުގައި ގާއިމުވެފައިވާ މުއައްސަސާތަކާ ގުޅިގެން ފާހަގަކޮށްލެވޭ ފަދަ އަގުހުރި މަސައްކަތްތަކެއް އަބަދުވެސް ދަނީ ކުރަމުންނެވެ. ފެންބޮޑުވުމުގެ މި ހާދިސާއާ ގުޅިގެން އެހީތެރިކަން ބޭނުންވާ ފަރާތްތަކުން، ފުވައްމުލައް ފަޔާ ސްޓޭޝަންގެ ނަންބަރު 6869118 އަށް ގުޅުއްވުމުން އެކަން ހަމަޖެހިގެންދާނެ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.
ކޮމެންޓް
ލޯޑިންގ...
